މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) އިން ޢާންމުކުރި އިންޒާރުގެ ވީޑިއޯއެއްގައި ހޮލީވުޑް ފިލްމުތަކެއްގެ މަންޒަރުތަކެއް ހިމަނާފައިވާކަން ހާމަވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެންމެ ފަހުން އައިސްއެސް ޖަމާޢަތުން ޢާންމުކުރި ވީޑިއޯގައި ފެންނަނީ މަޝްހޫރު ހޮލީވުޑް ފިލްމް، "ދަ ލޯޑް އޮފް ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް"ގެ މަންޒަރެކެވެ. އެގޮތުން އެ ފިލްމުގައި ހަނގުރާމައެއް ކުރިއަށްދާ މަންޒަރު އައިއެސް އިން ޢާންމުކުރި ދެމިނެޓާއި ތިރީސް ސިކުންތުގެ ވީޑިއޯގައި ވަނީ ހިމަނާފައެވެ.

އައިއެސްއިން ޢާންމުކުރި ވީޑިއޯގައި ފިލްމް ލޯޑް އޮފް ދަ ރިންގްސްގެ މަންޒަރެއް

މި ވީޑިއޯއަށް އަޑު އަޅާފައި ވަނީ އަރަބިން ކަމުގައިވާއިރު، އެ އަޑުވެސް ނަގާފައި ވަނީ ހޮލީވުޑްގެ ފިލްމަކުންނެވެ. އެގޮތުން ވީޑިއޯއަށް އަޑު އަޅާފައިވަނީ، 2005 ވަނަ އަހަރު ނެރުނު ފިލްމް "ކިންގްޑޮމް އޮފް ހެވަން"ގެ މަންޒަރަކުން ނަގައިގެންނެވެ.

އައިއެސްގެ ހަނގުރާމަވެރިން ޢާންމުކުރި ވީޑިއޯގައި ފިލްމްތަކުގެ އަޑާއި މަންޒަރުގެ އިތުރުން، އާދައިގެމަތީން ހުޅަނގުގެ ޤައުމުތަކަށް އިންޒާރުދީ "ބޮން އަޅާ" މަންޒަރު ވަނީ ދައްކުވައިދީފައެވެ. ހަމަ އެހެންމެ އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް ޑޮނާލްޑް ޓްރަމްޕާއި ބައެއް ނޫސް އިދާރާތަކުން އައިއެސްގެ ޚަބަރުތައް ގެނެސްދޭ މަންޒަރު ވީޑިއޯގައި ހިމަނާފައި ވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އައިއެސްއިން ޢާންމުކުރި މި ވީޑިއޯގައި ހޮލީވުޑްގެ ފިލްމުތަކެއްގެ މަންޒަރާއި އަޑު ހިމަނާފައިވާއިރު، މީގެ ކުރިންވެސް އައިއެސް އާއި ބައެއް އެހެން ޖަމާޢަތްތަކުން ފިލްމުތަކުގެ މަންޒަރު އެ ޖަމާޢަތުގެ ވީޑިއޯތަކުގައި ހިމަނާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.