(ތިންވަނަ ބައި/ ފަހުބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

އިބްރާހިމްބެ ވިސްނާލުމަށްޓަކައި އެއްޗެކޭ ނުބުނެ ހުއްޓެވެ. އެކިއެކި ޚިޔާލުތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ސެބުރެމުން ދިޔައެވެ. އިބްރާހިމްބެގެ ވާހަކަ ހަމްޒާ ފަޅާއަރުވާލާ ހިސާބުން، ހަމްޒާގެ ދިރިއުޅުން އެއްވެސް ކަމަކާނުލައި ފަނާކޮށްލުމަކީ އިބްރާހިމްބެއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެންވުމުން އެ ފަންޑިތަ ހަމްޒާއަށް ހަދާދިނުމަކުން އޭނާއަށް އެވެސް ބިރެއް ނެތެވެ. އަދި ދެރައެއްވެސް ނުލިބޭނެކަމަށް އޭނާ ދެކުނެވެ.

"އެންމެ ރަނގަޅު! ކައިވެނިވެވޭނެ! އެކަމަކު ބުނަން މިއީ ވަރަށް ނުރައްކާތެރި ފަންޑިތައެއް." އިބްރާހިމްބެ ހަމްޒާއަށް ފަންޑިތައިގެ ހާޖާތް ފާޖާތްގަނޑު ކިޔައިދޭން ފެށިއެވެ. "އެހެންވީމަ މާދަމާ އަހަރެން ބުނާ ގަޑިއަކަށް އާދޭ!"

ހަމްޒާގެ ލޮލަށް ނިންޖެއް ނާދެއެވެ. ދަންވަރުގެ ވަގުތުގައި އިބްރާހިމްބެއާއި ބައްދަލުވެ، އޭނާ ދެއްކި ވާހަކަތަކުން ހަމްޒާއަށް އުފާވެރިކަން ގެނުވަނީއެވެ. އޭނާ ކުރަން ބޭނުންވާ ކަންތައް އެހާ ފަސޭހައިން ވާނޭ މަގު ތަނަވަސްވުމުގެ ސަބަބުންނެވެ. އެއީ އޭނާ ދުވަހަކު ހަޔާތެއްގައިވެސް ޝާނާ އެހާ ފަސޭހައިން ލިބޭނެކަމަށް ދެކިފައިނުވާތީއެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ހަމްޒާ އެނދުމަތިން ތެދުވީ ޖެހި ލަތްކެއްހެންނެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން މިސްކިތާ ދިމާއަށް ހިނގައިގަތެވެ. އޭރު މީހުންތައް ސުންނަތް ރަކުއަތްކުރުމުގައި ދެމި ތިއްބެވެ. މިސްކިތުގެ ބޭރުގައި ހުރެ ހަމްޒާ ފަރާތް ފަރާތަށް ކަޅި ހިންގައިލިއެވެ. އިބްރާހިމްބެ ފެނޭތޯއެވެ. އެހެނަސް އޭނާއަށް އިބްރާހިމްބެ ފެންނަ ގޮތެއް ނުވިއެވެ.

"ހަމްޒާ! ކީއްވެ ސުންނަތް ނުކޮށް ތިހުރީ!"

"އެ!" މީހަކު ހަމްޒާގެ ކޮނޑުގައި އަތް ބޭއްވުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. "އިބްރާހިމްބެތަ؟ އަހަރެން ސުންނަތް ކުރަން މިސްކިތަށް އަރަނިކޮށް ތިޔައީ."

"އަވަހަށް ހިނގާ!" އިތުރު އެހެން ވާހަކެއް ނުދައްކައި އިބްރާހިމްބެ މިސްކިތަށް އެރިއެވެ.

"ލައްބަ!" އިބްރާހިމްބެގެ ފަހަތުން ހަމްޒާވެސް މިސްކިތަށް އެރިއެވެ.

ފަތިސް ނަމާދުކޮށްލައިގެން ހަމްޒާ އިނީ މިސްކިތުގެ ފާރުގައި ލެގިލައިގެންނެވެ. އިބްރާހިމްބެ މިސްކިތުން ފައިބާނެ ވަގުތަކަށް ބަލަބަލައެވެ. އެހެނަސް އިބްރާހިމްބެގެ ހަރަކާތް ހުރި ގޮތުން އޭނާ މިސްކިތުން ފައިބާނެ އިރެއް ނޭނގެއެވެ. އޭރު އިރުގެ ދޯދިތަކުން ކަޅު އަނދިރިކަން ފިލުވާލައި މުޅި ޖައްވު އަލިކުރަމުން ދިޔައެވެ. އެޔާއެކު އިބްރާހިމްބެ ތެދުވެ ޟުހާ ނަމާދުގެ ދެ ރަކުއަތް އަދާކުރަން ފެށިއެވެ. ހަމްޒާ އެ މަންޒަރު ބަލަން އިނީއެވެ.

"އިބްރާހިމްބެ!" ހަމްޒާ މިސްކިތުން ފައިބައިގެން އައިސް އިބްރާހިމްބެއާއި އަރާ ހަމަކުރިއެވެ.

"އާނ! އަހަރެން ހަނދާން އެބަހުރި!" އިބްރާހިމް ހިނގާފައި ދިޔައީ އޭނާގެ ގެއާ ދިމާއަށެވެ. "ހަމްޒާ ހީވަނީ އަހަރެންނަށް ފާރަލާހެން."

"ނޫނޭ! އިބްރާހިމްބެ އެކަންތައް ކޮށްދޭނަމޭ ބުނީމަ ލޮލަށް ހަމަ ނިދި ނައިސްގެން މިއުޅެނީ!" ހަމްޒާ އަވަސް އަވަހަށް ބުނެލިއެވެ.

"މިކަހަލަ ކަންތައް ނުކުރެވޭނެ މާ އަވަސް އަރުވާލައިގެން." އިބްރާހިމްބެ ހަމްޒާއަށް ނަސޭހަތެއް ދިނެވެ. "ނިކަން ތިޔަ ހަލުއި ހަރަކާތްތައް ހުއްޓުވާ، މީހާ ހަމަޖެހިލަބަލަ!"

"ލައްބަ!" ހަމްޒާ ހިނގުން ލަސްކޮށްލައި ހަމަޖެހޭކަމަށް ދައްކައިލިއެވެ.

"މިތަނުގައި އިށީދޭ!" ބޮޑު އަށި އިބްރާހިމްބެ އަތުގެ އިޝާރާތުން ހަމްޒާއަށް ދެއްކިއެވެ.

އިބްރާހިމްބެ އެތެރެގެއަށް ވަދެ ކުޑަ ފެން ފުޅިއެއް ހިފައިގެން އައެވެ. އޭނާ އައިސް ހަމްޒާއާ ކުރިމަތިލާގެން އިށީނެވެ. އެޔާއެކު ކޮންމެވެސް އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެއް ފަހަރު ހަމްޒާގެ ގަޔަށް ބާރުބާރަށް ފުމެލާނެއެވެ. އެނެއްބައި ފަހަރު ފުޅީގެ ތެރެއަށް ބާރުބާރަށް ފުމެލައެވެ. އެގޮތުގެ މަތިން އިބްރާހިމްބެ ފަނަރަވަރަކަށް މިނެޓް ކިޔެވިއެވެ.

"އަން! މީތި މިހިރީ ތައްޔާރުވެފައި." ކުޑަ ފެންފުޅި އިބްރާހިމްބެ ހަމްޒާގެ އަތަށް ދިއްކޮށްލިއެވެ. "މީތި ގެންގޮސް ފެންތައްޓަކައި އަޅާފައި، ކަލޭގެ ކުރިމަތީގައި ބަހައްޓާގެން އަހަރެން މި ދޭ ފޮތް ފެށިގެން ކިޔަވާ! ކިޔަވާނީ މެންދަމު އެކަކަށް ފަހުން."

"ލައްބަ!" އިބްރާހިމްބެ ފޮތް ދިނުމާއެކު ހަމްޒާ އަވަސް އަވަހަށް ދާން ތެދުވިއެވެ.

"މަޑުކޮށްބަލަ!" އިބްރާހިމްބެ ހަމްޒާގެ އަތުގައި ހިފިއެވެ. "ތި ގެންދާނީ މީހުންނަށް ނުފެންނަ ގޮތަށް. އަދި ބުނަން ކިޔަވަން ފަށާތާ އިރުކޮޅެއް ނުވެ ކަލޭ ބޭނުންވާ ކުއްޖާ އަންނާނެ. ދެން ދެވަނަ ފަހަރަށްވެސް އަންނާނެ. ތިންވަނަ ފަހަރަށް އައީމަ ނޫނީ ވާހަކަ ނުދައްކާތި!"

"އެ ކީއްވެ؟" ހަމްޒާގެ އަނގަމެޅުނެވެ.

"ފުރަތަމަ ދެ ފަހަރު އަންނާނީ ކަލޭ ބޭނުންވާ ކުއްޖާގެ ސިފާގައި ހުންނަ އެއްޗެއް. ތިންވަނަ ފަހަރަށް އަންނާނީ އަސްލު ކުއްޖާ!" އިބްރާހިމްބެ އެ ވާހަކަތައް ކިޔައިދީނީ ވަރަށް ހަރުކަށިކޮށެވެ. "ފުރަތަމަ ދެ ފަހަރު ނަމަ ނަމަ ވާހަކަ ނުދައްކާތި!"

"އޭ ބަލަބަލަ! ކޮން އެއްޗެއް ހިފައިގެން ތިޔަ ދަނީ؟" ކުއްލިއަކަށް މުހައްމަދު ހަމްޒާގެ ކުރިމައްޗަށް އެރިއެވެ.

"އިބްރާހިމްބެ ދިން އެއްޗެއް ހިފައިގެން މި ދަނީ!" ހަމްޒާގެ އަތުގައި ހުރި ކޮތަޅުގެ ތެރެއިން ފެންފުޅި ނަގައި މުހައްމަދަށް ދައްކައިލިއެވެ.

"ތިއީ ކޮން އެއްޗެއް؟" މުހައްމަދު އެޔަށް ރަނގަޅަށް ނަޒަރު ހިންގައިލިއެވެ.

"އޭ ނެތޭ ހުރެވޭކަށް! މި އަންނަ ހުކުރު ދުވަހު ހުކުރު ނަމާދުން ފައިބެގެން ކޮންމެއަސް އަހަރެންގެ ގެއަށް އަންނާތި!" އެހެން ބުނެފައި ހަމްޒާ އަވަސް އަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ.

ހަމްޒާ ފުރަގަހަށް އަތްލައިގެން ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. އިރުއިރުކޮޅުން ފާރުގައި އިން ގަޑިއަށް ބަލައިލައެވެ. ގަޑިން އެކެއް ޖަހާތޯއެވެ. އެގޮތުގައި ހަމްޒާ ހިނގާލަ ހިނގާލާ ހުރީ އިޝާ ނަމާދުން ފޭބީންސުރެއްނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގައި ލިޔެވެމުން ދިޔައީ ޝާނާ އައުމުން ކުރާނެ ސުވާލުތަކެވެ. ދައްކާނެ ވާހަކަތަކެވެ. ފޮޅުވާނެ މާތަކެވެ. ބައިލާނެ ތަރިތަކެވެ.

ގަޑިން އެކެއް ޖެހުމާއެކު ހަމްޒާ ގޮނޑީގައި އިށީނެވެ. ފެންތަށި ކުރިމަތީގައި ބަހައްޓާ އިބްރާހިމްބެ ދިން ފޮތުގައި އޮތް އަރަބި ކަލިމަތައް ކިޔަވަން ފެށިއެވެ. ކަލިމައަކަށްފަހު ކަލިމައެކެވެ. އިސާހިތަކު އިރުތަކެއް ނުވެ ޝާނާ އައިސް ހަމްޒާގެ ކުރިމަތީގައި ހުއްޓުނެވެ. ހަމްޒާ ޝާނާއަށް ބަލައިލިއެވެ. އެޔަށްފަހު ކިޔެވުން ކުރިއަށް ގެންދިއެވެ.

ކިޔަވަން ފެށުމާއެކު ޝާނާ ވައިގެ ތެރެއަށް ގެއްލުނެވެ. ހަމްޒާ ހުއްޓުމެއް ނެތި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެގޮތުގައި ފަނަރަވަރަކަށް މިނެޓް ކިޔަވާފައި އޭނާ ވަށައި ހޯދައިލިއެވެ. ޝާނާގެ ޚަބަރެއް ނުވާތީއެވެ. ގޭގެ ދޮރާ ދިމާއަށްވެސް އިރުއިރުކޮޅުން އޭނާ ބަލައިލައެވެ.

ހަމްޒާއަށް ތިރީސް މިނެޓް ކިޔެވުނެވެ. އެހެނަސް ޝާނާއެއް ފެންނާކަށް ނެތެވެ. ހަމްޒާގެ އުއްމީދު މަޑުމަޑުން ފަޑުވަމުން ދިޔައެވެ. ނަމަވެސް ހަމްޒާ ހިތްވަރުކޮށްފައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. ޝާނާއަށް އޭނާގެ ހިތް އެދޭލެއް ބޮޑުކަމުންނެވެ. ޝާނާ އަންނާނެއޭ ހިތާހިތުން ކިޔަމުން ހަމްޒާ ކިޔެވުން ކުރިއަށް ގެންދިޔައެވެ. ހަމްޒާއަށް ހީކުރެވުނީ ރަނގަޅަށެވެ. ކިޔަވަން ފެށިތާ ގިނައިރުތަކެއް ނުވެ މީހެއްގެ ހިލަން ވާތީ އޭނާ އިސް އުފުލާލައި ބަލައިލިއެވެ.

"އަހަރެންގެ ޝާނާ! ހާދަ އިރެއްވެއްޖޭ އަހަރެން އިންތިޒާރު ކުރާތާ!" ހަމްޒާގެ ލޯ ފެންކަޅިވިއެވެ.

"އޭ ހަމްޒާ!"

"އަހާ! މުހައްމަދު އާދޭ! އާދޭ!" ހަމްޒާ މެންދުރުގެ ކާނާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ.

"މި އެނެއްކާ ކިހިނެއްވެގެންދޭ ކެއުމެއްތަ؟" މުހައްމަދު އައިސް މޭޒު ކައިރީގައި މަޑުކޮށްލިއެވެ.

"އަހަރެންގެ ޝާނާ އަހަރެންނަށް ލިބުމުން!" ހަމްޒާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ހައްހައްހާ! އެހެންތަ!" މުހައްމަދު ގާތަށް ނުލަފާ ހިންޏެއް އައެވެ.

"އާދެބަލަ!" ހަމްޒާ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. "އަހަރެންނަށް އެނގޭ އޭރުވެސް ޤަބޫލެއްނުކުރާނެކަން!"

"އަހަރެންނަކަށް ނުފެނޭ ޝާނާއެއް!" މުހައްމަދު ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ.

"ސަމާސަ ނުކޮށްބަލަ! އެ އޮތީނުން." ހަމްޒާ އެނދުމަތީގައި އޮތް ބޮޑު ބޮއްޔެއް އަތުގެ އިޝާރާތުން ދައްކައިލިއެވެ.

"ދެން އެ އޮތީ ހަމްޒާގެ ދަރިތަ؟" މުހައްމަދު އެނދުމަތީގައި އޮތް ކުޑަ ބޮއްޔަށް އިޝާރާތްކޮށްލީ ސަމާސަކުރުމުގެ ބޭނުމުގައެވެ.

"އާނ! މިހާރު ޤަބޫލުކޮށްފިން ދޯ؟" ހަމްޒާގެ ހައްސާސް ޖުމުލައިން މުހައްމަދުގެ އަނގަ ތަންމިނަށް ހުޅުވުނެވެ.

"ލޯބީގެ ގިލަންގައި ޖެހި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެހުރީ މި ދުނިޔެއިން މޮޔަވެފައި!" މުހައްމަދު ހިތާހިތުން ބުނެލިއިރު އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތި ގެނެސްދޭ ވާހަކަތަކުގެ ނިމުން އެހާ ކަމަކުނުދޭ. ނިމުން ވަރަށް ހަޑި