ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކައިލީ ޖެނާ އަށް އޭނާގެ ދަރިފުޅު ސްޓޯމީގެ އުފަން ދުވަހުގައި ރޮވިއްޖެއެވެ. ސްޓޯމީ އަށް ތިން އަހަރު ފުރުމާ ގުޅިގެން ކައިލީ މީސްމީޑިއާގައި ކުރި ޕޯސްޓަކަށް ކުރީގެ ލޯބިވެރިޔާ، ސްޓީމީގެ ބައްޕަގެ ފޮޓޯއެއްވެސް ވަނީ ލައިފައެވެ.

ކުޑަކުޑަ ސްޓޯމީގެ އުފަން ދުވަހުގައި ކައިލީ ކުރި ޕޯސްޓުގައި ބުނީ ސްޓޯމީ ލިބުމުން ވަރަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވަގުތު ނުހުއްޓޭތީ ރޮވޭ ކަމަށާއި އެއީ ސްޓޯމީގެ ކުޑަކުޑަ ކަންތައްތައް މަތީން ވަރަށް ހަނދާން ވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސްޓޯމީ އަލަށް ތަޖުރިބާ ކުރާ ކަންތައްތައް ބެލުމަށް ކައިލީ ވަރަށް ބޭނުންވާ ވާހަކަ ބުނަމުން އޭނާ ބުނީ ފާއިތުވި އަހަރުތަކުގައި ކުރެވުނު އެންމެ އުފާވެރި ކަންކަމަކީ އެއީކަމަށް ބުނެފައެވެ. އަދި ސްޓޯމީ ބޮޑުވާތަންވެސް ބަލަން ވަރަށް ބޭނުންވެފައި ހުރިކަން ކައިލީ ވަނީ ފާހަގަކޮށްފައެވެ.

ލިޕްސްޓިކް ކުންފުނީގެ ވެރިޔާ ކައިލީ ވަނީ އޭނާގެ ދަރިފުޅު ސްޓޯމީގެ ހާއްސަ ދުވަހާ ގުޅިގެން ކުރިން ފޭނުންނަށް ނުދައްކާ ފޮޓޯތަކެއް ވެސް ޢާންމު ކޮށްފައެވެ. އެގޮތުން ބައެއް ފޮޓޯތަކުގައި ކައިލީ އާއި ސްޓޯމީ ފެނިގެންދާ އިރު އަނެއް ބައި ފޮޓޯތަކުގައި ސްޓޯމީގެ ބައްޕަ ޓްރެވިސް ސްކޮޓް ވެސް ފެނެއެވެ. އަދި ސްޓޯމީ ބީޗުގައި ދުވާ ތަނުގެ ފޮޓޯއެއްވެސް ވަނީ ހިއްސާ ކޮށްފައެވެ.

ސްޓޯމީގެ އުފަން ދުވަހުގައި ކާޑޭޝިއަން އާއިލާގެ މީހުން ސްޓޯމީއަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔަން ޕޯސްޓުތައް ކޮށްފައެވެ. އޭގެ ތެރޭގައި ސްޓޯމީގެ ބޮޑުދައިތަ ކިމް ކާޑޭޝިއަން އާއި ސްޓޯމީގެ މާމަ ކްރިސް ޖެނާ ހިމެނެއެވެ.