އިރުއޮއްސޭގަޑީގެ ހިތްގައިމު ވަގުތު ފަހަނައަޅައިގެން ގޮސް ރޭގަނޑުގެ އަނދިރިކަމަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އަތްމަތި އަވަސްކޮށްލަމުން ބަދިގެ ތެރޭގައި ހުރި ތަށިތަށް ނަގައި ސިންކް ކައިރިއަށް ޖެހިލައި އެހުރިހާ އެއްޗެއް ދޮވުމަށްފަހު ތަށި ބަހައްޓާ އެތީގައި ތަށިތައް ބެހެއްޓުމަށްފަހު ބޭރަށް ނުކުމެ ދޮރުކައިރީގައި ބަހައްޓާފައި ހުރި ކުނިކޮތަޅު ނަގަމުން ޖިލާ ބާރުބާރަށް ހިނގާފައި ގޮސް ގެއިން ނުކުތެވެ. މިއަދު ތަންކޮޅެއް ލަހުން އަތިރިއަށް އަންނަން ޖެހުނީ ޢާއިލާގެ ބަޔަކު ޖިލާ އުޅޭ ގެއަށް އައުމުން އެމީހުންނަށް ސައި ތައްޔާރުކުރަން ޖެހުމުންނެވެ. ހަތެއް ޖަހަން ކައިރިވެފައި ހުރިއިރު މުޅި ދުނިޔެއަށްވަނީ އަނދިރިކަން ފެތުރިފައެވެ. އަތިރިމައްޗާ އަރާ ހަމަވުމުން މޫދު ކައިރިއަށް ދިއުމުގެ ބަދަލުގައި ޖިލާ އަވަސް އަވަހަށް ކުނިކޮތަޅު އަތުކުރިއަށް ނަގައި ކުޑަކޮށް ހޫރުވާލީ ދުރުން ފެންނަ ކުނިގޮނޑާ ދިމާލަށެވެ. އެގަޑީގައި އަނގައިން ހެޔޮ އެއްޗެއް ކިއުމަށްވަސް ޖިލާ ހަނދާނަށް ނައީ އަވަހަށް ގެއަށް ގޮސް އެރެއަށް ބަތް ކައްކަން ޖެހޭތީއެވެ.

ކުނިކޮތަޅު ގޮސް ބިމުގައި ޖެހުނުތަން ބަލަން ހުރެފައި ޖިލާ އެނބުރި ހިގައިގަތީ ގެއާ ދިމާލަށް ދިއުމަށެވެ. އެވަގުތު ފަހަތުން ވަރަށް ފިނިވައިރޯޅިއެއް އައިސް ގައިގައި ބީހުނުކަމުގެ އިހްސާސެއް ޖިލާއަށް ކުރެވުނެވެ. އެވައިރޯޅީގެ ފިނިކަމުން ހަށިގަނޑުގެ ހުރިހާ ނާރަކަށް އޭގެ އަސަރުކުރި ފަދައެވެ. ޖިލާ މުޅިތަނަށް ބަލާލީ އެއްވެސް ވަރަކަށް ވައިގަދަތޯ ބެލުމަށެވެ. ނަމަވެސް ކައިރީގައި ހުރި ރުށްތަކާއި ގަސްތަކަށް ވައިރޯޅިއެއްގެ އަސަރެއް މިއިން އިރަކުވެސް ކޮށްފައިވާކަމެއް ނޭނގެއެވެ. ދެން ޖިލާގެ ގަޔަށް އެޖެހުނީ ކޮން ވަޔެއްތޯ ޖިލާގެ ހިތަށް އެރިއެވެ. ނަމަވެސް މިހާރު އެއްކޮށް އަނދިރިވެ ތަންދޮރު ނޭނގޭ ވަރުވާން ފަށާފައިވާތީ ހިނގުން ބާރުކޮށްލަމުން ޖިލާ ކުރިއަށް ދިޔައެވެ. ގެއާ އަރާ ހަމަވިތަނާ ޖިލާގެ ނޭފަތަށް އުދަނގޫވާންފެށީ ހަމަ ކުއްލިއަކަށެވެ. ނޭވާ ހިއްލަން ފެށީ ރޯގާ ޖެހުމުން ނޭވާ ހިއްލާ ގޮތަށެވެ. އުދަނގޫވީވަރުން ގޭތެރެއަށްވަދެ ބަދިގޭގައި ހުރި ގޮނޑިއެއްގައި ޖިލާ އިށީނެވެ. މުޅިމީހާ ދާހިއްލާ ފޯވާން ފެށުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ. އެތަށް އިރަކު މިހެން އޮތްއިރުވެސް ނޭވާއަށް އެއްވެސް ބަދަލެއް ނައެވެ. ހަމަ އުދަނގޫވުންވީ އިތުރެވެ.

"ޖުނާން. ކޮން އިރަކު އާދެވޭނީ. އަހަރެން މިއުޅެނީ ދެންމެ ނޭވާ ހިއްލަން ފެށިގޮތަށް ރަނގަޅުނުވެގެން" ޖިލާ އޭނަގެ ފިރިމީހާއަށް ގުޅާލީ ބަދިގެއަށް ވަންނަމުންނެވެ.

"އެހެންތަ؟ ނޭނގޭ ދެން ދެވޭނެކަމެއް ޑިއުޓީ ނުނިމެނީސް. މިރޭ މީ ދަންވަރު ޑިއުޓީއެއްނު. އަޅެ ބާމް ކޮޅެއް އުނގުޅައިގެން އޮށޯވެބަލަ" ޖުނާންއަށް އާދެވެން ނެތްކަން އެނގުމުން ޖިލާ އިތުރަށް މާޔޫސްވިއެވެ. ނަމަވެސް އެބުނާހެން ޑިއުޓީގައި އިނދެފައި ޖުނާންއަށް ދެން އަންނަން އުނދަގޫވެސް ވާނެއެވެ. އެހެންކަމުން ރޭގަނޑަށް ބަތް ކައްކާފައި ކައިގެން ކޮޓަރިއަށްވަދެ ޖިލާ އޮށޯވެލީ ނޭވާލާން އުދަނގޫވެފައި ހުރުމުން ވެފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ. ޖުނާން ބުނިހެން ބާމްކޮޅެއް އުނގުޅައިގެން އޮތުމުން ކުޑަކޮށް ނޭވާއަށް މިހާރު ފަސޭހަވެފައިވެއެވެ. އެއްއަތް މައްޗަށް އަނެއް އަތް އަރުވާލައިގެން އެއްފަރާތަކަށް އަރިއަކަށް އޮތްވާ ޖިލާއަށް ނިދުނެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ޖިލާ އުޅޭ ގެ ކައިރީގައި އަނދިރިކަމުގެ ތެރެއިންވެސް މީހެއްގެ ހިލަން ފެންނަން ފެށިއެވެ. ބަލަން ހުންނަ މީހަކު ބިރުން ފިތްކަނޑައިގެން ދާހާ ބިރުވެރި ސިފައަކަށްހުރި އަންހެނެއް އެގޭގެ ދޮރުމަތީގައި ހުއްޓިގެން އެބަހުއްޓެވެ. ލައިގެން ހުރީ ރަތްކުލައިގެ ކަކުލާ ހަމައަށް އަރާވަރުގެ ހެދުމެކެވެ. ބުޅިއިސްތަށިގަނޑު މޫނުމައްޗަށް ވައްޓާފައި އޮތުމުން މޫނު ނުފެނުނަސް އެހުރީ އެގެއާ ދިމާލަށް ބަލަހައްޓައިގެންކަން އިނގެއެވެ.

ދަންވަރު ތިންގަޑި ބާރަވީއެވެ. ޖިލާއަށް ހޭލެވުނީ އާދަޔާ ޚިލާފަށް ފިނިވާން ފެށުމުންނެވެ. ހޭލެވުނަސް ޖިލާއަށް އޮވެވުނީ ދެބަދޭތެރޭގައެވެ. އެހެން އޮތްވާ ޖިލާގެ އަތްމަތީގައި ކޮންމެވެސް އެއްޗެއް ޖެއްސިހެން ހީވިއެވެ. ދެލޯ ކުޑަކޮށް ހުޅުވާލައި ބެލުމުން ޖިލާއަށް ފެނުނީ ކުނިގޮނޑުގައި އުޅޭފަދަ ބޮޑު މެއްސެއް ޖިލާ އަތުގައި ޖައްސާލާފައި އިންތަނެވެ. ދެބަދޭތެރޭގައި އޮތަސް ޖިލާއަށް ހިތުން ކުރުސި ކިޔާލެވުނެވެ. ކަންނެތްކަމާއެކު ހިތުން ކުރުސި ކިޔުމަށްފަހު އަތުގައި ޖައްސާފައި އިން މެއްސާއި ދިމާލަށް ފުމެލުމުން އެމެހި ގޮސް ޖެހުނީ ކޮޓަރީގެ ދޮރު ކައިރިއަށެވެ. ހުވަފެނެއްގެ ތެރެއިން ކަހަލަ ގޮތަކަށް އެމަންޒަރު ޖިލާއަށް ސިފަވިޔަސް އެބެލެނީ ހުވަފެނެއް ނޫންކަން ޖިލާއަށް އެނގެއެވެ. އެމެހިގޮސް ދޮރުގައި ޖެހުމާއެކު އެތަނުން ފާޅުވީ ރަތްކުލައިގެ ހެނދުމެއް ލައިގެން ހުރި އަންހެނެކެވެ. ކަކުލާ ހަމައަށް އަރާ ހެދުމުގައި ހުރިއިރު ބުޅި އިސްތަށިގަނޑުއޮތީ މޫނުމައްޗަށް އެޅިފައެވެ. ޖިލާއަށް އެތަން ފެނުނީވެސް ހުވަފެނެއް ފެންނަ ގޮތަށެވެ. ހުވަފެނުގެ ތެރެއިން ޖިލާ ގަޑި ބަލާލިއިރު ގަޑިން މެންދަމު ތިންގަޑި ބާރާއެވެ. ކުއްލިއަކަށް އެނދުން ފުންމައިގެން ތެދުވެ އެނދު ކައިރީގައި ހުރި ސުވިޗް ޖައްސާލުމުން މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ.

އެންމެ ފުރަތަމަވެސް ޖިލާއަށް ބަލާލެވުނީ ދޮރާ ދިމާލަށެވެ. އެތަނުގައި އެއްވެސް މީހެއް ނެތެވެ. ދެން ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލާލިއިރު ބަރާބަރު ތިންގަޑި ބާރަވީއެވެ. މިހުރިހާ ކަމެއްވާން ފަސްދޮޅަސް ސިކުންތުވެސް ނުވާކަން ޖިލާއަށް އެނގުނެވެ. އެހިސާބުން ޖިލާ ބިރުގަންނަން ފެށިއެވެ. ނޭވާލާން މިހާރު ފަސޭހަވެފައި އިނަސް ޖިލާއަށް ދެން ނިދާކަށް ނުކެރުނެވެ. ޤްރްޢާން ކިޔަވަން އެނދުމަތީގައި އިންދާ ފަތިސް ނަމާދުގެ ބަންގި ގޮވާ އަޑު އިވުނެވެ. ފާޚާނައަށްވަދެ ވުޟޫކޮށްލައިގެން އައިސް ޖިލާ ނަމާދަށް އެރިއެވެ. އެރޭ ޖިލާއަށް ނިދުނީ ފަތިސް ނަމާދުކުރުމުން އޭގެ ފަހުންނެވެ.

އޭގެ އަނެއް ދުވަހު ހެނދުނު ޖިލާގެ ފިރިމީހާ ޖުނާން ގެއަށް އައުމުން އެރޭގައި ވީކަންތައް ޖުނާން އަށް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހާފައި ޖުނާން ފެށީ ހޭށެވެ. އެއީ ޖިލާއަށް ފެނުނު ހުވަފެނެއްކަމަށާއި އެގަޑީގައި އަތިރިއަށް ދިއުމުން ބިރުން ހުރީމައި އެކަހަލަ އެއްޗެއް ފެނުނީކަމަށެވެ. ނަމަވެސް ޖިލާ ހުރީ އަތިރިއަށް ގޮސްފައި އައި އިރުވެސް ބިރުން ނޫންކަމާއި އެރޭ ނިދިއިރުވެސް އެކަހަލަ އެއްވެސް ކަމެއް ހިތުގައިނެތްކަން ޖިލާއަށް އެނގެއެވެ. ޖުނާން އިތުރަށް ޖިލާއާއި ދިމާކުރަން ފެށުމުން އެވާހަކަ އިތުރަށް ދައްކާކަށް ޖިލާ ބޭނުމެއް ނުވިއެވެ.

ޖެހިގެން އައި ދުވަހުގެ ރެއެވެ. ޖުނާން އޮތީ ޖިލާއާއެކު ނިދަން ތައްޔާރުވެގެންނެވެ. ޖިލާ އޮތީ ބިރުން ނުނިދުމަށް ނިންމައިގެންނެވެ.

'ދެން ޖިލާ. ނިދާބަލަ. މާބިރުން ތިއުޅެނީ ހުވަފެނެއް ފެނިގެންނޭ" ޖުނާން ތަންކޮޅެއް ބާރަށް މިހެން ބުނުމުންވެސް ޖިލާ ނިދާކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން ޖުނާން އެނދުގައި ހަމަޖެހިލައި ނިދާލިއެވެ.

އެރޭ ދަންވަރު ތިނެއް ޖަހައިފިއެވެ. މުޅި ކޮޓަރިއަށް ބަލަން އޮތް ޖިލާ އޮތީ ގުޑިލާންވެސް ނުކެރިފައެވެ. ޖުނާން ގެ ގައިގައި ޖެހޭ ހިސާބުގައި އޮތް އިރު ޖިލާއަށް ބެލެނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ނިއްވާފައި ހުރި ފަންކާ ހަމަ ކުއްލިއަކަށް އެނބުރެން ފެށިތަން ފެނި ޖިލާއަށް ކުޑަކޮށް އެނދުން ތެދުވެވުނެވެ. ހަމަ އެވަގުތު ކުއްލިއަކަށް ޖުނާން ފުންމައިގެން ތެދުވިއެވެ.

"ކިހިނއްވީ؟" ޖިލާއަށް ބުނެވުނެވެ.

"ޖިލާ ބުނީ ތެދެއް. މަ މުޅިން އަވަދިކޮށްލައިފި" މާނޭވާ ލަމުން ޖިނާން ބުންޏެވެ.

"ކިނެއްތަވީ؟" ޖިލާ އަނެއްކާވެސް އަހާލިއެވެ.

"އަހަރެންނަށް ފެނުނީ މެއްސެއް ފަންކާގައި ޖެހިތަން. ޖިލާ އަހަރެންގެ ގަޔާ ކައިރިވިކަން އެނގުނީމަ ހޭލެވުނީ ކުޑަކޮށް. ދެބަ ދޭތެރޭގައި އޮއްވާ އެ މެހި ބޮޑުވަމުންގޮސް އަންހެނަކަށް ބަދަލުވިތަން ފެނުނީ. ދެން މަގޭ ބޮލަށް ފަންކާ ވަށްޓާލިހެން ހީވީ" ފަންކާއަށް ބަލަމުން ޖުނާން ބުންޏެވެ. އޭރު ފަންކާހުރީ އެނބުރި އެނބުރިއެވެ. ޖިލާއާއި ޖުނާންއަށް ބެލުނީ ދޮރުކައިރީގައި ހުރި ފަންކާގެ ސުވިޗްއާ ދިމާލަށެވެ. އޭރުވެސް އެ ސުވިޗް ހުރީ ނުޖައްސައެވެ. އޭސީ ޖައްސާފައި ހުރުމުން މުޅި ކޮޓަރިއަށް ފިނިވާތީ އަހަރެމެން އެއްވެސް ރެއަކު ނިދާއިރު ފަންކާއެއް ނުޖައްސަމެވެ. އެހާ ހިސާބުން ޖުނާންއަށް ޖެހުނީ ޖިލާ ދައްކާ ވާހަކަ ޤަބޫލުކުރާށެވެ. ދުވެފައި ގޮސް ސިޓިންގ ރޫމަށް ވަދެ ޚަތިމް ނަގައިގެން އައިސް ޖިލާ ގޮވައިގެން ޤްރްއާން ކިޔަވަން ފެށިއެވެ. ނިސާ ސޫރަތް ދެފަހަރު ކިޔައި ނިމުނުއިރު ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. އޭގެ އަނެއް ދުވަހު ޖުނާންގެ ބައްޕަ ލައްވާ ޖުނާން އަދި ޖިލާގެ ހަށިގަނޑުގައި ދެތަވީދު އެޅުވިއެވެ. ޖިލާ ކުނިކޮތަޅު އެއްލިގޮތުން ދިމާވި ހާދިޡާއެއްކަމަށް ޖުނާންގެ ބައްޕަ ބުންޏެވެ. އަދި ތަވީދު ޖިލާގެ ހަށިގަނޑުން ވަކިނުކުރުމަށް ޖުނާންގެ ބައްޕަ ބުންޏެވެ. ނަމަވެސް އެހެން ގެއަކަށް ބަދަލުވެގެން ޖިލާއާއި ޖުނާން އެތަވީދުތައް ހަށިގަނޑާ ވަކިކުރިއެވެ. އޭގެ ފަހުން އެކަމުގެ އެއްވެސް އުދަނގުލެއް އެދެމީހުންނަކަށްވެސް ނުވެއެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަހަރޯ

    ތަވީދު އަޅާކަށް ނުވާނެ.

  2. ތުނިޔަ

    ތަވީދު އެޅުމަކީ ޝިރުކެއް!

  3. ރީޑާރ

    މީ ރޯދަ މަހޭ ބުރޯ!!! ޖިންނަކާއި އެޑަގެން ނިހިންގަފެލެ???.
    މުއަ މީހާ.. ސޮރީ އިފް އިޓް ހާރޓެޑް ޔޫ..??. ދިސް އިސް ރަމަޒާން ސޯ ޕްލީސް
    ފޮރގިވް...

    ާެއެނީވޭޔްޒް ވާހަކަ ސަޅި????