ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ހަވީރު ކުރި ވިއްސާރައިގެ އަސަރު ރަށުގެ މަގުތައް މަތިން ފެންނަން ހުއްޓެވެ. އެކި އެކި ދިމާލުގައި ފެން ހެދިފައި ހުރި އިރު ޖެހޭ ފިނިވައިރޯޅިތަކުން ބަނަކޮށްފައިވާ މޫސުމުގެ އަސަރުކުރަމުންދެއެވެ. މީހެއްގެ ހިލަމެއްވެސް މަގުމަތިން ނުވެއެވެ. އާސިފު ފިހާރަ ބަންދުކުރުމަށްފަހު ގެއާ ދިމާލަށް މިސްރާބުޖެހިއިރު މަގުމަތީގައިވާ ފަޅުކަމަށް ނަޒަރު ހިންގާލެވުނެވެ. ރޭގަނޑު އެގާރަ ޖެހުމަކާ ކައިރިވެއްޖެއެވެ. އާސިފު ހިނގަމުންދަނިކޮށް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން މަގުމަތީގައި ހުއްޓިހުރެ ފޯނު ނަގައި ބަލާލިއިރު ގުޅަނީ އާސިފު އަންހެނުންނެވެ.

"ކޮބާ؟ "

"މިދަނީ މިހާރު"

މިހެން ބުނެ ފޯނު ކަނޑާލުމަށްފަހު އާސިފު ހިނގައިގަތެވެ. ގެއާ ހަމައަށް އާސިފްއަށް ދެވުނުއިރު ވަރަށް ގަދަޔަށް އާސިފްގެ ބޮލުގައި ރިއްސަމުންދެއެވެ. ބޮލުގައި ރިއްސަންފެށީ ފޯނު ކަނޑާލުމަށްފަހު ގެއާ ދިމާލަށް ހިގައިގަތް ފަހުންނެވެ. ބޮލުގައި އަތް އަޅައިގެން ހުރެ އާސިފް ގޭތެރެއަށް ވަދެގެން އައި އިރު އާސިފްގެ އިންތިޒާރުގައި އަންހެނުން ޚަދީޖާ އިނެވެ.

"އާދޭ އަވަހަށް ކާން. މިރޭ މަސް ފިހުނީ" ދޮރުން ވަދެގެން އައި އާސިފްއަށް ބަލަމުން ޚަދީޖާ ބުންޏެވެ.

"ވަރަށް ބޮލުގައި ރިއްސާ. ދޭބަލަ ޕެނެޑޯލް ގުޅައެއް ހިފައިގެން އަންނަން"

ކާން އިންއިރުވެސް އާސިފް އިނީ ބޮލުގައި ރިއްސާ ވަރުން ކެތްނުކުރެވިފައެވެ. ނިދުމުން ރަނގަޅުވެދާނެކަމަށް ހިތައި ކައިގެން ގޮސް އާސިފް އޮށޯވެލިއެވެ. ނިދޭކަށް މާކަ ގިނައިރެއް ނުނެގިއެވެ. ނަމަވެސް އާސިފްއަށް އެހާ ގިނައިރު ނިދާކަށް ނޯވެވުނެވެ. ބިރުވެރި ހުވަފެނެއް ފެންނަން ފެށުމުން އެނދުން ތެދުވެ އިށީނދެލިއެވެ. އޭރު އަދި ވަކިން ބޮލުގައި ރިއްސާހެން ހީވެއެވެ. އާސިފްއަށް ހޭލެވުނު ގަޑީގައި ވަރަށް ބޯކޮށް ވާރެ ވެހެއެވެ. އެރޭ ދެން އިތުރަށް އާސިފްއަކަށް ނުނިދުނެވެ. އިތުރަށް ދެބޭސްގުޅަ ކައިގެން އޮތް ނަމަވެސް ބޮލުގެ ރިހުމަށް އެއްވެސް ލުޔެއް ނުލިބެއެވެ.

ވަރަށް ހެނދުނާ ތައްޔާރުވެލައިގެން އާސިފް މިސްރާބުޖެހީ އާސިފްގެ ބައްޕަގެ ގެއާ ދިމާލަށެވެ. ކިރިޔާވެސް ބައްޔެއްވާއިރަށް ހިތުގައި ޝައްކުބަލި އުތުރި އަރާ އާސިފްގެ ބައްޕައަކީ އެރަށު އެންމެންގެ ތެރޭގައިވެސް އަދި ރާއްޖެއަށްވެސް ވަރަށް މަޝްހޫރު ފަންޑިތަވެރިއެކެވެ. ހަސަންފުޅުގެ ފަންޑިތަތަކަކީ މުޖައްރިބު އެއްޗެއް ކަމަށް އެންމެންވެސް ދެކެއެވެ.

ހަސަންފުޅުކައިރީގައި ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ހަސަންފުޅު ދިނީ ތަވީދެކެވެ. އޭތި ޓޭޕްގަނޑަކަށް ކުޑަކޮށް އޮޅާލަމުން އާސިފްގެ ނިތްކުރީގައި ތަތްކޮށްލިއެވެ. އެތަތް ކުރިތާ ފަނަރަވަރަކަށް މިނެޓްވެސް ނުވަނީސް އާސިފްގެ ބޮލަށް ލުއިވެ އުޅެވޭވަރުވާން ފެށިއެވެ. އެދުވަހު ފިހާރައަށް ނުދިއުމަށް ނިންމައި އާސިފް އައީ ގެއަށެވެ. އައިސް އެނދުގައި އޮށޯތްތަނާ އާސިފްއަށް ނިދުނީއެވެ.

އެރޭގެ ވަގުތެވެ. ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އާސިފް ނިދަން ތައްޔާރުވެލިއެވެ. ބޮލުގެ ރިހުން އެއްކޮށް ކެނޑިފައިވީނަމަވެސް ތިން ދުވަސްވަންދެން އެތަވީދު ހަށިގަނޑުން ވަކިނުކުރުމަށް އާސިފްގެ ބައްޕަ ހަސަންފުޅު ވަނީ ބުނެފައެވެ. އެހެންކަމުން އެ ނަގާކަށް ނުކެރުނެވެ. ނިދި ނިދި އޮއްވާ އާސިފްއަށް ފެނުނީ ބޭރު ކުޑަދޮރު ކައިރީގައި ހުއްޓިގެން ހުރި ކަޅު އެއްޗެކެވެ. އެ އެއްޗެއް ހުރީ ބޭރުގައި ކަމަށްވިޔަސް މަގުމަތީގައި ހުރި ލައިޓްތަކުގެ އަލިން އެތަނުގައި ކޮންމެވެސް ކަހަލަ އެއްޗެއް ހުރިކަން އާސިފްއަށް އެނގުނެވެ. ބިރުން މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ކައިރީގައި ނިދާފައިއޮތް ޚަދީޖާގެ އަތުގައި ބާރަކަށް ޖަހާލެވުނީ ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ޚަދީޖާއަށް އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވާ ފަދައެވެ. ހަމަ ގުޑިވެސް ނުލިއެވެ.

އާސިފް މިހެން އިންދާ މީހަކު އާސިފްގެ ނަމުން ގޮވާލިއަޑު އިވުނެވެ. އަޑު އަންނަނީ ބޭރުންކަން އާސިފްއަށް އެނގުނެވެ.

"އާސިފް..... ތިތަވީދު ނަގާ" ބިރުވެރި އަޑަކުން އަންހެނެއް ވާހަކަ ދެއްކިއެވެ.

"ނަގާ ތަވީދު" އަނެއްކާވެސް ބުނެލިއެވެ. އެވާހަކަ ދައްކަނީ އިންސާނެއްނޫންކަން އާސިފްއަށް ހީވާންފެށީ އެއަޑު އާސިފްއަށް އިވޭ ގޮތަކުންނެވެ. ކޮޓަރިން ބޭރުގައި ހުއްޓެއްކަމަކު އެމީހެއްގެ އަޑު އިވެނީ ކަންފަތް ކައިރިންނެވެ. އެހެންކަމުން އެއީ އާދަޔާ ޚިލާފުކަމެއްކަން އާސިފް ދެނެގަތެވެ. މިވަގުތަކީ ހިތްވަރުކުރަންވީ ވަގުތު ކަމުން އާސިފް ބޭނުންވީ އެމީހަކާ ކުރިމަތިލާށެވެ.

"އެއީ ކީއްވެ؟ ތިއީ ކާކު؟" އާސިފް ވަރަށް މަޑު މަޑުން ތުންތަޅުވާލަމުން ބުނެލިއެވެ.

"އެއީ އަހަރެންނަށް ތިތަވީދުން އުދަނގޫވާތީ"

"އެއީ ކީއްވެ؟ ތިއީ ކާކުހޭ؟"

"އަހަރެންނަށް އުދަނގޫވާނެ ދޯ ތިއީ ސީދާ އަހަރެން މަރާލަން ހަދާފައި އޮތް އެއްޗަކަށްވީމަ. އަހަރެންނަކީ ރޭގައި އާސިފް މަރާލި ޖިންނީގެ މަންމަ" މިހެން ބުނި އިރު އެއަޑުގައި ރިހުމެއް އެކުލެވިފައިވާކަން އާސިފްއަށް އެނގުނެވެ. ނަމަވެސް އެބުނި އެތި އާސިފްއަށް ސާފެއް ނުވިއެވެ. ގައިމު އާސިފްއަށް އެނގިގެން އެއްވެސް ކަމެއް ރޭގައި ނުވެއެވެ.

"އޭ.. އަހަރެން ނުކުރަން ތިބުނިކަމެއް"

"ނޫން. މަގޭ ދަރި އެތާ މަގުމަތީގައި ހެދިފަހުރި ފެންގަނޑެއްގައި އޮއްވައި އާސިފްއައިސް އެސޮރުގެ ބޮލަށް ފައިން އެރީ. ބޯ ޗިސްޗިސްވެގެން މަރުވީ" ރޮވިފައިވާ އަޑަކުން އޭތި ވާހަކަ ދައްކަމުން ދެއެވެ.

"އެކަމަކު އަހަރެންނަކަށް ނުވެސް އިނގޭ" ހާސްވެފައި އިން އާސިފް މަސައްކަތްކުރީ ރޭގައި ގެއަށް އައި މަގުމަތީގައި އެއްވެސް އާދަޔާ ޚިލާފުކަމެއްވިތޯ ހަނދާނަށް އާދެތޯއެވެ.

އާސިފް ވިސްނާލުމުން އެނގުނީ ޚަދީޖާ ގުޅިގަޑީގައި އާސިފްއަށް ހުރެވުނީ ފެންގަނޑެއްގެ ކައިރީގައި ކަމެވެ. އެގަޑީގައި ފޯނު ކަނޑާލުމަށްފަހު ހިގައިގަތްއިރު ތިރިއަށް ނުބަލައި ހިގައިގަތުމުން އާސިފްއަށް ގޮސް ފޭބުނީ ފެންގަނޑުގެ ތެރެއަށެވެ. އާސިފްގެ ބޮލުގައި ރިއްސަން ފެށީވެސް އެފަހުންނެވެ.

"އާސިފްދެކެ ރުޅި އައިސްގެން އަހަރެން އާސިފްގެ ބޮލުގައި ހިފީ. އެހެންވެ ރިއްސީ. އެކަމަކު އަހަރެންނަށްވުރެ ހަސަންފުޅު މާ ބާރުގަދަ. ތި އާސިފް ގައިގައި އޮތިއްޔާ ދެދުވަސްތެރޭ އަހަރެން ފިހޭނެ. މިހާރުވެސް އެހާ ވޭން އެބަ އަޅާ"

އާސިފް ކުޑަކޮށް ވިސްނާލިއެވެ.

"އަހަރެންނަށް އެނގިގެން އެފަދަ ކަމެއް ނުކުރަން. އެކަމަކު މިތަވީދު އަހަރެން ނަގައިފިއްޔާ ކޮން ޔަޤީންކަމެއް އޮތީ އަހަރެންނަށް އިތުރަށް އުދަނގޫނުކުރާނެ ކަމުގެ؟" ވަރަށް ވިސްނުންތެރިކަމާއެކު އާސިފް ވާހަކަ ދެއްކިއެވެ.

"އަހަރެންނަކަށް ހަސަންފުޅަށްވުރެ މޮޅެއް ނުވެވޭނެ. އަހަރެންގެ އެހެން ދަރިންވެސް އެބަތިބި. ޢާއިލާއެއް އެބައޮތް. އަހަރެން ޔަޤީންކަން ދެން އާސިފްއަށް އިތުރު އުދަނގުލެއް ނުފޯރާނެކަމުގެ" ހަމަހިމޭން އަޑަކުން އޭތި ވާހަކަ ދެއްކިއެވެ.

އާސިފް އިތުރަށް ވިސްނާކަށްވެސް ނަހަދައެވެ. ނިތްކުރީގައި ތަތްކޮށްފައިވާ ތަވީދު ނައްޓާލަމުން އަތުގެ މުށުގެ ތެރެއަށް ލިއެވެ.ހަމައެވަގުތު ކަޅު ބޯ ދުންގަނޑެއްގެ ސިފައިގައި ކުޑަދޮރު ކައިރީގައި ހުއްޓިގެން ހުރި ހިޔަނި މައްޗަށް އަރައިގެން ގޮސް ގެއްލުނުތަން އާސިފަށް ފެނުނެވެ. އެރޭ އާސިފް ބިރުން ހުރުމުން އިތުރަށް ނުނިދުނެވެ.

އޭގެ އަނެއްދުވަހު ހެނދުނު ސައިބޮއިގެން އާސިފް ހަސަންފުޅުގެ ގެއަށްގޮސް ހަސަންފުޅާ ބައްދަލުކުރިއެވެ.

"ބައްޕާ.. ކީއްވެ ނުބުނީ އަހަރެންނާހެދި އޭތީގެ ދަރި މަރުވި ވާހަކަ؟" ހަސަންފުޅު އިން އުނދޯލި ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން އާސިފް ބުނެލިއެވެ.

"ނުބުނާނެނު، ދަރިފުޅު ބިރުގަންނާނެ ވިއްޔާ. ރޭގަ އެކަންތައް ނިމިއްޖެ ދޯ؟"

"އާނ. ބައްޕައަށް ނޭނގޭނެ ކަމެއް އޮންނާނެތަ؟"

މިހެން އާސިފް ބުނުމުން ހަސަންފުޅަށް ހެވުނެވެ.

"އަސްލު ދަރިފުޅުގެ ނަޞީބު، ތަންކޮޅެއް މައިތިރި އެއްޗަކާ ޖެހުނުކަން. އެހެންނޫންނަމަ ބައްޕަ ޖެހުނީސް ބޮޑު ހަނގުރާމައެއް ކުރަން އެއެއްޗިއްސާ"

ހަސަންފުޅު މިހެން ބުނުމުން އާސިފްވެސް ބޯޖަހާލީ އެވާހަކައަށް އެއްބަސް ވުމުގެ ގޮތުންނެވެ. އެއީ ތެދެކެވެ. ޖިންނީންގެ ތެރޭގައިވެސް ތަންކޮޅެއް ދޫދޭކަހަލަ އެއްޗެހި އުޅެއެވެ. އެއާ ޚިލާފަށް އަމިއްލައަށް މަރުވާން ޖެހުނަސް އެއެއްޗެހީގެ ގޮތުގައި ހިފަހައްޓާ އެއްޗެހިވެސް އުޅެއެވެ. ހަސަންފުޅު ބުނިހެން ތަންކޮޅެއް މައިތިރި ޖިންނިއަކާ އާސިފްއާ ޖެހުނުކަން އެއީ ހަމަ އޭނަގެ ނަޞީބެވެ.

 

ނިމުނީ