ނިންޖަކީ ސިއްހަތު ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް އެންމެ މުހިއްމު އެއް މާއްދާއަށްވާއިރު ނިދި މަދުވުމުގެ ސަބަބުން ސިއްހަތަށް ނޭދެވޭފަދަ ބަލިތަކެއް ޖެހެން މެދުވެރިވެއެވެ.

ފަހުގެ ދިރާސާއަކުން ހާމަވާ ގޮތުގައި 5 ގަޑިއިރަށްވުރެ މަދުން ކޮންމެ ރެއަކު ނިދާ މީހުން އޮބެސިޓީއަށް މަގުފަހިވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ހަށިގަޑުގެ ގްލްކޯޒް މެޓަބޮލިޒަމް ރޭޓް ދަށަށް ދިޔުމުން، ބަރުދަން އިތުރުވުމަށް ދިމާވާތީ ކަމަށް ދިރާސާގައި ވެއެވެ.

ހިތުގެ ބަލިތަކަކީ ރާއްޖޭގައިވެސް އާންމުވަމުން އަންނަ ބައްޔަކަށްވެފައިވާއިރު 6 ގަޑިއިރަށްވުރެ މަދުން ނިދި ލިބޭނަމަ ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި މިކަމުގެ ބިރު ބޮޑީ ބޮޑަށް އަންހެނުންނަށެވެ.

މޫނުގައި ރޫ ނެގުމަކީ މީހާ މުސްކުޅިކޮށްލާ ކަމަކަށްވާއިރު ނިދިމަދުވުމުގެ ސަބަބުން މީހާގެ މޫނުމަތިން ވަރަށް އަވަހަށް އެކަން ފެންނަން ފަށައެވެ. އެގޮތުން މޫނުމަތީގައި، ހާއްސަކޮށް ލޯ ކައިރި ކަޅުވެ ރޫ ނަގަން ފަށައެވެ. އެހެންކަމުން ރީތި ހަންގަނޑަކަށްވެސް ނިދި ވަރަށް މުހިއްމެވެ.

މޫޑު ސްވިންގް ނުވަތަ މޫޑަށް އަންނަ ބަދަލުތަކަކީ އާންމު ކަމެއް ނަމަވެސް އެންމެ ދުވަހެއްގެ ނިދި މަދުވުމުން މީހާ ވަރުބަލިވެ މޫޑް އޮފްވެފައި ހުރެއެވެ. އަދި ނިދި މަދުވުމުގެ ސަބަބުން މޫޑަށް އަންނަ ބަދަލުތައް އަވަސް އަވަހަށް ބަދަލުވެ ޑިޕްރެޝަންއަށްވެސް މަގުފަހިވެއެވެ. ދުޅަހެޔޮ ސިއްހަތަކަށް ނިދި ހަމަ ކުރުމަށް އާދަކުރާށެވެ.