ޓެކްސަސްގެ ސިޓީއެއް ކަމަށްވާ ހޯސްޓަންގެ ކޯރެއްގައި ގެނބެމުންދިޔަ މަންމަ ސަލާމަތްކުރުމަށް ކޯރަށް ފުންމާލި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެކެވެ. މި ހާދިސާ ހިނގާފައި ވަނީ، ދާދި ފަހުން ޓެކްސަސްއަށް އެރި ބާރުގަދަ ތޫފާން، "ތޫފާން ހާވޭ"އަށްފަހު ކޯރަށް އެރި އުޅުން ރައްކާތެރި ނޫންކަން އެ ސްޓޭޓުގެ އިދާރާތަކުން ހާމަކޮށްފައި ވަނިކޮށެވެ.

އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ކުއްޖާ ގެނބެމުންދިޔަ ވަގުތު އެ ސަރަޙައްދުގައި އުޅުނު ބައެއް ފަރާތްތަކުންވެސް އެކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް ކޯރުގެ އޮއެވަރު ހުރިގޮތުން، ތިން މީޓަރު އަޑީގައި އޮތް އެކުއްޖާ ސަލާމަތް ކުރުމަށް އެފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

މި ހާދިސާގެ ރިޕޯޓާއި އެކު އޮފިޝަލުންގެ ޚާއްސަ ޓީމަކުން ގޮސް އެކުއްޖާ ކޯރުން ނަގާފައިވީނަމަވެސް، އޭރު އެކުއްޖާ ވަނީ ދުނިޔެއާއި ވަކިވެފައެވެ.

މި ހާދިސާގައި އެ އަންހެން ކުއްޖާގެ މަންމަ ވަނީ ސަލާމަތްވެފައެވެ. އެހެން ނަމަވެސް އޭނާ އަށް ވަނީ ގެނބެމުންދިޔަ ވަގުތު ބައެއް ކަހަލަ އަނިޔާތައް ވެގެން ފަރުވާ ދީފައެވެ.

އެ އަންހެން މީހާ ނޫސްތަކުގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅު މޫދަށް ފުންމާލީ އޭނާއަށް އެހީތެރިވުމަށް ކަމަށާއި، ދަރިފުޅު ގެނބިގެން މަރުވީ ލޯ ކުރިމަތިން ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ހަނދާނުން ފިލުވައިނުލެވޭނޭ މަންޒަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

"ތޫފާން ހާވޭ"އަށްފަހު ހޯސްޓަންގެ ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން މި ކޯރުގެ އޮއެވަރަށް ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފައި ކަމަށް ވެއެވެ. އާދީއްތަ ދުވަހުގެ ހާދިސާ ހިނގާފައި މިވަނީ، އެ ކޯރު ހިމެނޭ ސަރަޙައްދުގައި ލައިފްގާޑުންވެސް ޙަރަކާތްތެރި ނުވާކަން އަންގާފައިވާ ބޯޑުތަކެއް ހަރުކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  2. ރަނގަޅު ކޮށްބަލަ

    ހޫސްޓަން އެއް ނޫނޭ. ހިޔޫސްޓަން އޭ.