ވިހެއުމަކީ އެކަމުގެ ސަބަބުން އުފާވެރި އެތައް ކަމެއްގެ އިތުރުން އެތައް ވޭނެއް ވެސް އުފުލަން ޖެހޭ ކަމެކެވެ. ވިހެއުމަށްފަހު އަންހެނުންނަށް ނަފުސާނީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. ވަކިން ހާއްސަކޮށް އަލަށް ވިހާ އަންހެނުންނަށް މިކަންތައް ފާހަގަ ކޮށްލެވެއެވެ.

ޑރ. ރުތު ފެނާންޑަޒް ބުނި ގޮތުގައި ވިހެއުމަށްފަހު މޫޑު ބަދަލުވުމާއި އާދަޔާ ޚިލާފަށް ގިނައިން ރުއިމާއި އާއިލާ އާއި ރަހުމަތްތެރިންނާ ދުރުވުމާއި ކަމަކާއި ނުލައި ވެސް ރުޅިގަދަވުމާއި ކާހިތް ނުވުން ނުވަތަ އާންމުކޮށް ކައި އުޅޭ މިންވަރަށް ވުރެ ގިނައިން ކެއުމާއި ނިދަން އުނދަގޫވުން ނުވަތަ މާގިނައިން ނިދުން ފަދަ ކަންތައްތައް ފާހަގަ ކުރެވޭނަމަ ނަފުސާނީ މައްސަލަތަކެއް އެމީހެއްގެ ގައިގައި ހުރީއެވެ.

އަބަދު ވަރުބަލިވެފައި ހުރުމާއި މަޖާ ކުރުމަށް ނުވަތަ ހިތްހަމަ ޖައްސައިލުމަށް ކުރިން ކޮށް އުޅުނު ކަންތައްތައް ކުރާ ހިތް ނުވުމާއި ރަނގަޅު މަންމައަކަށް ނުވެވިދާނެ ކަމުގެ ބިރު ހީވެފައި ހުރުމާއި ހަށިގަނޑެއް އެއްވެސް އަރާމެއް ނުލިބޭ ކަމުގެ އިހުސާސް ކުރެވުމާއި ޕެނިކް އެޓޭކްތައް ޖެހުމާއި މާބޮޑަށް ކަންކަމާ ވިސްނާ ފިކުރު ކުރުން ފަދަ ކަންތައްތަކަކީ ވެސް ނަފުސާނީ މައްސަލައެއް އުޅޭ ކަމުގެ އަލާމާތްތަކެވެ.

މި އަލާމާތްތައް ފެންނަ ނަމަ ކައުންސެލިން އާއި ކޮގްނިޓިވް ބިހޭވިއަ ޓްރީޓްމަންޓެއް ހޯދުން އެންމެ ރަނގަޅުވާނެ ކަމަށް ޑރ ރުތު ބުނެފައިވެއެވެ. ނަފުސާނީ މައްސަލަތަކަކީ ސިކުނޑިއަށް އަސަރު ފޯރުވާ ކަމެކެވެ. އެހެންކަމުން މި އަލާމާތްތައް ފެންނަން ފެށުމުން އަވަހަށް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާށެވެ. އެހެން ނޫންނަމަ ފަހުން ބޭހުން ބައްޔަށް ފަރުވާ ހޯދަން ޖެހުމުން މާ ލަސްވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު