ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭ އިރު، ބައެއް މީހުން އިސްތަށި ގަނޑަށް ވެސް ތަފާތު ބަދަލުތައް އެބަ ގެނެއެވެ. ބައެއް ގައުމުތައް ފުރަބަންދުކޮށްފައި އޮތުމުން، އިސްތަށިގަނޑަށް ބޭނުންވާ ގޮތެއް ނުހެދެއެވެ.

އޭގެ ސަބަބުން ގިނަ މީހުން އިސްތަށިގަނޑު ކޮށަނީ ގޭގައެވެ.

އެންމެންނަކީ އިސްތަށިގަނޑު ކޮށަން މޮޅު މީހުންނަށް ނުވުމުން، ބައެއް މީހުންގެ އިސްތަށިގަނޑު ހުންނަނީ ވަރަށް މަޖާކޮށެވެ. އަދި ތަފާތު ކޮށެވެ. މިގޮތުން އުމުރުން 13 އަހަރުގެ ސްކޫލް ކުއްޖެއްގެ އިސްތަށިގަނޑު ކޮށާފައި ހުރި ގޮތަކުން އެ ކުއްޖާ މިވަނީ އެކަހެރިކޮށްފައެވެ.

އެ ކުއްޖާގެ އިސްތަށިގަނޑު ކޮށީ މަންމައެވެ. ކޮށާފައި ހުރީ ވަރަށް ތުނިކޮށެވެ. ނަމަވެސް ވަރަށް ތަފާތެވެ.

އިންގްލޭންޑްގެ އެކްޒްމައުތް ކޮމިއުނިޓީ ކޮލެޖްގައި ކިޔަވަމުންދާ ލީލާން ހަގޫ ނަަމަކަށް ކިޔާ އެ ކުއްޖާ އެނބުރި ސްކޫލަށް ދިޔައީ އެތައް މަހެއް ފަހުން އަލުން ސްކޫލް ހުޅުވުމުންނެވެ. އެކަމަކު އޭނާ އަށް ކްލާހުގައި މަޑުކުރެވެނީ އެންމެ 45 މިނެޓަށެވެ. އޭނާ ކައިރީގައި ޓީޗަރު ބުނީ، ކްލާސް ދޫކޮށްފައި ދިއުމަށެވެ. އަދި ހަފްތާއެއް ވަންދެން ސްކޫލަށް ނައިސް ގޭގައި ހުރުމަށް އެދިފައިވެއެވެ.

އެއީ އޭނާގެ އިސްތަށިގަނޑު، މައިންބަފައިން ކޮށާލުމުން ހުރި ގޮތުގެ ސަބަބުންނެވެ.

ލީލާން ގެ މަންމަ ވަނީ ދަރިފުޅުގެ އިސްތަށިގަނޑަށް އެހެންވީ ކިހިނެއް ވެގެންކަން ސާފް ކޮށްދީފައެވެ. އޭނާ ބުނެފައި ވަނީ އެ ގައުމު ފުރަބަންދުކޮށްފައި ހުރުމުން ސެލޫންތައް ވެސް ހުރީ ބަންދުކޮށްފައި ކަމަށެވެ. އެހެންވެ ގޭގައި އޮތީ ހަލާކުވެފައި އޮތް ކްލިޕާއެއް ކަމަށާއި، އޭގެން ދަރިފުޅުގެ ބޯ އެއްކޮށް ތަލަ ކުރެވެނީ ކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާގެ އާއިލާ އިން ސްކޫލާ ވާހަކަދައްކައިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އޭނާއަށް ސްކޫލަށް ދެވޭ ގޮތް ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު