ބައެއް ފަހަރު ވަރަށް ހީނުކުރާ ކަމަކުން ވެސް އެހެން މީހެއްގެ ސަބަބުން އުނދަނގޫ ވެދާނެއެވެ. ނޫނީ މީހަކު ބުނާ ކުޑަ ބަހަކުން ވެސް ހިތުގައި ޖެހިދާނެއެވެ. އެއީ މިޒާޖު ދިމާނުވުމުގެ ސަބަބުން ވާކަމަކަށް ވެސް ވެދާނެއެވެ. ބައެއް ފަހަރު އެއީ އެހެން މީހެއްގެ ވާހަކަދެއްކުން ހުންނަ ގޮތުން ނޫނީ ނުބެހޭ ކަންކަމާއި ބެހޭތީ ވާކަމަކަށް ވެސް ވެދާނެއެވެ.

އެއީ ތިމާ އާއި ވަރަށް އެއްކޮށް އުޅޭ މީހެއް، ރަހުމަތްތެރިއެއް، އެކުގައި މަސައްކަތް ކުރާ މީހެއް ނޫނީ އާއިލާ މީހަކަށް ވެސް ވެދާނެއެވެ. ސުވާލަކީ މިކަހަލަ ކަމެއް ވުމުން އެ މީހެއް ކައިރީގައި އެ ވާހަކަ ބުނާނީ ކިހިނެތްތޯއެވެ؟

ބައެއް ފަހަރު މިކަހަލަ ވާހަކައެއް މީހެއް ކައިރީގައި ދެއްކުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ތިމާ ރުޅި އައިސް، ދެރަވެ، ހިތްހަމަނުޖެހުން ނޫނީ ބިރު ގަންނަ ނަމަ އެއްޗެކޭ ނުބުނެ ހުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކަމަކު މަސްލަހަތު ނުގެއްލި، އެ މީހަކާއި އޮތް ގުޅުން ހީނަރު ނުވާނެހެން މި ވާހަކަ ދައްކާނެ ގޮތަކީ ކޮބައިބާއެވެ؟

އެންމެ ފުރަތަމަ އެ ވާހަކަ ފަށާއިރު އެ މީހާ އާއި އޮތް ގުޅުން މުހިންމުކަން އަންގާދޭށެވެ. މިސާލަަށް އެއީ އެކުގައި މަސައްކަތް ކުރާ މީހެއް ނަމަ ދެ މީހުން އެކުގައި ހަމަޖެހިގެން މަސައްކަތް ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ބުނެދޭށެވެ. އަދި އެ ވާހަކަ ބުނުމަކީ ދެ މީހުން ހިތްސާފުކޮށް ހިތްހަމަޖެހިގެން މަސައްކަތް ކުރުމަށް މުހިންމު ކަމެއްކަން ބުނެދޭށެވެ.

އެއަށް ފަހު އޭނާ ތިމާ ރުޅި އަންނަ ކަމަަށް ނޫނީ ހިތްހަމަ ނުޖެހޭ ކަމަަކަށް ކުރަނީ ކޮން ކަމެއްކަން ބުނެދޭށެވެ. އޭނާގެ ނިޔަތް ގޯސް ނުވެދާނެކަން ޤަބޫލު ކުރާކަން ވެސް އަންގާދޭށެވެ. ވީހާވެސް ވާހަކަ ނުރުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނާށެވެ. ރުޅި މަޑުކޮށް، ހަމަޖެހިގެން ވާހަަކަދައްކަން އިސްކަން ދޭށެވެ.

އެ މީހެއްގެ ބަަސްތަކުގެ ސަބަބުން އިހުސާސްކުރެވުނު ގޮތް ވެސް ބުނެދޭށެވެ. އެކަަމުގެ ސަބަބުން އުނދަނގޫވާކަން ބަޔާންކޮށްދޭށެވެ. އެއީ ތިމާ ދަށްވާކަން ނޫނީ ދެރަވާަން އިހުސާސްވާ ކަމެއްކަން ސާފުކޮށްދޭށެވެ. އެކަން އިސްލާހު ކުރަން އޭނާ އަށް ކުރެވިދާނެ ކަމެއްވެސް ބުނެދޭށެވެ. އަދި އެވާހަކަ ބުނަނީ މައްސަލަ ޖެހެން ބޭނުން ނުވާތީކަން ސާފުކޮށްދިނުން ވަރަށް މުހިންމެވެ.