ކުރިން އެނގިފައި ނުވިނަމަވެސް، ބާލީހަކީ މީގެ އެތައް ޤަރުނެއް ކުރިން އިންސާނުން ބޭނުން ކުރަމުންދާ އެއްޗެކެވެ. އެޒަމާނުގައި ހުރި ބާލީހަކީ މިއަދު މިފެންނަ ބާލީސްތަކާ ތަފާތު އެއްޗެއްކަމުގައިވިޔަސް، ބޭނުމަކީ ހަމަ އެއް ބޭނުމެކެވެ. މެޒަޕޮޓޭމިޔާ ހަޟާރަތުގެ ޒަމާނުގައި ގައުފަދަ އެއްޗެހި ނިދާއިރު ބޯ ދަށަށް ލާން ބޭނުން ކުރިއިރު، އެއީވެސް ހަމަ ބާލީހެއްގެ ގޮތުގައެވެ.

ބާލީހަކީ ކޮންމެ ގެއެއްގައިވެސް ހުންނަ ކޮންމެ މީހަކު ބޭނުންކުރާ އެއްޗެއްކަމުގައިވިޔަސް އޭގެ ބޭނުންތައް ގިނަ މީހުންނަށް އެނގިފައެއް ނުވާނެއެވެ. މިކަމުގެ ސަބަބުން ރަނގަޅު، އަރާމު ބާލީހެއް ހޯދުމަށް ބައެއް މީހުން މާ ބޮޑު ސަމާލުކަމެއް ނުދޭކަންވެސް ޔަޤީނެވެ.

ޔުނިވަރސިޓީ އޮފް ރޮޗެސްޓަރ މެޑިކަލް ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި މައިބަދައިގެ ދުޅަހެޔޮކަމަށްޓަކައި ބާލީސް ވަރަށް މުހިއްމެވެ. ސްޕައިން އެލައިންމަންޓް ރަނގަޅު ކުރުމަށްޓަކައި ބާލީހުގެ ބޭނުންތެރިކަން އިންތިހާއަށް މުހިއްމެވެ.

ދިރާސާކުރުމުގައި ބައިވެރިވި ސެޓިފައިޑް ސްލީޕް ސައިންސް ކޯޗެއްކަމުގައިވާ ބިލް ފިޝް ބުނާގޮތުން، ބަދައިގެ ތިރީ ބައިގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ނިދަން ބޭނުންކުރާ ގޮދަނޑި އެހީވެދޭއިރު، މަތީ ބަޔާއި ކަރަށް އެހީވެދެނީ ބޭނުންކުރާ ބާލީހެވެ.

އެހެންކަމުން، މާ ގިނައިން ބާލީސް ބޯދަށަށް ލެއްވުމަކީ ނުވަތަ ހަށިގަނޑުގެ އަރާމަށް އެންމެ އެކަށީގެން ނުވާ ބާވަތްތަކުގެ ބާލީސް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ކަމުގެ މާހިރުން ބުނެއެވެ.

ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރި ދިރާސާ އިން ދައްކާ ގޮތުގައި 99 އިންސައްތަ މީހުން ބާލީސް ބޭނުން ކުރެއެވެ. އެހެންނަމަވެސް، 27 އިންސައްތަ މީހުން ތިން ބާލީހަށްވުރެ ގިނައިން ބޯދަށަށް ލެއްވުމަށް ބޭނުން ކުރެއެވެ. އެހެންކަމުން، އެއީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ބާލީހާއި މެދު ވިސްނާލާ، އަރާމު ބާލީހެއް ހޯދުމަށް އިސްކަން ދޭށެވެ.