ބައެއް މީހުންނަކީ ފަލަ މީހުންނެވެ. އެހެން ބައެއް މީހުންނަކީ ހިކި މީހުންނެވެ. ބައެއް މީހުންނަކީ ގަވާއިދުން ދެ ދުވަހު ކާއިރަށް ފަލަވާ މީހުންނެވެ. ހަމައެހެންމެ، ބައެއް އެހެން މީހުންނަކީ ކިތަންމެ ގިނައިން ކޭ ކަމުގައިވިޔަސް ފަލަ ނުވާ މީހުންނެވެ. އެހެންކަމުން، މިއީ ކެއުމާ ގުޅުން އޮތް ކަމެއް ނޫންކަން ހާމަވެއެވެ.

މިއީ ކިހިނެއް ކިހިނެއްވާ ކަމެއްތޯ، މަޝްހޫރު ކޭމްބްރިޖް ޔުނިވަރސިޓީގެ ތަޖުރިބާކާރުން ވަނީ ދިރާސާ ކޮށްފައެވެ.

މި ތަޖުރިބާކާރުން، ޕީއެލްއޯއެސް ޖެނެޓިކްސް ޖާނަލް ގައި ވަނީ މިކަމަށްޓަކައި ކުރި ދިރާސާ ޝާއިއު ކޮށްފައެވެ.

ޖާނަލްގައި ބަޔާންކޮށްފައިވާ ގޮތުން، މި ދިރާސާ ކުރުމަށްޓަކައި އެފަރާތްތަކުން ވަނީ ގިނައިން ކާ، އެހެންނަމަވެސް، ހިކިކޮށް ތިބޭ 1622 މީހުންގެ މައުލޫމާތުތައް ނަގާ، އެމައުލޫމާތުތައް ދިރާސާ ކޮށްފައެވެ. ހަމައެހެންމެ، 1985 ފަލަ މީހުންނާއި، އާއްމު މިންވަރަކަށް ހަށިގަނޑުގެ ބަރުދަން ހުންނަ 10،433 މީހުންގެ މައުލޫމާތުތައް ނަގާ ބަލާފައިވެއެވެ.

ކޭމްބްރިޖުގެ ފަރާތުން ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. އިނޭސް ބަރޯސޯ ބުނެފައިވާ ގޮތުގައި މައުލޫމާތު ނަގާ ބެލި ބެލުމުން ހާމަވި ގޮތުގައި މިއީ ޖެނެޓިކް ސަބަބުތަކަކާ ގުޅިގެން ކުރިމަތިވާ ކަމެކެވެ.

އެހެންނަމަވެސް، ބައެއް އެހެން ޔުނިވަރސިޓީތަކުގެ ތަޖުރިބާކާރުން ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ކިތަންމެ ގިނައިން ކޭ ކަމުގައިވިޔަސް ބައެއް ފަރާތްތައް ފަލަ ނުވަނީ ކޭމްބްރިޖް އިން ބަޔާން ކޮށްފައިވާ ޖެނެޓިކް ސަބަބުތަކާ ގުޅިގެން ނޫނެވެ.