އާދައިގެމަތިން ބިޝާރު ހެނދުނުގެ ސައި ބޮއެގެން އަނގަޔަށް ނުކަތާވަރަށް ދުފާ އެއްޗެހި ލައިގެން ގޭގެ ދޮރުން ނުކުތީ ވަޒީފާއަށް ދިއުމަށެވެ. ބިޝާރަކީ މެދުއުމުރަށް އަޅާފައިވާ ޓެކްސީ ޑްރައިވަރެކެވެ. ކޮންމެ ދުވަހަކު ހެނދުނު ސައިބޮއެގެން ނުކުންނަ ގޮތަށް ބިޝާރަށް ގެއަށް އާދެވޭނީ ރޭގަނޑު މެންދަންވާން ކައިރިވާފަހުންނެވެ. މިހެން ބުންޏަސް ކޮންމެ އިރަކުވެސް ކާން ގެއަށް ވަދެލާނެއެވެ. މީހާ ބިޔަކަމުން ހެލިފެލިވާން އުދަނގޫ ވިޔަސް ބިޝާރަށް ކެއުމާ ދުރުގައި ހުރެވޭކަމަކަށް ނުވާނެއެވެ.

މަގުގެ ދެކޮޅަށް ބަލާލަމުން ލޮލުގައި އަޅާފައިވާ އަވިއައިނު ހެޔޮވަރުކޮށްލަމުން ބިޝާރު ހިނގައިގަތީ މާލޭގެ ކާރުބާރޫ ބޮޑެތި މަގުތައް މައްޗަށް ނުކުމެލުމަށެވެ. ދުރުގައި ޕާކްކޮށްފައި އޮތް ކާރަށް އަރައި ދުއްވާލީ ލަވަޖަހަމުންނެވެ. އެކި މީހުންނަށް ދަތުރު ދެމުން މާލޭގެ އެކި ހިސާބުތަކުގައި ދުއްވަމުން ދަނިކޮށް މެންދުރު ކާގަޑި ފަހަނައަޅައި ދާން ފެށިއެވެ. ބަނޑުހައިވެގެން މަރުވާން ކައިރިވެފައިވާތީ އަވަހަށް ދިޔައީ ގެއަށެވެ. ގެއަށް ގޮސް މަސްރިހައާއި ބަތްކައިގެން ރަނގަޅަށް ދުފާލުމަށްފަހު ބޮޑު އުނދޯއްޔަށް އަރައި އޮށޯވެލީ ބަނޑު ދަމާލާށެވެ. މިހެން އޮންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން ތެދުވެގެން މޫނުދޮވެލައިގެން ބިޝާރު އަނެއްކާވެސް ނުކުމެލީ މަސައްކަތު ދިއުމަށެވެ.

ރޭގަނޑު އެގާރަ ޖެހުމަކާ ކައިރިވެއްޖެއެވެ. ބިޝާރާއި ބިޝާރުގެ ރައްޓެހިންތަކެއް ކެފޭއެއްގެ ތެރޭގައި ތިބެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ކަލޯ ހަސަނާ. މިރޭ ކިހާއިރެއް ވަންދެން އުޅޭނަން؟" ބިޝާރު ކައިރީގައި އިން ހަސަނަށް ބަލަމުން އަހާލިއެވެ.

"މަމިރޭ އަވަހަށް ކާރު ބާއްވާނަން. ދަރިފުޅު ކުޑަކޮށް ބަލިކޮށް އުޅޭތީ ނެތޭ މިރޭ ދަންވަރު އުޅެވޭކަށް"

"މަވެސް މިރޭ އަވަހަށް ބާއްވާނަން" ބިޝާރާއި އަހުމަދަށް ބަލަމުން ފާރޫގް ބުނެލިއެވެ.

"ދެން މަ އެކަނި ދޯ އުޅޭނީ. މަމިރޭ ތިނެއް ޖެހީމަ ބާއްވާނީ" ބިޝާރު ހުރީ އެރޭ ތަންކޮޅެއް ގިނައިރު މަސައްކަތް ކޮށްފައި ކާރު ބާއްވަން ނިންމައިގެންނެވެ.

އެކި އެކި ވާހަކަތައް ދެއްކުމާއި މަޖާ ނެގުމުގައި މިވެރިން އެހެން ތިބުމަށްފަހު ވަކިވީ އެރޭ ބާރަވެސް ޖެހިފަހުންނެވެ.

ހަސަނާއި ފާރޫގް މަސައްކަތް އެރެއަށް ނިންމާލަމުން ގެއަށް ދިޔައީއެވެ. ނަމަވެސް ބިޝާރު އަނެއްކާވެސް ނުކުތީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކަށެވެ.

ދަންވަރު ދޭއްޖަހައި ބޮޑުވިއިރު މާލޭގެ މަގުތައް ފެންނަނީ އަމާންކޮށެވެ. މީހުންގެ ހިލަން ކޮންމެވެސް ވަރަކަށް ވިޔަސް ވަނީ ބޮޑެތި މަގުތަކުގައެވެ.

މިހެން ދުއްވަމުން ދަނިކޮށް މަޖީދީ މަގު ކޮޅުން ރަސްފަންނާއި ދިމާލުން ކަންމަތީގައި ހުރި އަންހެން ކުއްޖެއް ބިޝާރުގެ ކާރު ހުއްޓާތޯ އަތް ހޫރާލިއެވެ. އެވަގުތު އެމަގު އޮތީ އެއްކޮށް ހުސްކޮށެވެ. އެކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ހެދުން ކަކުލާ ހަމައަށް އަރާއިރު ލައިގެން ހުރީ ވަރަށް އާދައިގެ ފައިވާނެކެވެ. އާންމުކޮށް މިހާރުގެ އަންހެން ކުދިން އަޅުވާ ކަހަލަ އަތް ދަބަހެއް ނުވަތަ ފޯނެއްހާ ހިސާބުވެސް އަތުގައި އޮތްކަމެއް ނޭނގެއެވެ. އިސްތަށިގަނޑުގެ އެއްބައިން އެއްލޯ ފޮރުވިފައި ހުއްޓަސް މޫނުގެ އަނެއްފަޅި ފެންނަން ހުއްޓެވެ. އެހެންކަމުން އެއީ ވަރަށް ރީތި ކުއްޖެއްކަން ބިޝާރަށް އެނގުނެވެ. ނަމަވެސް އެކުއްޖާގެ ހަމުގެ ކުލައަށް ވަނީ އެހެންޏާ މީހުންގެ ހަމުން ނުފެންނަ ކަހަލަ ހުދުކަމެއް ވެރިވެފައެވެ. އިސްޖަހައިގެން ހުރި ކުއްޖާ ކާރުތެރެއަށް ވަނުމުން ހުވަނދު ވަސް ކާރުތެރެއިން ދުވަންފެށީ ނޭފަތަށް އުދަނގޫވާވަރަށެވެ. އެހެންކަމުން އެވަސް އެދުވަނީ އެކުއްޖާގެ ގައިންކަން ބިޝާރަށް އެނގުނެވެ.

"އެކޮއި، ކޮންތާކަށް ގެންގޮސްދޭންވީ؟" އެއަންހެން ކުއްޖާ އެއްވެސް ވާހަކައެއް ނުދެއްކުމުން ބިޝާރު އަހާލިއެވެ.

"ހެންވޭރު ސަހަރާ ދޮރުމައްޗަށް" ތޫނު އަޑަކުން އެކުއްޖާ ޖަވާބުދިނެވެ.

"ހާދަ ލަސްކޮށްފަ" އަންހެން ކުއްޖަކު އެހާ ދަން ގަޑިއެއްގައި ސަހަރާ ކައިރިއަށް ގެންދަން ބުނީމަ ބިޝާރުއަށް ނާހާ ނުހުރެވުނެވެ.

އެއަންހެން ކުއްޖާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނަސް ކާރު ކުރިއަށް ދުއްވާލިއެވެ.

އެކާރު ތެރޭގައި ހިފާފައިވާ ވަސް ގަދަވާހެން ހީވުމުން ބިޝާރުގެ ހިތުގައި ބިރުވެރިކަން އުފެދެންފެށީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެވެސް ގޮތަކުން މިހިނގާ ކަންތައްތަކުގައި ނުބައެއް ވެޔޭ އޭނަގެ ޟަމީރު ބުނަންފެށިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން ފަހަތު ސީޓުގައި އިން ކުއްޖާއާ ދިމާލަށް ބަލާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެކި އެކި ގޯޅިންނާއި މަގުތަކުން ކާރު ދުއްވާތާ މިހާރު ދިހަ މިނެޓްވަނީއެވެ. ފަނަރަ ވަރަކަށް މިނެޓް ވިއިރު ބިޝާރުގެ ކާރު ހެންވޭރު ސަހަރާ ކައިރިއަށް އައިސް ހުއްޓިއެވެ.

"މިތަނަށްތަ؟" ބިޝާރު ފަހަތަށް ބަލާލުމެއްނެތި އަހާލިއެވެ. އެވަގުތު ފަހަތުގަ އިން ކުއްޖާ ބިޝާރު އަތަށް ތިރީސް ރުފިޔާ ދިނުމަށް އަތް ދިއްކޮށްލިއެވެ. ފަހަތުން ދިއްކޮށްލި އަތުގައި ހުރި ރުފިޔާތައް ނެގިއިރު އެކުއްޖާގެ އަތްތިލައަށް ބިޝާރަށް ބަލާލެވުނެވެ. ދިގުވެފައިވާ ނިޔަފަތިތަކާއި އިނގިލިތައް ފެނުމުން ވައްތަރުވީ އާންމުކޯށް ބަލައި އުޅޭ ބިރުވެރި ފިލްމުތަކުން އެފެންނަ އެއްޗެހީގެ އަތްތަކާއެވެ. އަތް އެއްކޮށް ހުދުވެފައި ހުރިއިރު ނިޔަފަތިތައް ވަރަށް ކަޅެވެ. އަތުގެ ހުރިހާ ނާރެއް އަރާފައި ހުއްޓެވެ. ބިޝާރަށް ހިންދިރުވާލެވުނެވެ. ރުފިޔާތައް ނެގިތަނާ ކާރުގެ ފަހަތު ދޮރު ހުޅުވާފައި އެކުއްޖާ ނުކުތެވެ. ނުކުތްތަނާ ހަމަ ކުއްލިއަކަށް އެއްކަލަ ހުވަނދު ވަސް ކެނޑިއްޖެއެވެ. ހަމަ ކުއްލިއަކަށެވެ. އެވެސް އަޖައިބެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. ބިޝާރު ރުފިޔާތައް ގަމީހުގެ މޭމަތީގައި ހުންނަ ޖީބަށް ލުމަށްފަހު ކުރިއަށް ބަލާލިއިރު ފެނުނު މަންޒަރަކުން އަނެއްކާވެސް މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ސަހަރާ ކައިރިއަށް މަޑުކުރުމަށް ބުންޏަސް އެކުއްޖާ އެތަނުގެ ތެރެއަށް ވަދެގެން ގޮސްދާނެކަމަކަށް ބިޝާރު ހިއެއް ނުކުރެއެވެ. ނަމަވެސް އެއްވެސް ޖެހިލުމެއްނެތި އަމިއްލަ ގެއަށް ވަންނަ އުސޫލުން އެއްކަލަ އަންހެން ކުއްޖާ ގޮސް އެވަންނަނީ ސަހަރާ ތެރެއަށެވެ. އެންމެ ސިކުންތެއްވެސް މަޑުކުރުމެއްނެތި ބިޝާރު ކާރު ދުއްވާލިއެވެ.

މިސްކިތަށް އެރުމަށްފަހު ނަމާދުކޮށްލައިގެން ޤްރްޢާން ކިޔަވަން ބިޝާރު އިރުކޮޅަކު އިނީ ގޮތްނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދިފައި ހުރުމުންނެވެ. މަޑު މަޑުން ހިތް ހަމަޔަކަށްއެޅި ގެއަށްދާން ކެރުނުއިރު ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. އެހެންކަމުން ފަތިސް ނަމާދުވެސް ކޮށްގެން ބިޝާރު މިސްކިތުން ފޭބިއެވެ. އަދި ކާރަށްއަރައި ޖީބުގައި ހުރި ރުފިޔާތައް ނަގަން އަތް ކޮށްޕާލިއެވެ. އެހިނދު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އަތުގައި ޖެހުނު އެއްޗެއްގެ ސަބަބުންނެވެ. ރުފިޔާގެ ބަދަލުގައި ބިޝާރުގެ ޖީބުގައި ހުރީ ހިކި ފަތްތަކެވެ. އެކަމަކު އެއީ އެންމެ ފަހުން ކާރަށް އެރި އެއަންހެން ކުއްޖާ ދިން ރުފިޔާއެވެ. އަނެއްކާވެސް ބިޝާރުގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ގެއާ ދިމާލަށް މިސްރާބުޖެހީ އެފަތްތައް މިސްކިތް މަގަށް އަޅާލާފައެވެ.

އޭގެ އަނެއްދުވަހު ބިޝާރު އޭނަގެ ބޭބެ ޝާކިރާއި ބައްދަލުކުރަން އެގެއަށް ދިޔައެވެ. ޝާކިރަކީ ވަރަށް މަޝްހޫރު ދީނީ ޢިލްމުވެރިއެވެ. ކުރީ ރޭގައި ދިމާވި ހާދިޡާ ކިޔައިދިނުމުން ޝާކިރު ވަރަށް ވިސްނަން އިނދެފައި ބުނީ އެގޮތަށް ކަންތައްވީ ކިއްވެގެންކަން ބުނަން ނޭނގޭ ކަމަށެވެ. ވާހަކައަކީ ކާރަކަށް އަރައިގެން އެފަދަ މަޚްލޫޤެއް ސަހަރާއަށް ދާންޖެހުނު ބޭނުން ނޭނގޭ ކަމަށް ބުންޏެވެ. ނަމަވެސް އެކުއްޖާގެ ފަރާތުން ބިޝާރަށް އުދަނގުލެއް ވެދާނެހެން ހީނުވާކަމަށްވެސް ޝާކިރު ބުންޏެވެ. އަދި ޤަވާޢިދުން ނަމާދުކޮށް ދީނާއި ގާތްވެ އަޤީދާ ވަރުގަދަކުރުމަށް ބިޝާރަށް ނަޞޭހަތްތެރިވިއެވެ. ސަބަބަކީ އީމާންތެރި އަޤީދާ ވަރުގަދަ މީހުންނާއި ކައިރިވުމަށް އެފަދަ މަޚްލޫޤުން ޖެހިލުންވާނެތީއެވެ.

މިދިމާވި ހާދިޡާގެ ސަބަބުން ބިޝާރަށް ހެޔޮވިސްނުން ލިބިގެން ދިޔައެވެ. ކާރު ދުއްވާ ވަގުތުތަކުގައި ނަމާދަށް ގޮވިޔަސް ކުރިން ނަމާދުކުރާކަށް ބިޝާރެއް ނޫޅެއެވެ. ބަންގި ގޮވިޔަސް ޖަހާފައި ހުންނަ ލަވަ ނިއްވައެއް ނުލައެވެ. ނަމަވެސް މިހާރު އެގޮތް ދޫކޮށްލައި ރަނގަޅަށް އުޅުމަށް ބިޝާރު މަސައްކަތްކުރެއެވެ. ބަންގި ގޮވާއިރަށް ނަމާދަށް ދެއެވެ. ކާރުގައި ޤްރްއާން ޖަހައެވެ. ނުވަތަ ދީނީ އެކި އެކި ދަރުސްތަކާއި ވާހަކަތައް ކާރުގައި ޖަހާފައި ބަހައްޓައެވެ. އެދުވަހުގެ ފަހުން އެއްކަލަ އަންހެން ކުއްޖާގެ އުދަނގުލެއް ބިޝާރަކަށް ނުވެއެވެ. ނަމަވެސް ބައެއް ރޭރޭ ހުވަނދުމާވަސް ބިޝާރުގެ ކާރުތެރެއިން ދުވައެވެ. އެއީ ބިޝާރު ދަންވަރު ކާރު ދުއްވާ ރޭތަކުގައެވެ. މިހާރު އެކަމުން އޭނާއަށް އުދަނގުލެއް ނުވެއެވެ. ނަމަވެސް އެވަސް ކާރުތެރޭގައި ހުންނަ ކޮންމެ ފަހަރަކު އަމިއްލަ ރައްކާތެރިކަން އިހްސާސްވެގެންދެއެވެ. އެއީ ކީއްވެގެން ކަމެއް ބުނެދޭކަށް ބަޝީރަށް ނޭނގެއެވެ. ނަމަވެސް އެކަމުން ހިތްހަމަޖެހޭކަން އެނގެއެވެ.

 

ނިމުނީ