އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅެމުން އައި އަންހެނަކު އޭނާގެ ކުޑަކުޑަ ތިން ދަރިންގެ ގަޔަށް ވަޅި ޖަހައި އެތިން ދަރިން މަރާލައިފިއެވެ.

ފުލުހުން ބުނާ ގޮތުގައި ލިލިއާނާ ކެރިލޯ ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ އަންހެން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ތިން ދަރިންގެ ގަޔަށް އެތައް ފަހަރަކު ވަޅި ޖަހައި މަރާލުމުގެ ތުހުމަތެވެ.

ފުލުހުން ބުނާ ގޮތުގައި ކެރިލޯ މަރާލާފައި ވަނީ އޭނާގެ ތިން އަހަރުގެ ދަރިފުޅާއި ދެއަހަރުގެ ދަރިފުޅާއި ހަމަހުގެ ދަރިފުޅެވެ. ފުލުހުން ބުނާ ގޮތުގައި ކުދިންގެ ގަޔަށް ވަޅި ޖަހާފައި ހުރި ގޮތާއި ވަޅި ޖަހާފައި ހުރި އަދަދު މުޅިން ޔަގީން ކުރެވޭނީ އިތުރު މެޑިކަލް ރިޕޯޓްތައް ލިބުމުންނެވެ. ކެރިލޯ މިލާއިންސާނީ އަމަލު ހިންގި ސަބަބު ދެނެގަތުމަށް އޭނާ އާއި ސުވާލު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ކެރިލޯގެ ތިން ދަރިން މަރާލާފައި ވަނިކޮށް ފެނުނީ އެކުދިންގެ މާމައަށެވެ. އެކުދިންގެ މާމައަކީ ކެރިލޯގެ ގެއާއި ދާދިގާތުގައި ހުންނަ ގެއެއްގައި ދިރިއުޅޭ މީހެކެވެ. އޭނާ ކެރިލޯގެ ގެއަށް ދިޔައިރު ތިން ކުދިން އޮތީ މަރާލާފައެވެ. އޭރު ގޭގައި އެއްވެސް މީހަކު ނޫޅެއެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން ވަނީ ކެރިލޯ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނުނީ ޓްރަކެއް ވަގަށް ނަގައިގެން ދުރު ސަރަހައްދަކަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ކުދިންގެ ބައްޕަ އާއި ގުޅޭ މައުލޫމާތެއް އަދި މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު