ޕްރިންސް ފިލިޕްގެ ޖަނާޒާ އިއްޔެ ކުރިއަށް ދިޔައިރު ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލްގެ ފަރާތުން ހާއްސަ ނޯޓަކާއި އެކު މާބޮނޑިއެއް ފޮނުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"އޭބީސީ" އަށް މޭގަންގެ ރަހުމަތްތެރިޔަކު ދިން އިންޓަވިއުއެއްގައި ބުނީ ޕްރިންސް ފިލިޕްގެ ޖަނާޒާއަށް މޭގަންގެ އަތުން ލިޔެފައިވާ ނޯޓަކާއި އެކު މާބޮނޑިއެއް ފޮނުވި ކަމަށެވެ.

މޭގަން ދެވަނަ ދަރިފުޅަށް ބަލިވެ އިނުމުން އެމެރިކާ އިން އިނގިރޭސިވިލާތައް ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. މޭގަންގެ ޑޮކްޓަރު ވަނީ ދިހަ ގަޑިއިރުގެ ދަތުރެއްކޮށް އިނގިރޭސިވިލާތައް ދިއުން އެއީ މިވަގުތު މޭގަން ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ޕްރިންސް ހެރީ ވަނީ އެމެރިކާ އިން އިނގިރޭސިވިލާތައް ދަތުރުކޮށް ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވެފައެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ތަރުޖަމާން އިއްޔެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޕްރިންސް ފިލިޕްގެ ޖަނާޒާ މޭގަން ގޭގައި އިންނަވައިގެން ޓީވީ އިން ބެއްލެވި ކަމަށެވެ.

ޕްރިންސް ފިލިޕް އަވަހާރަވިއިރު މޭގަން އާއި ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިމްތިޔާޒުތައް ދޫކޮށްލުމާއި، އަދި ދާދިފަހުން ދެކަނބަލުން ދެއްވި ޓީވީ އިންޓަވިއުގެ ސަބަބުން ޝާހީ އާއިލާއާއި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޝާހީ އިމްތިޔާޒުތައް ދެކަނބަލުން ދޫކޮށްލުމުން ޕްރިންސް ޗާލްސް ހެރީ އާއި ވާހަކަ ނުދެއްކެވި ނަމަވެސް އޭގެ ފަހުން ވެސް ރާނީ އެލިޒަބަތު އާއި ޕްރިންސް ފިލިޕް ގަވައިދުން ހެރީ އާއި މޭގަން އަށް ގުޅުއްވާ ހާލު ބައްލަވަމުން ގެންދެވިއެވެ.