ކާޑޭޝަން އާއިލާގެ މަޝްހޫރު ރިއަލިޓީ ތަރި، ކައިލީ ޖެނާގެ އުމުރުން ހަތަރު މަހުގެ ދަރިފުޅު، ސްޓޯމީ ޖެނާ ވަގަށް ނަގާނެކަމުގެ އިންޒާރު ދީފައިވާކަމަށް ނޫސްތަކުން ބުނެފިއެވެ.

ކާޑޭޝަން އާއިލާގެ ގާތް ފަރާތަކާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ސްޓޯމީ އާއި ގުޅޭގޮތުން މީސްމީޑިއާގައި ތަފާތު އެކި "ޓްރޯލް"ތައް ދައުރުވަމުން ދިޔަކަމަށާއި، އެންމެ ފުރަތަމަ އެކަން ބަޔަކު ކުރަމުން ދިޔައީ މަލާމާތްކޮށް މަޖާކުރުމުގެ ގޮތުން ކަމުގައި ވީނަމަވެސް، ފަހުން ތަފާތުއެކި އިންޒާރުތައް ލިބެން ފެށި ކަމަށެވެ.

އެގޮތުން ސްޓޯމީ ވަގަށް ނަގާނެ ކަމާއި، އެކުއްޖާ ކައިލީއާއި ކާޑޭޝަން އާއިލާއަށް ގެއްލުންދޭނެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ހަމަ އެހެންމެ ސްޓޯމީއަކީ ކައިލީގެ ކުރީގެ ލޯބިވެރިޔާ، އަދި އެމެރިކާގެ މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓްގެ ދަރިއެއް ނޫންކަން ކައިލީއަށްވެސް އެނގޭއިރު، ކުއްޖާގެ ފޮޓޯ މީސްމީޑިއާގައި ޢާންމުކޮށް ފަޟީޙަތްވީ އޭނާ އަމިއްލައަށްކަމަށް ބުނެ ބައެއް ފަރާތްތަކުގެ މަލާމާތުގެ ބަސްތައް ކައިލީއަށް އަމާޒުވެފައި ވެއެވެ. މިކަންކަމުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ކައިލީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެސް ކާޑޭޝަން އާއިލާގެ ފަރާތުން ނޫސްތަކުގައި މަޢުލޫމާތު ހާމަކުރި ފަރާތުން ވަނީ ބުނެފައެވެ.

ދަރިފުޅު ވަގަށްނަގާނެ ކަމަށް ބުނެ ލިބެމުންދިޔަ އިންޒާރާއި އެކު ކައިލީގެ ސްކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް އޭނާ ދިރިއުޅެމުންދާ ގޭގައި ފާރައަށް ބަހައްޓައި ސެކިއުރިޓީންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ޢާންމު ތަންތަނަށް ދަރިފުޅު ނުގެންދިއުމަށްވެސް ކައިލީ ނިންމާފައިވާއިރު، ކުރިން ޢާންމުކޮށްފައިވާ، ސްޓޯމީގެ ހުރިހައި ފޮޓޯއެއްވެސް ކައިލީވަނީ އޭނާގެ މީސްމީޑިއާ މަންސަތަކުން ޑިލީޓްކޮށްލާފައެވެ.

ކައިލީ އޭނާ މަންމައަކަށް ވުމާއި އެކު ސްޓޯމީގެ ފޮޓޯ މީސްމީޑިއާގައި ޢާންމުކުރިއިރު، ސްޓޯމީ އަކީ ކައިލީގެ ބޮޑީގާޑު، ޓިމް ޗަންގުގެ ދަރިއެއް ކަމަށް ބުނެ މީސްމީޑިއާގައި އޭރުއްސުރެ ވާހަކަތައް ފެތުރެން ފެށިއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، ސްޓޯމީ ވައްތަރީ ބޮޑީގާޑާއި ކަަމަށެވެ.

މި ވާހަކަތައް ދޮގު ކުރަމުން ކައިލީ ބުނަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެކެވެ. އެކަން ޔަޤީން ކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން އެދުމުން ޓެވިސް ވަނީ އެކަމާއި ދެކޮޅު ހަދާފައި ކަމަށް ވެއެވެ. ކައިލީގެ ކުރިގެ ލޯބިވެރިޔާ ޓީގާ ވެސް، ސްޓޯމީގެ ބައްޕައަކީ ކާކުކަމާއި މެދު ސުވާލު އުފައްދާފައިވާއިރު، ކައިލީ މާބަނޑުވި ވާހަކަ ފުރަތަމަ ފެތުރު ދުވަސްކޮޅު އޭނާ ބުނެފައިވަނީ، ހަމަ ޔަޤީނުންވެސް އެ ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށެވެ. ނަމަވެސް ފަހުން އެކަމުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ.