ދުނިޔޭގެ އެންމެ އަގުބޮޑު ނަންބަރު ބޯޑު ދުބާއީގައި ވިއްކާލައިފި އެވެ.

ދުއްވާ އުޅަނދުފަހަރުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑަކީ އެ އުޅަނދެއް އެހެން އުޅަނދުތަކާއި ވަކިކޮށް ދެނެގަތުމަށް ފަސޭހައަށް ސަރުކާރުތަކުން ދީފައިވާ ނަންބަރުތަކެކެވެ. ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ދުއްވާ ހުރިހާ އުޅަނދެއްގައިވެސް ނަންބަރުބޯޑު ހުރެއެވެ. ނަންބަރުބޯޑުތައް ތަފާތުއިރު ބައެއް ފަރާތްތަކަށް ވަރަށް ރީތި ނަންބަރުތައްވެސް ލިބޭއިރު އަނެއްބައި ފަރާތްތަކުން ރީތި ނަންބަރުތައް ބޮޑު އަގުގައި ގަނެފައިވެސް އެބަ ހުއްޓެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު އަގުގައި ވިކުނު ނަންބަރު ބޯޑު ވިކިފައި މިވަނީ ދުބާއީގައި އެވެ. މި ނަންބަރު ބޯޑު ވިކިފައި މިވަނީ ދުބާއީގެ 38 މިލިއަން ދިރުހަމް(17.2 މިލިއަން ރުފިޔާ) އަށެވެ.

ދުބާއީގައި އޮތް ނީލަމެއްގައި ވިކިފައިވާ މި ނަންބަރު ބޯޑުގެ ނަންބަރަކީ އޭއޭ9 އެވެ. މީގެ އިތުރު ދެ ނަންބަރު ހިމެނޭ ނަންބަރު ބޯޑުތަކެއްވެސް ނީލަމުގައި ވިކިފައިވާއިރު އަގުބޮޑު ފޯން ނަންބަރުތަކެއްވެސް ވަނީ މި ނީލަމުގައި ވިކިފަ އެވެ.

ދުބާއީގައި ބޭއްވި ނީލަމުގައި ވިކިފައިވާ އަގުބޮޑު ދުބާއީގެ ނަންބަރުތައް:

056999999, 0569999993, 0549999993, 0565555556, 0545555558.

އަގުބޮޑު،ރީތި ނަންބަރުތައް ގެންގުޅުމަށް ބޭނުންވާ ފަރާތްތަކާއި މުއްސަނދި ފަރާތްތަކުން މި ނީލަމަށް ދިޔައިރު މި ނީލަމުގެ މައިގަނޑު ބޭނުމަކީ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކާތަކެތި ހަދިޔާ ކުރެއްވުމަށް ކުރާ ކެމްޕެއިނަށް ފަންޑު ހޯދުމެވެ.

ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މީގެ ކުރިންވެސް ދުބާއީގައި ފަންޑް ރައިޒިން ހަރަކާތްތައް ބާއްވާފައިވާއިރު ކޮންމެ ހަރަކާތަކުންވެސް އެތައް މިލިއަން ޑޮލަރެއް ލިބޭކަން ފާހަގަ ކުރެވެއެވެ.