ދުބާއީގައި ކަދުރު ރުކެއްގެ ބައްޓަމަށް ހިއްކާފައިވާ ރަށްތައް އިތުރު ކުރަން ދުބައީގެ ސަރުކާރުން ނިންމައިފިއެވެ. 2002 ވަނަ އަހަރު މިމަޝްރޫއު ފެށިއިރު މަޝްރޫއު ޑިޒައިން ކުރީ ދިވެހިރާއްޖޭގެ ރަށްތައް މިސާލެއްގެ ގޮތުގައި ބަލައިގެންނެވެ.

ޕާމް ޖެބެލް އަލީގެ ނަމުގައި ދުބާއީ ކައިރިން ހިއްކާފައިވާ ރަށްތަކުގެ މަޝްރޫއު މެދުކަނޑާލީ 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގުތިސޯދީ ހީނަރުކަމުގެ ސަބަބުންނެވެ. ނަމަވެސް އޭރުވެސް ވަރަށް ގިނަ ގެސްޓް ހޮޓާތަކާއި، ޝޮޕިން މޯލްތައް ވަނީ އެތަނުގައި ހަދާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދުބާއީގެ 2040 އާބަން މާސްޓާ ޕްލޭންގެ ދަށުން ޕާމް ޖެބެލް އަލީ މަޝްރޫއު އަލުން ކުރިއަށް ގެންދަނީ 80 އަށް ވުރެ ގިނަ ހޮޓަލާއި ރިސޯޓް ތަރައްގީކޮށް އިތުރު 35000 އާއިލާ އަށް ލަގްޒަރީ ހިދުމަތް ދިނުމަށެވެ. މިމަޝްރޫއުގެ ދަށުން އިތުރު ކުރާ ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް 70 މޭލު ވަރު ވާނެއެވެ.

މިމަޝްރޫއުގެ ދަށުން ދެން ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އަލަށް ތަރައްގީ ކުރާ ސަރަހައްދުތައް ދުނިޔޭގެ ވިޔަފާރިވެރިންނަށް ވިއްކުމަށެވެ. ދުބާއީ އިން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެސިޓީގެ އިގުތިސޯދު ދެގުނަކޮށް ދުނިޔޭގެ އެންމެ ތިން ވަނަ އަށް އެންމެ ބޮޑު އިގުތިސޯދެއް އޮތް ސިޓީއަށް ދުބާއީ ހެދުމަށެވެ.

ނަމަވެސް އަލުން މަޝްރޫއު ފަށާއިރު ދުބާއީގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީގެ ކުރިން ޕާމް ޖެބެލް އަލީން ބިން ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އަދިވެސް އެބިންތަކުގައި އިންވެސްޓް ކޮށްފައި ނެތުމެވެ. އޭގެ އިތުރުން ބިން ގަތް ގިނަ ބަޔަކު ރިފަންޑް ހޯދަން ހުށަހަޅާފައި އޮތުމަކީ ވެސް ގޮންޖެހުމެކެވެ. އެހެންކަމުން އަލަށް އިންވެސްޓަރުން ހޯދަން ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.