"މަނިކޭ މަގޭ ހިތޭ" ގެ ހިތްގައިމު ލަވައާއިއެކު މުޅި ދުނިޔޭގައި މަޝްހޫރު އަޑަކަށް ވެގެންދިޔަ ސްރީ ލަންކާ ލަވަކިޔުންތެރިޔާ ޔޯހާނީ "ދުބާއީ ގޯލްޑަން ވިސާ" އެވޯޑް ހާސިލުކޮށްފިއެވެ.

އާޓްސް، ސަގާފަތް އަދި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގައި ބޮޑު ދައުރެއް އަދާކޮށްދީފައިވާ ފަރާތްތަކަށް ދުބާއީއިން ދޭ މި ޝަރަފުވެރި އެވޯޑަކީ 'ގޯލްޑަން ވިސާ' ގެ ނަމުން މަޝްހޫރު އެވޯޑެކެވެ.

މި އެވޯޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އެމީހެއްގެ މަސައްކަތުން ތަފާތެއް ދައްކުވައިދޭ އިންވެސްޓަރުން، ވިޔަފާރިވެރިން، ސައިންޓިސްޓުން، ގްރެޖުއޭޓުންނާއި ދަރުމަވެރިންނަށް އެކި ފަހަރެއްގެ މަތިން ދުބާއީ ސަރުކާރުން އަރުވާ ޝަރަފްވެރި އެވޯޑެކެވެ.

ގޯލްޑަން ވިސާ އެވޯޑް ޔޯހާނީއަށް ލިބިގެންދިޔައީ ސްރީ ލަންކާގެ ފޯލްކް މިއުޒިކާއި ކޮންޓެމްޕަރަރީ ޕޮޕް މިއުޒިކް އެއްކޮށްގެން އޭނާ އުފައްދަމުންދާ ތަފާތު މިއުޒިކުން އޯޑިއެންސްގެ ސަމާލުކަން ހޯދުމުގައާއި މިއުޒިކް ބޭނުންކޮށްގެން ސްރީލަންކާ އަދި އެެހެނިހެން ތަންތަނުގެ ސަގާފަތް ދިރުވުމުގައި ޔޯހާނީގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މިހާރު އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށް ހިންދީ ލަވަތައް ކިޔަމުންދާ ޔޯހާނީ ވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއްްގައި މިކަމުގެ އުފާ ފާޅުކޮށްފައިއެވެ. ޔޯހާނީ ބުނީ މި އެވޯޑް ލިބުނީ ހަމައެކަނި އޭނާގެ މަސައްކަތުން އެކަނި ނޫން ކަމަށެވެ. ޔޯހާނީ ބުނީ މި އެވޯޑާއި ހަަމައަށް ދެވުނީ ވަރަށް ގިނަ މީހުންގެ އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.