ދިވެހި ކުޅިވަރުގެ އާއިލާއަށް ޢަބްދުﷲ އަޒްމީންގެ ނަން އަލެއް ނުވާނެއެވެ. އޭނާގެ ޖާދޫ ފެނިގެން ދިޔައީ ދަނޑު މަތިންނެއް ނޫނެވެ. ދަނޑުމަތީގައި ވަމުންދާ ކަންކަން ބެލުންތެރިންނަށް ކިޔައިދޭން ހުންނަ މީހެއްގެ ހައިސިއްޔަތުންނެވެ. ބެލުންތެރިންގެ މުނިފޫހިފިލުމަށާއި ކުޅިވަރާއި ތާރީޚްގެ މައުލޫމާތު ދިނުމަށާއި ސަޕޯޓަރުންގެ ފޯރި އިތުރަށް ދިނުމަށް ހުންނަ މީހާއެވެ. އާދައިގެ މަސައްކަތެއް ނޫނެވެ. ރާއްޖޭގައި ދިގު މުއްދަތަކަށް މި ޚިދުމަތް ދިން އެއް މޫނަކީ ޢަބްދުﷲ އަޒްމީންއެވެ.
2005 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވާ އަޒްމީންގެ ފުރަތަމަ ކޮމެންޓްރީއެއް ޓީވީ މެދުވެރިކޮށް ފެނުނީ 2006 ގެ ވޯލްޑް ކަޕްގައެވެ. ފަހުން ވެސް މި ދާއިރާއިން އެކި އިނާމުތައް ހާސިލްކޮށްފައިވާ އަޒްމީން ވަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތްތަކާއި ސަރަހައްދީ ފުޓުބޯޅަ މުބާރާތްތަކުން ފެށިގެން ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ލީގުތަކުގެ މެޗުތަކުގެ ކޮމެންޓްރީ އެތައް އަހަރެއް ވަން ދެން ދީފައެވެ. ދިގު މުއްދަތަކަށް އެ މަސައްކަތް ކުރަމުން ދިޔަ ހަމައެކަނި ނޫސްވެރިޔަކީ ވެސް އޭނާ އެވެ.
ކޮމެންޓްރީއަށް އަޒްމީންގެ ޝައުގު އުފެދުނު ގޮތް
އަޒްމީން ކިޔައިދިނެވެ. އޭނާގެ އާއިލާގެ އާދަކާދަތައް އޮންނަ ގޮތުން ކުޑައިރު ކުޅެން ބޭރަށް ނުކުމެވޭ ގޮތެއް ނޯވެއެވެ. އެހެންވެ ފުޓުބޯޅަ ކުޅެން ނުކުންނަ އެހެން ކުދިންނާއެކު ކުޅެން ކޮންމެ ދުވަހަކުހެން ބައިވެރިވެވޭ ގޮތެއް ނުވެއެވެ. އެހެން އުޅެމުން ރޭޑިއޯއިން ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ލީގެއްގެ މެޗެއް އަންނަމުންދާތީ އޭގެ ކޮމެންޓްރީ އަޑުއަހަން އޭނާ އިށީނެވެ. އެއީ ލެގޫންސްއާއި ވެލެންސީއާގެ މެޗެކެވެ. އެއަށް ފަހު ކޮންމެ ދުވަހަކު ހަވީރު ރޭޑިއޯއިން މެޗު އަޑުއަހަން ފެށީއެވެ.
"އެ މެޗުން ދެން ވެލެންސިއާ މޮޅުވީ. ކޮމެންޓޭޓަރު ބުނޭ ވެލެންސިއާއަކީ ވަރަށް މޮޅު ޓީމެކޭ. މޮޅު ކުޅުންތެރިން ތިބި ޓީމެކޭ. ކާމިޔާބީތައް އޮތް ޓީމެކޭ. ދެން އެ ހިސާބުން އަހަރެން ވެލެންސިއާގެ ބޮޑު ސަޕޯޓަރަކަށް ވެއްޖެ. ދެން ރޭޑިއޯ އަޑުއެހުމަކީ ގަވާއިދުން ކޮންމެ ދުވަހަކު ހަވީރު ވެސް ކުރާ ކަމެއް. ފުޓުބޯޅަ ކުޅެން ދިއުމަށް ވުރެ ރޭޑިއޯ އަޑުއެހުމަކީ މާ ކުރާ ހިތްވާ ކަމަކަށް ވެއްޖެ." އަޒްމީން ކިޔައިދިނެވެ.
ގދ. ގައްދޫއަށް އުފަން އަޒްމީންގެ ކިޔެވުން އިތުރަށް ކުރިއަށް ގެންދަން އުމުރުގެ ވަކި ހިސާބަކުން ޏ. ފުވައްމުލަކަށް ބަދަލުވިއެވެ. ފުވައްމުަލަކަށް ބަދަލުވުމުން ރޭޑިއޯ ގަނެދޭން އާއިލާގެ އިސް މީހުން ކައިރީ އެދުނު ކަމަށް އަޒްމީން ބުންޏެވެ. އެކަމަކު އެ ގޮތަކަށް އެ ކަމެއް ނުވިއެވެ. ދެން އަވަށްޓެރިޔެއްގެ ހުއްދަ ހޯދައިގެން އެ ގޭގައި ހުންނަ ރޭޑިއޯ ކޮންމެ ދުވަހެއްގެ ދެ ގަޑިއިރަށް ބޭނުން ކޮށްފައި އަނބުރާ ދޭ ގޮތަށް ހަވީރުގެ މެޗު ވަގުތަށް ނަގަން ފެށީއެވެ. އަދި މެޗުތަކުގެ މުހިއްމު މައުލޫމާތުތައް ނޯޓް ކުރަން ވެސް ފެށީއެވެ.
"ރޭޑިއޯއެއް ދެން ހޯދި ގޮތަކީ ކައިރި ގެއެއްގެ މީހެއް ކައިރީ ބުނެގެން ރޭޑިއޯއެއް ބޮރޯ ކުރީ. ހަމައެކަނި ހަވީރު ހަތަރަކުން އިރުއޮއްސި ހައަކަށް ލިބޭ ގޮތަށް. އެ ގޮތަށް ރޭޑިއޯ އަޑުއަހަމުން ފޮތްތަކުގަ މެޗުތަކުގަ ހިނގާ ހުރިހާ ކަމެއް އަދި މައުލޫމާތެއް ނޯޓް ކުރަމުން ދިޔައީ. އެ އުފެދުނު ޝައުގުވެރިކަމުގައި ކުރަން ފެށި ކަމެއް އެއީ މެޗުތަކުގެ ހުރިހާ މައުލޫމާތެއް ނޯޓް ކުރަން ފެށުން،" އަޒްމީން ބުންޏެވެ.
މަދަރުސީ ދައުރުގައި ވެސް އަމާޒަކަށްވީ ނޫސްވެރިކަން
2000 ގައި އަޒްމީންގެ ދިރިއުޅުން މާލެއަށް ބަދަލުވެއްޖެއެވެ. އިތުރަށް ކިޔެވުމަށެވެ. ކިޔަވާނެ ސްކޫލެއް އިޚްތިޔާރު ކުރުމުގައި އޭނާ އެންމެ ބޮޑަށް ބެލި ކަމަކީ އަދަބީ ހަރަކާތްތަކާއި ނޫސްވެރިކަމަށް ފުރުސަތު އޮންނަ ސްކޫލަކަށެވެ. އެ ގޮތަށް ބެލިއިރު އެ ކަމަށް އެންމެ ފަހި ފުރުސަތުތައް އޮތީ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ގައި ކަމުން އެ ސްކޫލަށް ވަދެ އެ ކަމަށް މަސައްކަތްތަކެއް ކުރިއެވެ.
"ސްކޫލް ނިންމާފައި ކޮންމެ ދުވަަހަކު ގޮސް އާފަތިސް ނޫހުގައި މަސައްކަތް ކުރާ ގޮތަށް ވެއްޖެ. ކޮންމެ ދުވަހަކު ދެގަޑިއިރު ތިންގަޑިއިރު މަސައްކަތް ކުރާ ގޮތަށް. ސްކޫލްގެ ދެވަނަ އަހަރު ޓީވީއެމްއަށް ވެސް ވޮކޭޝަނަލް ޓްރެއިނިންއަށް ދާން ފެށިއްޖެ. ފުރަަތަމަ ކަމެއް ނެތި ހުންނަން ޖެހުނީ. ފަހުން އަހަރެންނަށް ކޮމެންޓްރީ ދެވިދާނެއޭ ބުނުމުން އިންޓަވިއު ކުރި، އެ މީހުން ސުވާލުކުރާ ކޮންމެ ކުޅުންތެރިއެއްގެ މައުލޫމާތު ދިނިން،" އަޒްމީން ބުންޏެވެ.
އެހެންވިޔަސް އުމުރުން 15 ވަރަކަށް އަހަރުގެ އަޒްމީންއަށް އެ ފަހަރު ޓީވީއެމްއިން ފުރުސަތެއް ނުލިބުނެވެ. ނޫސްވެރިކަމުގެ ތެރެއަށް އޭނައަށް ވަންނަން ދެން ފުރުސަތެއް ލިބުނީ ސްކޫލްގައި ހިންގި ނޫސްވެރިކަމުގެ ކޯހެއްގައި ބައިވެރިވެގެންނެވެ. އެއީ "ހަވީރު" ނޫހުން ކުރިއަށް ގެންދިޔަ ކޯހެކެވެ. އެ ކޯހުން އަޒްމީނަށް އެއްވަނަ ވެސް ލިބުނެވެ.
"އޭރު ނޫސްވެރިކަމުގެ އެންމެ ގަދަކޮށް މި ކިޔަނީ ހަވީރު. ހަވީރުން ފުރުސަތު ލިބިއްޖެއްޔާ އެއްވެސް މީހަކު ހަވީރަށް ނުގޮސް ނުހުންނާނެ. އެހެންވެ ސްކޫލް ނިންމައިފައި އަހަރެން ވެސް ފުރަތަަމަ ދިޔައީ ހަވީރަށް." އަޒްމީން ކިޔައިދިނެވެ.
2006 ގެ ވޯލްޑްކަޕް ކޮމެންޓްރީގެ ތަޖުރިބާ
"ހަވީރު" ނޫހުގައި މަސައްކަތް ކުރަމުން ދަނިކޮށް، 2006 ގެ ވޯލްޑް ކަޕް އައިސް ޖެހިއްޖެއެވެ. އެ މުބާރާތުގައި ކޮމެންޓްރީ ދޭނެ ކޮމެންޓޭޓަރަކު ޓީވީއެމްއަށް ބޭނުންވިއެވެ. ދޭނެ އެކަކު ވެސް ނުވުމުންނެވެ. ކުރިން ވެސް ޓީވީއެމްގައި ތަމްރީން ކުރަން ގޮސް އުޅުމުގެ ތެރެެއިން ކޮމެންޓްރީ ދިނުމުގެ ހުނަރު ދައްކައި ދީފައިވާ އަޒްމީނަށް އެ ފުރުސަތު ލިބުނެވެ.
"އެއީ ވޯލްޑް ކަޕް ރާއްޖޭގަ އެކަކު އެކަނި ހުރެ ހޯސްޓް ކުރި ފުރަތަމަ ފަހަރު. އެއީ ގާތްގަނޑަކަށް ދެ މަސް. އެއީ 32 ޓީމު ވޯލްޑް ކަޕްގަ ކުޅޭތީ ވޯލްޑް ކަޕްގެ މަސް ދުވަސް ކުރިން ފެށީ ކައުންޓް ޑައުން ޝޯއާ ވެސް އެކު. އެ ކައުންޓް ޑައުން ޝޯއިން ފެށިގެން ވޯލްޑް ކަޕް ނިމެންދެން އެކަނި މާ އެކަނި އުޅުނީ. އޭރު އަހަރެން ވަންނާނެ ހަވީރު 5:30 ގަ ޓީވީއަށް. ދެން ނިމޭނީ ފަތިހު 5:30 އަކަށް. އެއީ އޭރު ކުޅޭ ހުރިހާ މެޗަކަށް ކޮމެންޓްރީ ދީ، ދެން އަންނަން އޮތް މެޗުތަކަށް ރިޕޯޓް ލިޔެ އަޑު އަޅައި މި ހުރިހާ ކަމެއް ކޮށްފަ،" އަޒްމީންގެ ތަޖުރިބާ ހިއްސާކޮށްދިނެވެ.
އެންމެ ހަނދާން ހުންނަނީ ނިއު - ވެލެންސިއާގެ މި މެޗުތައް
ކޮމެންޓްރީގެ ދިގު ހަޔާތުގައި އަޒްމީން އެންމެ ހަނދާން ހުންނަ މެޗެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ 2007 ގެ ކަޕްވިނާސް ކަޕްގެ ފައިނަލް މެޗެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗު ވެސް އަޒްމީން ފާހަގަ ކުރެއެވެ. ކައިރި ކައިރީގައި ކުޅުނު މި ދެ މެޗުގައި ވެސް ބައްދަލު ކުރީ ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ދެ ބާރު ކަމުގައިވާ ވެލެންސިއާ އަދި ނިއު ރޭޑިއަންޓެވެ.
ފުރަތަމަ ފައިނަލް މެޗު ކާމިޔާބު ކުރީ ވެލެންސިއާއިންނެވެ. އެ މެޗުގެ ފަހު ފަސްވަރަކަށް މިނެޓްގައި އަޒްމީން ގެންދިޔައީ ވެލެންސީގެ ކާމިޔާބީގެ ތާރީޚަށް އަލިއަޅުވާލަމުންނެވެ. އަޒްމީން ބުނި ގޮތުގައި، އެ މެޗަށް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އޭނާއަށް އަމާޒުވިއެވެ. ފަހުން އެފްއޭ ކަޕްގެ ފައިނަލް މެޗު ކާމިޔާބު ކުރީ ނިއު އިންނެވެ. އެ ދުވަހު ވެސް ފަހު މިނެޓްތަކުގައި އޭނާ ދިޔައީ ނިއުގެ ކާމިޔާބީތައް ފާހަގަކުރަމުންނެވެ. އެ ދުވަހުގެ މެޗަށް ފަހު ވެލެންސިއާ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި ކަމަށް އަޒްމީން ބުންޏެވެ.
"އެ ދެ މެޗު އަހަރެން ވަރަށް ހަނދާން ހުރޭ. އަދި އެ ދެ މެޗަށް ފަހު އަމިއްލައަށް ވެސް ޤަބޫލު ކޮށްގެން ހުރީ އަހަރެން ހަގީގަތުގަ ވަރަށް ބެލެންސްއޭ. ހަމަހަމައޭ. ހަމަހަމަ ވީމައޭ ދެ ޓީމުގެ ސަޕޯޓަރުން ވެސް ނުރުހިގެން އެ އައީ. އަހަރެންނަށް އިހްސާސްވީ ބަލިވެއްޖެއްޔާ ދެން ހަމަ ރުޅި އަންނަނީއޭ." އަޒްމީން ބުންޏެވެ.
އެންމެ އުފާވެރި ދުވަހަކީ ޤައުމީ ޓީމަށް ރަންވަނަ ލިބުނު ދުވަސް
ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް އެންމެ ފަޚުރުވެރި ވަނައެއް ދެ ފަހަރެއްގެ މަތިން ލިބިގެން ދިޔައިރު ވެސް ދިވެހި ފުޓުބޯޅައިގެ މައި ކޮމެންޓޭޓަރަކަށް ހުރީ އަޒްމީނެވެ. 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗާއި 2018ގެ ސާފު ޗެމްޕިއަންޝިޕްގެ ކޮމެންޓްރީ ދިނީ ވެސް އޭނައެވެ. އޭގެ ތެރެއިން ވެސް އޭނައަށް އެންމެ ޚާއްސައީ 2008 ގެ ފައިނަލް މެޗެވެ. ފުރަތަމަ ފަހަރު ކަމަށް ވުމުން އޭގެ ޚާއްސަކަން އިތުރުވީއެވެ.
"ކުޅުންތެރިން ވެސް ބުނާނެ އެ މީހުން ވެސް އެންމެ ބޭނުންވާ ކަމަކީ އެ މީހުން މެޗަށް އަރައި ކުޅެގެން ގައުމަށް ރަން މެޑަލް ހޯދުމޭ. އަހަރެން ވެސް ބޭނުންވި ކަމަކީ ޓީވީ ކޮމެންޓަރީގަ އަހަރެން އިންދާ ތަށި ލިބުން. އެކަމަށް ޓަކައި މަސައްކަތް ވެސް ކުރިން. މި ބުނާ ވާހަކައަކީ މީގެ ކުރިން ތަށި ނުލިބި ސަބަބާއި ގައުމީ ޓީމުގެ މައްސަލަތައް މީޑިއާއަށް އެ ވަރަށް ތިލަކޮށްލުމުން ތަށި ނަގަން ކުޅުންތެރިންނަށް ވެސް އެ ވަރަށް މަސައްކަތް ކުރަން މަޖުބޫރު ވެސް ވެގެންނޭ،" އަޒްމީން ކިޔައިދިނެވެ.
ފާޑުކިއުންތައް ބަލައިގަންނަން؛ އެކަމަކު މިއީ ބުރަ ކަމެއް
ދިވެހި ކޮމެންޓޭޓަރުންނަށް ވެސް އާންމުންގެ ފަރާތުން އެކި ފާޑުކިއުންތައް އަމާޒުވެއެވެ. އޭގެ ތެރޭގައި ކުށް ކުރެވިގެން އަމާޒުވެފައި ހުރި ފާޑުކިއުންތައް ހިމެނޭ ކަމަށް އަޒްމީން ޤަބޫލު ކުރެއެވެ. އެކަމަކު އަޒްމީން ބުނާ ގޮތުގައި ދިވެހި ކޮމެންޓޭޓަރުންނަށް މޮޅު ކޮމެންޓްރީއެއް ދިނުމަށް ހުރަސްތަކެއް ވެސް ހުންނަނީއެވެ. އެކަށޭނަ ވަސީލަތެއް ނުހުރެއެވެ. އެތައް އަހަރެއް ވަންދެން ކޮމެންޓްރީ ދިންއިރު ކޮމެންޓޭޓަރަށް ޓީވީގެ މަންޒަރުތައް ނުފެންނަ ގޮތަށް ހުރުމުން ޓީވީއިން ދައްކާ މަންޒަރާއި ނުބައްދަލުކޮށް ކޮމެންޓްރީ ދެވިފައި ވެސް ވެއެވެ. ތަމްރީނެއް ވެސް ނުލިބެއެވެ.
އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ ކުޅިވަރު ދާއިރާގެ ނޫސްވެރިން އެ ދާއިރާއަށް ޚާއްސަ ނުކުރުމެވެ. އޭގެ ސަބަބުން އެ ދާއިރާއަށް ސަމާލު ކަން ދޭން ޖެހޭ ވަރަށް ނުދެވެނީއެވެ. އޭގެ ސަބަބުން މައުލޫމާތު މުއްސަނދި ކުރުމަށް ވެސް ދަތިތަކެއް ދިމާވާނެ އެވެ. ރާއްޖޭގައި ކޮމެންޓޭޓަރުންނަށް ރަނގަޅު ފުރުސަތެއް ފަހިވާނީ މީޑީއާ ސިނާއަތް މުޅިން ބަދަލުވެގެން ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގައި މުޅި އިންޑަސްޓްރީ ބަދަލުވެގެން ނޫނީ މާ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަކަށް ނުފެނޭ. އެއީ ކުޅިވަރު ދާއިރާގަ ތިބެން ބޭނުންވާ ނޫސްވެރިންނަށް މި ދިމާވާ ގޮންޖެހުމަކީ އެ މީހުން ސްޕެޝަލައިޒް ނުކުރުން. އެ މީހުން ފޮނުވަދާނެ މުޒާހަރާ ކަވަރު ކުރަން ވެސް. ދަނޑުވެރިންނާއި މަސްވެރިންގެ އިންޓަވިއު ނަގަން ވެސް." އަޒްމީންގެ ކަންބޮޑުވުން ހިއްސާކޮށްދިނެވެ.
އަޒްމީން މިހާރު ހުރީ ކޮމެންޓްރީ ދިނުމާ ދުރުގައެވެ. ޒުވާން ނޫސްވެރިންނަށް އެ ފުރުސަތު ދޫކޮށްލައިގެންނެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ޒުވާން ދުވަސްވަރު ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފުރުސަތު ނުލިބުމެވެ. އެހެންކަމުން އޭނާ އެންމެ ބޮޑަށް އެދެނީ ޒުވާން ނޫސްވެރިންނަށް އެ ފުރުސަތު ލިބިގެން ކުރިއަށް ދިއުމެވެ.
އޯވް😍😘 ޝުކުރިއްޔާ ވަގުތު💖 އަޒްމީން ތީ ހަމަ އެންމެ ބެސްޓް💕💕💕 މައި ފެވް💖💖💖💖 އަޒްމީން ކޮމެންޓްރީ ދޭން އެރިޔަސް ޕްރީ ޝޯވ އަކަށް އެރިޔަސް ބޭނުންވާ އެތައް މަޢުލޫމާތެއް ލިބޭ❤️ ތިވަރުގެ ހުނަރުވެރި މޮޅު ނޫސްވެރިއެއް އަދި މިރާއްޖެ އަކުން ނުފެނޭ💯 އަޒްމީން ހަމަ މޮޅިއްޔޭ😍👏 އަޒްމީންއަށް ވާނެ💪🏻 އަބަދުވެސް ތި ގޮތުގައި ކުރިއަށް ދައްޗޭ♥️♥️ ވަރަށް ވޭ އަޒްމީންއާއިއެކު މަސައްކަތް ކޮށްލާ ހިތް♥️ އަޒްމީންއަށް އަބަދުވެސް ކުރިއެރުމާއި އުފާވެރިކަން ދެއްވާ މަސައްކަތުގައި ބަރަކާތް ލައްވާށި🤲🏾♥️👏
ޙުވަދޫ ބަހުން ކޮމެންޓް ރީ ދޭން ރަންގަލު
އަޒްމީނަށްހަމަސާބަސް!
ކޮމެންޓުރީ 0.. ފޮނީގެ ބައި މާ ބޮޑީ
ނޮޓްޒީރޯބަޓްޔޫހޭވްއަވެލިޑްޕޮއިންޓް!
މީނާ ކިޔައިދޭ ވާހަކަ ރަނގަޅަށް އަޑުއަހާފައި ދެން އެމައުލޫމާތު ބަލާ މީހަކަށް އެނގޭނެ އޭގައި ދޮގާއި ތެދުހުރި ވަރު. މަގޭ ހަޔާތުގައި ކޮމެންޓްރީ ގެނައި އެންމެ ކަމުނުދާ ގޮތަށް ބަސްބޭނުންކުރާ ކޮމެންޓްރޭޓަރަކީ ތިޔައީ. ދިވެހިބަހުން ރަނގަޅަށް ރީތިކޮށް ވާހަކައެއް ދައްކަން ނުދަންނާނެ. މީނާ ދައްކާ ވާހަކައާއި ލިޔާ އެއްޗެހި ރަނގަޅަށް ދިވެހިބަސް ދަންނަ މީހަކަށް ދައްކަ ބަލަ. މީގެ ދޮގެކޭ ބުނަން ކެރޭނެ އެއްވެސް މީހަކު ނުހުންނާނެ.
ދެންކަލޭ ދާންވީނު ކޮމެންޓްރީ ދޭން..ތިހާ މޮޅީޔާމު..
ބަލަ ކާއްޗެއްގެ މީރު ވަރު އިނގެނީ އެ ކާ މީހާ ޝެފަކަށް ވީމަތަ؟ ކަލޭ ތި ވިސްނަނީ ކިހިނެތް؟ މި ގައުމުގައި ކޮމެންޓްރީ ކުރުމުގެ ފެންވަރު އެ ފެންނަނީ މީނައަށް އެ ޗާންސް ލިބޭތީ. އެހާ ބޮލަށް އުނދަގޫވާ އަޑެއް. ކިޔާ އެއްޗެއް ގިނަފަހަރު ދިމާވަނީކީ ނޫން. ވަކިކޮޅަކަށް ޖެހިގެން ކޮމެންޓްރީ އެބަ ކުރޭ. ދިވެއްސަށް މޮޅުކަމަށް މަޝްހޫރު ކުރާއިރު އެހާ ކުށް ގިނަ. ދުނިޔޭގައި ކޮމެންޓްރީ ކުރުމުގައި ގެންގުޅޭ އެއްވެސް ގިންތިއަކަށް ކޮމެންޓްރީ ފެތެނީކީ ނޫން. އަދިވެސް ކިޔަންވީ؟
ހަމަ ޖޭވަނި.... ކޮމެންޓްރީ ދޭން މޮޅުވީމަ.....ޕިސް ޕިސް...ދިވެހިންގެ އުސޫލް
ޖޭ ވާން ކިތައްމީހުންގެ ހުވަފެނެއްތަ ދިވެހި ކޮމެންޓޭޓަރަކަށް ވުމަކީ؟ ކަލޭތީ ދިވެއްސެއް ނޫންތަ؟ ޓިޕިކަލް އޯ ލޮލް
އިހަށް މީނާއަށް ރީތިކޮށް ދިވެހިން ވާހަކަދައްކަން ދަސްކޮށްދީ. ދުލަށްއައިހާ އެއްޗެއް ގޮވިޔަސް ހަޅޭއްލެވިޔަސް އެއީ ކުޅަދާނަކަމަކަށް ނުވާނެ. ކުޅަދާނަވުމަކީ އެދައްކާ ބަހަކުން އެއެއްޗެއް ބުނަންވާގޮތަށް ރަނގަޅަށް ބުނަން އެނގޭ މީހަކަށްވުމާއި އެ ބުނާ އެއްޗެއް ރަނގަޅަށް ދޭހަވާގޮތަށް ތެދަށް ބުނަން އެނގުން.
ދިވެހި ފުޓްބޯޅަ މަތިން އެންމެ ބޮޑަށް ފޫހިވި ސަބަބަކީ މި މީހާ!
މީ 2
މީ 3
މިފާޑަށް ކޮމެންޓްރީ ދޭ އެއްވެސް މީހަކު ނޫޅޭ މި ދުނިޔެއަކު! ބައަސްޑް ކޮމެންޓްރީ. ހެހެހެ
މާބޮޑަށް އޯވަރ ވެފަ އިންނަ ސޮރެއް ތީ .. ބޮލައް މާ ބޮޑަށް އު ދަގޫ ވަނީ .. ދެން އެހެން ޗެނެލް އަކުން ބަލަނީ...
ދެން މާ އެގިގެން ކޮމެންޓްރީ ދެނީ، މީނަގެ އަނގަ ވިހަކަމުންވެސް މެޗުތަކުން އެބަ ބަލިވޭ...
އަޒްމީނަކީ ގަދަ ކޮމެންޓޭޓަރެއް. 2008 ސާފް ޗެމްޕިއަންޝިގައި ރާއްޖެ ތަށިނެގިމެޗް ނުމުނުތަނާ ޝާހިދުމެންފަދަ ކޮމެންޓޭޓަރުން ޖަޒުބާތުގައި ޖެހުނު ވަގުތު ކޮމެންޓްރީ ކުރިޔަށްގެންދިޔައީ އަޒްމީން. ސާބަހޭ🤗
މީނައަކީ ރާއްޖޭގަހުރި ފުޓުބޯޅައިގެ އެންމެ ބޮޑު ރޯނުއެދުރު ނޯޖަވާނު.
އަދިވެސް އިބްރާހީމް ޢުމަރު މަނިކު ވަރު މީހަކު ތިކަމަށް ނާދޭ!
އާދަޔާ ޙިލަފަށް މޮޅީ. ނޭންގޭ ހަމަ އެއްވެސް ކަމެއް ނޯވޭ. ކުރުކޮށް ބުނާނަމަ އޯވަރ
ޔެސް ހަމަ ވަރަށް މޮޅު މީހެއް އެއީ...ޖޭ ވިޔަސް ބޮޑުވަރު...
ކަމަކު ނުދޭ! ފުޓުބޯޅަ ނޭގޭ.
އަޅެ ތިހާ މޮޅިއްޔާމު ކަލޭ ދޭބަލަ....ކޮމެންޓްރީ ދޭން އޭރުން ދޯ އިގޭނި ކާކަށްތޯ ބޯޅަ އެގެނީ...އައި ޑޯންޓް ތިންކް ޔޫ ކޭން ބީޓް ހިމް...ވަރަށް ސަލާމް
އަޒްމީން އަކީ ވަރަށް ދާއިރާގެ މައުލޫމާތު މުއްސަނދި މީހެއް. މެޗް ބަލަން އިންނައިރު ޕްލެޔަރ އާއި ނުވަތަ ޓީމާއި ގުޅޭ އެހެން މައުލޫމާތު ދޭތީ ވަރަށް ހިތްހަމަ ޖެހޭ. ބޭރުގަވެސް ކޮމެންޓްރީގަ ވަރަށް ކުރާ ކަމެއް އެއީ.. އޭނަ އަކީ ރާއްޖޭގެ އެއްވަނަ. އަޒްމީން އޯވަރ ވެފައޭ ބުނާ މީހުން އެހެން ބުނާ ސަބަބެއް ނުވިސްނޭ.
ކާމިޔާބަށް އެދެން.