ކައިވެންޏަށް ތައްޔާރު ވީއިރު އާދައިގެ ހިސާބު ޓެސްޓަކުން ފެއިލް ވެގެން ކައިވެނި ކުރިޔަށް ނުގެންދެވިދާނެ ކަމަށް މި ފިރިހެން މީހާ ހިތަކަށް ވެސް ނާރައެވެ. ނަމަވެސް، ކަންދިމާކުރި ގޮތުން ކައިވެންޏަށް ތައްޔާރުވެ އެންމެ ފަހުވަގުތު އަންހެން ކުއްޖާގެ ހިޔާލު ބަދަލުވީ ހިސާބު ޓެސްޓަކުން ފިރިހެން މީހާ ފާސް ނުވުމުންނެވެ.

އިންޑިއާގެ އުޓާހް ޕްރަދޭޝްގައި ހޮނިހިރު ދުވަހު މި ކައިވެނި ކުރުމަށް އޮތީ ހަމަޖެހިފައެވެ. ކައިވެނީގެ މަޖިލީހަށް ފިރިހެން މީހާ ދިޔައީ ފޮނި ހުވަފެންތަކަކާއި އެކީއެވެ. ދެކުނު ހުވަފެން ބިލާހަކަށްވީ އަންހެން ކުއްޖާގެ ހިތުގައި ފިރިހެން ކުއްޖާގެ ތައުލީމީ ފެންވަރާއި މެދު ސުވާލު އުފެދި، އެވަގުތު ކޮށްލި ސުވާލަކާއި ގުޅިގެންނެވެ.

ހިންދޫން ކައިވެނި ކުރާއިރު އެކަކު އަނެކަކުގެ ކަރުގައި އަޅުވައި މާފަތި އެޅުވުމުގެ ކުރިން އަންހެން ކުއްޖާ ފިރިހެން ކުއްޖާގެ ކައިރިން އެދުނީ ދޭއްގެ ނަވަތަ ކިޔައިދިނުމަށެވެ. ކައިވެނި ކުރަން އުޅުނު ފިރިހެން ކުއްޖާއަށް ދޭއްގެ ނަވަތަ ކިޔައިދޭކަށް ނޭނގުނެވެ. އެހާއި ހިސާބުން ކައިވެނި ނުކުރަން އަންހެން ކުއްޖާ ނިންމިއެވެ.

އެ ސަރަހައްދުގެ ސްޓޭޝަން ހައުސް އޮފިސަރު ވިނޯދް ކުމާރު ބުނި ގޮތުގައި ކައިވެނީގެ މަޖިލީހަށް އާއިލާގެ މީހުންނާއި، ރަހުމަތްތެރިންގެ އިތުރުން އަވައްޓެރިން އެއްވެފައި ވަނިކޮށް އެންމެ އާދައިގެ ލެވަލްއަށް ހިސާބު ނޭނގޭހައި ތައުލީމީ ފެންވަރު ދަށް މީހަކާއި ކައިވެނިކޮށްގެން ނޫޅެވޭނެ ކަމަށް ބުނެ އަންހެން ކުއްޖާ އެތަނުން ނުކުމެގެން ދިޔައެވެ. ރައްޓެހިންނާއި އާއިލާގެ މީހުން އަންހެން ކުއްޖާގެ ހިޔާލު ބަދަލުވޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

އިންޑިއާގައި ކުރެވޭ ގިނަ ކައިވެނި ތަކަކީ އެރޭންޖް މެރިއޭޖަށް ވެފައި މިއީ ވެސް އެހެން ކުރަން ނިންމާފައިވާ ކައިވެންޏެވެ.

ކިޔުންތެރިންގެ ހިޔާލު