އިންޑިޔާގެ ހޮސްޕިޓަލެއްގައި އޮތް ދެ މަހުގެ ތުއްތު ކުއްޖަކު މަރުވި ފަހުން ކޮވިޑް-19 އަށް ފައްސިކަން އެނގުމުންވެސް އާއިލާއިން ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ދޫކޮށްލާފައެވެ. އަދި އެ އާއިލާ ވެސް ވަނީ ހޮސްޕިޓަލުގެ މުވައްޒަފަކަށް އޮޅުވާލާ ހޮސްޕިޓަލުން ފިލައިފައެވެ.

ޝްރީ މަހަރާޖާ ގުލާބު ސިންގް ހޮސްޕިޓަލުގައި އޮތް މި ތުއްތު ކުއްޖާ ކޮވިޑަށް ފައްސިވެ، އެ ބަލީގައި މަރުވުމުން ވެސް އާއިލާއިން ކުއްޖާއާއި ހަވާލުނުވެ ފިލީ ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

މި ހޮސްޕިޓަލުގެ މެޑިކަލް ސްޕްރިންޑެންޓް ދާރާ ސިންގް ބުނެފައިވަނީ ވިހެއި އިރު ވެސް ހިތުގެ ބަލި ފަދަ އެތައް ބަލިތަކެއް ހުރި މި ތުއްތު ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މިދިޔަ އާދީއްތަ ދުވަހު ހެނދުނުއެވެ. އަދި އެކުއްޖާ މަރުވެފައިވަނީ އެރޭގެ 8:30 ހާކަށްހާއިރުއެވެ.

''ތުއްތު ކުއްޖާ މަރުވުމުން އެކުއްޖާގެ ކޮވިޑު ޓެސްޓު ހެދިއިރު އެނގުނީ ކޮވިޑަށް ފައްސިކަން. ކުއްޖާގެ އާއިލާއަށް މިކަން އެންގިން އަދި އެމީހުން ވެސް ޓެސްޓު ހެދުމަށާއި ރައްކާތެރިވުމަށް ބުނިން. ހޮސްޕިޓަލުގެ މުވައްޒަފަކަށް އޮޅުވާލައިގެން އެމީހުންނަށް ޓެސްޓް ހަދާ ތަން އެނގޭ ކަމަށް ބުނެ ފިލީ'' ދާރާ ސިންގް ބުނެފައިވެއެވެ.

ހޮސްޕިޓަލުގެ ސެކިއުރިޓީ މުވައްޒަފުން ތަކުރާރުކޮށް އައުމަށް ބުނުމުން ވެސް އެމީހުންގެ އެއްވެސް އިޝާރާތެއް ނުވިއެވެ. އޭގެ ފަހުން ހޮސްޕިޓަލުންވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. އެ އާއިލާ ހޯދުމުގެ މަސައްކަތް އަދި ވެސް ދަނީ ކުރަމުންނެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު އަދި ވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް ދާރާ ސިންގް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު