ބޮލީވުޑްގެ ފިލްމީތަރި ކަންގަނާ ރަނޫތު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަންގަނާ ރަނޫތު ކޮވިޑަށް ފައްސިވެފައިވާ ކަން ހާމަކޮށްފައި ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ކަންގަނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފާއިތުވި ދުވަސްތަކުގައި އޭނާ ވަރަށް ބަލިވި ކަމަށާއި "އަނދާ" ކަހަލަ އިހުސާސްތަކެއް ލޮލަށް ދިމާވި ކަމަށެވެ.

ކޮވިޑަށް ކަންގަނާ ސުންކު ނަގާފައި ވަނީ އިއްޔެއެވެ. އަދި ކަންގަނާ ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ މިއަދު ކަމަށް އޭނާ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކޮވިޑަށް ފައްސިވުމާ ގުޅިގެން ކަންގަނާ ވަނީ އަމިއްލައަށް އެކަހެރިވެފައެވެ. ކަންގަނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ވަނީ ކޮވިޑާ މެދު ބިރުނުގަތުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެންމެ ގުޅިގެން ކޮވިޑުން އަރައިގަތުމަށް މަސައްކަތް ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅެއް ނަގާފައިވާ މި ދަނޑިވަޅުގައި ދުވާލެއްގެ މައްޗަށް އެތައް ލައްކަ މީހުން އެ ގައުމުން ފައްސިވެއެވެ. އަދި މަރުވާމީހުންގެ އަދަދުވެސް އެތައް ހާހަށް އަރާއިރު އެ ގައުމުގެ ހޮސްޕިޓަލްތައް މިހާރު ފުރިފައިވާކަން ފާހަގަ ކުރެވެއެވެ.

ފާއިތުވި މުއްދަތުގައި ކޮވިޑް ބަލީގައި އެތައް ލައްކަ ބަޔަކު މަރުވެ އެމީހުން އެންދުމަށްވެސް އިންޑިއާ އޮތީ ނުކުޅަދާނަ ވެފައެވެ. އަދި ހާލުދެރަވާ ފަރާތްތަކަށް އޮކްސިޖަނާއި ވެންޓިލޭޓަރު ލިބުމުގެ ދަތިތައްވެސް އޮތްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިތިކް

    ލޮލް އަހރެމެންނަށް ކީއް! ތީ ސަޕޯޓް ކުރެވޭ ވަރަށް ވުރެން މޮޔަ ކަމުނުދާ މީހެއް!

  2. ފޭން

    ކަންގަނާ އަކީ، ބޮލީވުޑްގެ ނަމްބަރ 1 އެވެ. 4 ފަހަރު ނެޝަނަލް ފިލްމްފެއަރ އެވޯރޑް އަދި ޝަރަފުވެރި ޕަދްމަޝްރީ އެވޯރޑް، 6 ފަހަރު ފޯރބްސް މަޖައްލާގެ އިންޑިއަން ސެލެބްރިޓީންގެ ލިސްޓްގައި ހިމެނުމަކީ މީގެ ވަރުގަދަ ހެއްކެކެވެ. ބަލާ ފޫހިނުވާ، ހިޓް އެތަކެއް ފިލްމެއް ކުޅެފައިވާ ތަރިއެކެވެ. ކޮމެޑީ ރޯލާއި، ސީރިއަސް ރޯލާއި، މައުސޫމް ކުއްޖެއްގެ ރޯލާއި، ތަޅާފޮޅާ ވަރުގަދަ ރޯލުތައް ކުޅުމުގައި އޭގެ ދެވަނައެއް ނެތްފަދަ މޮޅު ބަތަލާއެކެވެ. ކަންގަނާ ތަފާތުވަނީ ފިލްމީ ބެކްގްރައުންޑެއް ނެތި އަމިއްލަ މަސައްކަތުން ބޮންތިއަށް އެރީމައެވެ. ކޮންމެ އިންސާނެއްގެ ވެސް އުނިސިފަ ހުންނަފަދައިން، ކަންގަނާގެ ވެސް ބައެއް އުނިސިފަ ހުރެއެވެ. ބައެއްފަހަރު ތަންކޮޅެއް އަނގަގަދަ ވެވެނީ އެވެ. ކޮންމެއަކަސް ކަންގަނާއަށް އަވަސް ޝިފާއަކަށް އެދެމެވެ.