ކައިވެނީގެ ޙަފްލާތަކަށް ހަދިޔާ ގެންދިޔުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމެކެވެ. މިކަމަށް ބަދަލުތަކެއް އައިސް، ކައިވެނި ޙަފްލާތަކަށް ގެންދެވޭނީ ވަކި ވައްތަރެއްގެ ހަދިޔާކަަންވެސް މިހާރު ކަނޑައަޅައެވެ.

އެގޮތުން، އަވަށްޓެރި އިންޑިޔާގެ މަހަރަޝްތުރާ އަށް ނިސްބަތްވާ މި ދެމަފިރިންގެ ކައިވެނީގެ ޙަފްލާއަށް، މެޙުމާނުން ގެންދަން ޖެހޭގޮތަށް ކަނޑައަޅާފައިވަނީ ފޮތެވެ. މެޙުމާނުންނަށް ފޮނުވި ދައުވަތު ކާޑުގައި ބަޔާންކޮށްފައިވާ ގޮތުން، ހަދިޔާއެއް ގެންނަނަމަ، ގެންނަން ޖެހޭނީ ފޮތެކެވެ.

ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރާ އަމަރު ކަމަލްކަރާއި އޭނާގެ އަންހެނުން، އަދި އިކޮނޮމިކްސް ޕްރޮފެސަރެއް ކަމުގައިވާ ރާނީ މިގޮތަށް ކަންތައް ކޮށްފައިވަނީ ވަރަށް މާތް މަގުސަދެއްގައެވެ. އެއީ، ކައިވެނީގެ ހަފްލާއިން ލިބޭ ހުރިހާ ފޮތްތަކެއް ލައިފައި، ލައިބްރަރީއެއް ހެދުމެވެ.

މި ދެމީހުން ގަސްދުކޮށްފައިވަނީ އާއްމު ލައިބްރަރީއެއް ހެދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، ފަޤީރުންނާއި އެނޫންވެސް އެކަމުގެ ފުދުންތެރިކަން ނެތް މީހުންނަށް ފަސޭހައިން ފޮތް ލިބޭނެ އަދި އެފަދަ ދަރިވަރުންގެ ކިޔެވުމަށް ފަސޭހަކުރުމަށް ލައިބްރަރީއެއް ހެދުމެވެ. މި ދެމަފިރިންގެ ލައިބްރަރީ ޤާއިމްކުރަން ދެ މީހުން ނިންމާފައިވަނީވެސް، އެޤައުމުގެ އަހުމަދުނަގަރު ރަށްފުށުގެ ސަރަޙައްދެއްގައެވެ.

މިހާރު ލައިބްރަރީ ހުޅުވުމުގެ މަސައްކަތްތައް، މި ދެމީހުން ދަނީ ބާރަށް ކުރަމުންނެވެ.

ކޮންމެއަކަސް މިއީ ވަރަށް ތަފާތު އަދި މުޖުތަމަޢަށް ފައިދާހުރި ޚިޔާލެއް އަދި އިސް ނެގުމެކެވެ.