"ރެޑް ޕްލެނެޓް" ނުވަތަ ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ (ޕްލެނެޓް) ކަމަށްވާ މިއްރީޚު (މާސް)، އަންނަ މަހު ދުނިޔެއާއި އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކޮންމެ 15 އާއި 17 އަހަރާއި ދެމެދު ނޫނީ ދިމާނުވާ ހާލަތެއްގައި މިއްރީޚު ދުނިޔެއާއި އެންމެ ގާތުގައި ވާނީ އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު ކަމަށް ނާސާއިން ބުނެއެވެ. މި ގުރަހަ ދުނިޔެއާއި އެންމެ ގާތުން، ފަހުގެ ތާރީޚެއްގައިވެސް ދައުރު ކުރީ 2003 ވަނަ އަހަރުގެ ތެރޭގައެވެ.

އަންނަ މަހު މި ގުރަހަ ދުނިޔެއާއި ކައިރިން ދައުރުވާ މި ދައުރުވުމުގައި، ދުނިޔެ ހުންނާނީ މިއްރީޚުއާއި އިރާއި ދެމެދުގައެވެ. އެހެންކަމުން އިރުގެ ދޯދިތަކުގެ ސަބަބުން މި ގުރަހަ ދުނިޔެއަށް ރީއްޗަށް ފެންނާން ހުންނެއެވެ. އަދި ތަރިތަކާއި އުދަރެހުގެ ރީތިކަމާއި ޗާލުކަން ބެލުމަށް ބޭނުންކުރާ ޓެލެސްކޯޕުފަދަ އާލާތްތައް މެދުވެރިކޮށް މިއްރީޚުގެ ރީތިކަން ބަލައިލެވޭނެއެވެ. މިއީ މި ސޫރުދަ ނިޒާމުގެ ތަރިކަމުގައިވާ އިރާއިވެސް އެންމެ ގާތުން މިއްރީޚު ދައުރުވާ ހިސާބެވެ.

މިއްރީޚު

މިގޮތަށް ދުނިޔެއާއި މިއްރީޚުއާއި ގާތުން ދަތުރުކުރާ ކޮންމެ ފަހަރެއްގައިވެސް ދެ ގުރަހައިގެ ދެމެދުގައިވާ ދުރުމިން ތަފާތެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެންމެ ފަހުން މިއްރީޚު ދުނިޔެއާއި ގާތުން ދައުރުވި ފަހަރަކީ، ފާއިތުވެދިޔަ 60،000 އަހަރުގެ ތެރޭގައިވެސް އެ ގުރަހަ ދުނިޔެއާއި އެންމެ ގާތުން ދައުރުވި ފަހަރު ކަމަށެވެ. އަދި މިއަހަރު އެއަށްވުރެ ގާތުންވެސް އެ ގުރަހަ ދަތުރުކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

ދުނިޔެ އާއި މިއްރީޚު އާއި ދެމެދުގައިވާ ޢާންމު ދުރުމިނަކީ، ގާތްގަނޑަކަށް 54.6 މިލިއަން ކިލޯމީޓަރެވެ. އަދި މިއްރީޚު އާއި އިރާއި ދެމެދު ގާތްގަނޑަކަށް 227.9 މިލިއަން ކިލޯމީޓަރު ހުރެއެވެ. މިއްރީޚުއަކީ މި ސޫރުދަ ނިޒާމުގައި އިރާއި ހަތަރު ވަނައަށް އެންމެ ގާތުގައިވާ ގުރަހައެވެ. ދުނިޔެއަކީ ތިންވަނައެވެ.