ނާސާ އިން މާސް އަށް ފޮނުވި އިންސައިޓް "މަރުވެއްޖެ" ކަމަށް ނާސާ އިން ކަނޑައަޅައިފިއެވެ. އިންސައިޓްގެ "މަރު ސާބިތުކުރީ" އިންސައިޓް އާއި ގުޅަން ދެފަހަރެއްގެ މަތިން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމުންނެވެ.

އިންސައިޓް ޗާޖް ކުރުމަށް ބޭނުންކުރާ ސޯލާ ޕެނަލްތަކަށް ހިރަފުހާއި ވެލި އެޅި، ސޯލާ ޕެނަލްތަކަށް އިރުގެ އަލިކަން ލިބުމުގެ މަގު ވަނީ ބަންދުވެފައި ކަމަށް ނާސާ އިން މިއަދު ވަނީ ބުނެފައެވެ. އިންސައިޓްގެ ޗާޖް ދާކަމާއި، ވަރަށް އަވަހަށް އިންސައިޓް މަރުވެދާނެ ކަމަށް އިއްޔެ ނާސާ އިން ބުންޏެވެ.

އޭގެ ފަހުން އިންސައިޓް މަރުވެއްޖެކަމަށް ކަނޑައެޅީ މިއަދު އެވެ.

ހަތް މަސް ދުވަހުގެ ދަތުރަކަށް ފަހު އިންސައިޓް އުޅަނދު މާސްއަށް ތިރިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ.

ފާއިތުވި ހަތަރު އަހަރު އިންސައިޓް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެއުޅަނދުން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ މާސްގެ 3ޑީ ކުރެހުމެއް ތައްޔާރު ކުރުމެވެ. މާސް އަށް ފޮނުވާ އުޅަނދުތައް މާސްގެ ބިމަށް ތިރިކުރުމަށް އެންމެ ރަނގަޅު 21 ސަރަހައްދެއް އިންސައިޓް އިން ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން މިއީ ކުރިއަށް އޮތްތަނުގައި ނާސާ އިން ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ.

ނާސާގައި ވައި ޖެހޭ އަޑު ފުރަތަމަ ރެކޯޑް ކުރެވުނު އުޅަނދަކީ ވެސް އިންސައިޓް އެވެ. އިންސައިޓް އިން ވަނީ މާސްގައި ވައި ޖެހޭ އަޑު 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހު ރެކޯޑްކޮށް އެއަޑު ދުނިޔެއަށް ފޮނުވާފައެވެ.

އަދި އޭގެ ފަހުން މާސްއަށް އައި ބިންހެލުމެއްގެ މައުލޫމާތު ވެސް އިންސައިޓް އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ ދުނިޔެއަށް ފޮނުވާފައެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހާއި ހަމައަށް އައިއިރު މާސް އަށް އައި 2200 އަށް ވުރެ ގިނަ ބިންހެލުމުގެ މައުލޫމާތު އިންސައިޓް އިން ދުނިޔެއަށް ފޮނުވާފައި ވެއެވެ.

އޭގެ އިތުރުން ވެސް އެެކި ދުވަސްމަތިން މާސްގެ ވަރަށް ގިނަ ފޮޓޯތައް އިންސައިޓް އިން ވަނީ ދުނިޔެއަށް ފޮނުވާފައެވެ.

އިންސައިޓް އަށް މައްސަލަތައް ދިމާވީ 2021 ވަނަ އަހަރު ވެލީގެ ތޫފާނެއްގައި އެ އުޅަނދުގެ ސޯލާ ޕެނަލްތަކަށް ވެލި އެޅި، ބެޓެރިތައް ޗާޖް ކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ. އިންސައިޓްގައި ހަރުކޮށްފައި ހުރި "އަތްތަކުން" ވެސް ސޯލާ ޕެނަލްގެ މަތި ސާފު ކުރުމުގެ މަސައްކަތް އެއްކޮށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިންސައިޓްގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައި ނަމަވެސް މާސް އަށް އިންސާނަކު ފޮނުވުމުގެ ކުރިން ހޯދަން ޖެހޭ ވަރަށް ގިނަ މައުލޫމާތު އިންސައިޓް މެދުވެރިކޮށް ލިބިފައިވާ ކަމަށް ނާސާ އިން ބުނެއެވެ.