ޕްރިންސެސް ޑަޔާނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ސަރުކާރުން އަޑީގައި އޮވެ ހިނގި އެކްސިޑެންޓެއްގައި ކަމަށް ގަބޫލުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެހެންނަމަވެސް އެކަން ސައްތައިން ސައްތަ ސާބިތުކުރެވޭނެ ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނެތެވެ. އޮތީ ހަމައެކަނި މާބޮޑު އަސާސެއް ނެތް ވާހަކަތަކެކެވެ.

މިދިޔަ ހަފްތާގައި މިވަނީ ޑަޔާނާ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް އިނގިރޭސިވިލާތުގެ އެމް-15 ގައި މަސައްކަތް ކުރި ރިޓަޔާޑް އޮފިސަރަކު އެއްބަސްވެފައިވާ ކަމަށް ބުނާ ޕޯސްޓްތަކެއް އިންޓަނެޓްގައި ދައުރުވާން ފަށާފައެވެ. މިއީ މީގެ އަހަރުތަކެއް ކުރިން ވެސް އިންޓަނެޓްގައި ދައުރުވި ޕޯސްޓެކެވެ.

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާކަމަށްވާ އެމް-15 ގައި މަސައްކަތް ކުރި އޮފިސަރެއް ކަމަށް ބުނާ މީހަކާއި ހަވާލާދީ ގެނެސްފައިވާ ޚަބަރުތަކުގައި ބުނެފައި ވަނީ ޕްރިންސެސް ޑަޔާނާ އަވަހާރަކޮށްލަން އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އިން މަސައްކަތް ކުރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ސިއްރުތައް ޑަޔާނާ އަށް އެނގިވަޑައިގަންނަވާތީއެވެ.

މިއޮފިސަރު ބުނާ ގޮތުން ޑަޔާނާ އަވަހާރަކޮށްލުމުގެ މިޝަންގައި އޭނާ އަމަލީ ގޮތުން ބައިވެރިވިއެވެ.

މިގޮތައް ބައެއް ނޫސްތަކުގައި ޚަބަރުތައް ގެނެސްދީފައި ވީނަމަވެސް މިއީ އިތުބާރުހިފޭ ނޫސްތަކުން ގެެންދީފައިވާ ޚަބަރެއް ނޫނެވެ. މިހާރު ވެސް އިންޓަނެޓްގައި މިޚަބަރު ދައުރު ކުރަމުން ގެންދަނީ ފޭކް ޚަބަރުތައް ފެތުރުމަށް ހާއްސަ ވެބްސައިޓްތަކުންނެވެ.

ޑަޔާނާ އަވަހާރަވުމާއި ގުޅޭ ގޮތުން ތަފާތު ގިނަ ވާހަކަތައް ދެކެވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އިނގިރޭސިވިލާތުން ޑަޔާނާ އަވަހާރަކޮށްލީ މުސްލިމަކާއި ލޯބީގެ ގޮތުން ގުޅުމުންނެވެ. އެއީ ޕްރިންސް ޗާލްސް ނެތް ދުނިޔެއްގައި ޕްރިންސް ވިލިއަމް ވެރިކަމާއި ހަވާލުވާއިރު ދޮންބައްޕައެއްގެ ގޮތުގައި މުސްލިމަކު ހުރުމުގެ ފުރުސަތު އޮތުމުން ކަމަށް އެފަރާތްތަކުން ގަބޫލު ކުރެއެވެ.

ޑަޔާނާގެ މަރާއި ގުޅޭ ގޮތުން ކޮންސްޕިރަސީ ތިއަރީތަކަމަށް މީހުން ވާހަކަދައްކަނީ އެފުރުސަތު ވެސް އޮތުމުންނެވެ. އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ވެސް ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑަޔާނާ އަވަހާރަވި އެކްސިޑެންޓް ހިނގި ސަރަހައްދުގައި 14 ސީސީޓީވީ ކެމެރާ ހުރިއިރު ވެސް އެއިން އެއްވެސް ކެމެރާއަކަށް އެކްސިޑެންޓް ހިނގި މަންޒަރު ރެކޯޑް ކުރެވިފައެއް ނުވެއެވެ.

ދުނިޔޭގައި ހިނގާފައިވާ ވަރަށް ގިނަ ކަންކަމަކީ އެކަމުގެ ހުރިހާ ހަގީގަތެއް ހޯދައި ބެލޭނެ ކަންކަމެއް ނޫނެވެ. ބައެއް ކަންކަމާއި ގުޅިގެން އުފެދިފައި އޮންނަ ޝައްކު އަބަދުގެ އަބަދަށް ދެމިގެން ދެއެވެ. ޑަޔާނާގެ މަރުގެ މައްސަލަ އަކީ ވެސް މިހާރުގެ ހާލަތައް ބަލާއިރު އެފަދަ ކަމެކެވެ.