ބޮލީވުޑް އެކްޓަރު އަޖޭ ދެވްގަން އޭނާގެ އެންވައި ފައުންޑޭޝަން މެދުވެރިކޮށް ބޮލީވުޑް އިންޑަސްޓްރީ އާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހާއްސަ ކޭމްޕެއް އިންޑިއާގެ މުމްބާއީގައި ފަށައިފިއެެވެ.

ހުކުރު ދުވަހު މުމްބާއީގައި ވެކްސިން ކޭމްޕް ފައްޓާފައިވާކަން ކަށަވަރުކޮށް ދިނީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ތަރަން އާދާޝް ކުރި ޓުވީޓަކުންނެވެ.

ކޮވިޑްގެ މި ބަލިމަޑުކަމަށް އެހީވުމުގެ ގޮތުން އަޖޭ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން، މިދިޔަ އޭޕްރީލް މަހު އަޖޭ ވަނީ ބްރިހާމް މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނާއި، ހިންދުޖާ ހޮސްޕިޓަލް ގުޅިގެން އެ ހޮސްޕިޓަލް އައިސީޔޫއަކަށް ބަދަލުކޮށްދީ އިމަޖެންސީގައި ބޭނުންކުރާނެ ސިއްހީ އާލާތްތައް ފޯރުކޮށްދީފައެވެ.

ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ކޮވިޑުން ދިފާއުވުމަށް ކުރާ މަސައްކަަތުގައި އެހީވަމުން ދާއިރު، ޕްރޮޑިއުސަރު ރާޖް ކުމާރު ހިރާނީ، ކަރަން ޖޯހަރު އަދި ޕްރޮޑިއުސަރު މަހާވީރު ޖެއިން ވެސް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް ހިލޭ ވެކްސިން ފޯރުކޮށްދީފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް އެންމެ ފުރަތަމަ ވެކްސިން ފޯރު ކޮށްދޭން ފެށީ ޔާޝްރާޖް ފިލްމްސުންނެވެ. ޔާޝްރާޖް ފިލްމްސްގެ އަމާޒަކަށް ވެފައިވަނީ 4،000 މީހުންނަށް ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، އިންޑިއާގެ ސިއްހީ ނިޒާމު ފެއިލްވެފައި ވަނިކޮށް ބޮލީވުޑްގެ ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސަސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ)އިން ވެސް ވަނީ އެސޯސިއޭޝަންގެ މުވައްޒަފުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.