ބޮލީވުޑުގެ އެކްޓަރ އަޖޭ ދޭވްގަންއާއި ބަތަލާ ތައްބޫއަކީ ކުޑައިރުގެ ދެ ރަހުމަތްތެރިންނެވެ. މި ދެ ރަހުމަތްތެރިން އެކުގައި ކުޅޭ ނުވަވަނަ ފިލްމުގެ ޝޫޓިންތައް ނިމުމަކަށް އައިކަމަށް ތައްބޫ ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ކުޑައިރުގެ މި ދެ ރަހުމަތްތެރިން އެންމެ ފުރަތަމަ އެކުގައި ކުޅުނު ފިލްމަކީ 1994 ވަނަ އަހަރުގެ ފިލްމު ''ވިޖޭޕަތު'' އެވެ. އެއަށް 1995 ވަނަ އަހަރު ކުޅުނު ފިލްމު ''ހަގީގަތު'' އަކީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ.

1999 ވަނަ އަހަރު ވެސް މި ދެ ރަހުމަތްތެރިން ވަނީ އެކުގައި ފިލްމެއް ކުޅެފައެވެ. އެއީ ފިލްމު ''ތަކްޝަކް'' އެވެ. 2015 ވަނަ އަހަރު މި ދެ ފަންނާނުން އެކުގައި ކުޅުނު ފިލްމު ''ދްރިޝާމް'' އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ.

އޭގެފަހުން ދެ ފަންނާނުން ވަނީ 2016 ވަނަ އަހަރު ފިލްމު ''ފިތޫރު'' ގައި ވެސް މަސައްކަތް ކޮށްފައެވެ.

ރޯހިތު ޝެޓީގެ 2017 ވަނަ އަހަރުގެ ފިލްމު ''ގޯލްމާލް އަގެއިން'' އަކީ މި ދެ ފަންނާނުން އެކުގައި ކުޅެފައިވާ މަޖާ ބިރުވެރި ފިލްމެކެވެ. 2019 ވަނަ އަހަރު ނިކުތް ފިލްމު ''ދޭ ދޭ ޕިޔާރް ދޭ'' އަކީ މި ދެ ފަންނާނުން އެކުގައި ކުޅުނު ކާމިޔާބު ފިލުމެކެވެ.

މި އަހަރު ވެސް މި ދެ ފަންނާނުން ވަނީ އެކުގައި ''ދްރިޝާމް 2'' ގައި މަސައްކަތް ކޮށްފައެވެ. އަށް ފިލްމު އެކުގައި ކުޅުމަށް ފަހު ދެމީހުން އެކުގައި ކުޅޭ ނުވަވަނަ ފިލްމު ''ބޯލާ'' ގެ ޝޫޓިންތައް ނިންމާލާފައެވެ.

''ބޯލާ'' ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ އަޖޭއާއި ތައްބޫގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ތައްބޫ ބުނެފައިވަނީ މި ދެ ރަހުމަތްތެރިން އެކުގައި ކުޅޭ ނުވަވަނަ ފިލްމުގެ ޝޫޓިން ނިމުނީ ކަމަށެވެ.