އެކި ބާވަތް ބާވަތުގެ ކެމިކަލް ބޭނުންކޮށްގެން ގެ، އޮފީސް އަދި އެހެނިހެން ތަންތަން ސާފުކުރުމުން ސިނގިރޭޓު ބުއިމުން ލިބޭ ފަދަ ގެއްލުން ފުއްޕާމެއަށް ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނޯވޭގައި ހުންނަ ޔުނިވާސިޓީ އޮފް ބާގެން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ކެމިކަލް ބޭނުންކޮށްގެން ތަންތަން ސާފު ކުރުމުން އެ ކެމިކަލްތަކުގެ ނޭދެވޭ އަސަރު ފުއްޕާމެއަށް ކުރެއެވެ. އަދި އެ ދިރާސާއިން ދައްކާގޮޮތުން އެފަދަ މަސައްކަތްތައް ކޮންމެ ދުވަހަކު ކުރާ މީހުންގެ ފުއްޕާމެއަށް ދުވާލަކު ސިނގިރެޓު ފޮއްޓެއް ހުސްކުރާ މީހުންގެ ފުއްޕާމެއަށް ލިބޭ ގެއްލުމާ އެއްވަރަކަށް ގެއްލުން ލިބެއެވެ.

އެމެރިކަން ތޮރާސިކް ސޮސައިޓީސް އެމެރިކަން ޖާނަލް އޮފް ރެސްޕިރޭޓަރީ އެންޑް ކްރިޓިކަލް ކެއާ މެޑިސިން އިން ޝާއިރު ކުރި ދިރާސާ ރިޕޯޓުގައި ބުނެފައި ވާގޮތުުގައި ސާފު ކުރަން ބޭނުން ކުރާ ކެމިކަލްތަކުން އެހާ ބޮޑު ގެއްލުންތައް ވަނީ އެ ކެމިކަލްތަކުގައި ހިމެނޭ އެމޯނިއާ މާއްދާ، ހަށިގަނޑުގެ ވައި ދައުރުވާ ހޮޅިތަކުގެ މިއުކަސް މެމްބްރޭންތަކަށް ގެއްލުން ދޭތީއެވެ.

ދިރާސާއިން ދެއްކި ގޮތުގައި އެކި ކެމިކަލް ޖަހައިގެން އޮފީސްތަކާއި ފާހާނާތައް ސާފު ކުރާ އަންހެނުންނަށް މުސްތަގުބަލުުގައި އެސްމާ ބަލި ޖެހުމުގެ ފުުރުސަތު 13.7 އިންސައްތަ އިތުރެވެ. ނަމަވެސް އެކަހަލަ މަސައްކަތް ކޮށް ނޫޅޭ އަންހެނުންނަށް އެސްމާ ޖެހުމުގެ ފުރުސަތަކީ 9.6 އިންސައްތައެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު އެފަދަ މަސައްކަތް ކޮށްއުޅޭ ނަމަ ދިގު މުއްދަތުގައި ފުއްޕާމޭގެ މައްސަލަތައް ޖެހޭނެ ކަމަށް ސައިންސުވެރިން ވަނީ ބުނެފައެވެ.