"ކްރިޝް 4" އުފެއްދުމަށް ރިތިކް ރޯޝަން ހިޔާލުކުރާ ކަން އޭނާ ހާމަކޮށްފިއެވެ. ރިތިކް އެކަން ހާމަކޮށްފައި ވަނީ ކްރިޝްގެ ފުރަތަމަ ފިލްމު އުފެއްދިތާ 15 އަހަރު ފުރުމާއި ގުޅިގެން އޭނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަންގެ ފިލްމުތަކުގެ ތެރެއިން ކްރިޝް އަކީ ގިނަ ބަޔަކަށް ކަމުގޮސްފައިވާ ސައިންސް ފިކްޝަނަލް ސުޕަހީރޯ ފިލެމެކެވެ. މިހާތަނަށް މި ސީރީސްގެ ތިން ފިލްމު ނެރެފައިވާ އިރު ހުރިހާ ފިލްމަކަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ.

ކްރިޝް އަކީ ރިތިކް ރޯޝަންގެ ބައްޕަ ރަކޭޝް ރޯޝަންގެ އުފެއްދުމެކެވެ. އެގޮތުން 2018 ވަނަ އަހަރު ރަކޭޝް ރޯޝަން ވަނީ ކްރިޝްގެ 4 ވަނަ ފިލްމެއް ނެރޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ފަހުން އެ ފިލްމެއްގެ ވާހަކަ ނުދެކެވެއެވެ.

ކްރިޝްގެ ފުރަތަމަ ފިލްމު، ކޮއި މިލްގަޔާ ނެރެފައިވަނީ 2003 ވަނަ އަހަރުއެވެ. އަދި 2006 ވަނަ އަހަރު ކްރިޝްގެ ނަމުގައި މި ސީރީސްގެ ފިލްމެއް ނެރެ 2013 ވަނަ އަހަރު "ކްރިޝް 3" ނެރުނެވެ.

މި ފިލްމުގައި ފެނިގެން ދަނީ ކްރިޝްނާ ކިޔާ ފިރިހެނެކެވެ. ފިލްމުގައި ކްރިޝްނާގެ ބައްޕަ އަކީ ވަރަށް މޮޅު ސައިންސްވެރިއެކެވެ. އޭނާ އުފައްދާފައިވާ މުއާސަލާތު ކުރާ އެއްޗެއްގެ އެހީގައި ކްރިޝްނާ ދުނިޔެއަށް އޭލިއަން ގެނެއެވެ. އޭލިއަން އައިސް ކްރިޝްނާ އަށް އާދަޔާ ހިލާފު ބާރުތައް ދޭތަން ފެނެ އެވެ.

ކްރިޝްނާ ދެން ފެނިގެންދަނީ ސުޕަހީރޯއެއްގެ ރޯލުންނެވެ. މި ފިލްމު އުފެއްދުމުގައި ހޮލީވުޑްގެ ޕްރޮފެޝަނަލް މީހުންނާއި ޗައިނާގެ މާޝަލް އާޓްސް ތަޖުރިބާކާރުންގެ އެހީ ހޯދާފައި ވެއެވެ.