ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަންޖޭ ދަތް އަކީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ނުރަނގަޅު އާދަތައް ހުރިކަން އާއްމުންނަށް ވެސް ފާޅުކޮށް އެނގޭ އެކަކެވެ. އެގޮތުން ޒުވާން ދުވަސްވަރު އޭނާ ޖަލަށް ދާން ޖެހުމާއި، މަސްތުވަތަކެތީގެ ޝިކާރައަކަށް ވެ މުޅި ފިލްމީ ކެރިއާ ނުރައްކަލަށް ހުށަހެޅުމަށް މެދުވެރިވިއެވެ.

އެހުރިހާ ކަމަކާއި އެކު ވެސް ސަންޖޭ އަކީ މުޅި އިންޑިއާ ދެނެފަރިތަ މީހުން އެ ތަރިއެއް ދެކެ ލޯބިވާ ފަންނާނެކެވެ. ސަންޖޭ އަކީ އޭނާ އަށް ދިމާވާ ނުރަނގަޅު ކަންކަމުގެ ވާހަކަ އިންޓަރވިއުތަކުގައި އެހެން މީހުންނާއި ހިއްސާކޮށް އެ ކަންކަމުން އެހެން މީހުންނަށް އިބްރަތްތައް ފޯރުކޮށްދޭން މަސައްކަތް ކުރާ ފަންނާނެކެވެ.

އެގޮތަށް ސިނގެރެޓް ބުއިމަށް ދެވިހިފުމަކީ ކިހާ ނުރައްކާތެރިކަމެއްކަން ހާމަކޮށްދިނުމަށް އޭނާ ވަނީ އެއްފަހަރ އިންޓަރވިއުއެއްގައި ފުރާނަ އަށް ނުރައްކާ ވުމުން ވެސް އޭނާ އަށް ސިނގިރެޓާއި ދުރު ނުވެވުނު ކަމަށާއި އެއީ އޭނާ ފަހުރުވެރިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ އެއްފަހަރު ހިނގި ހާދިސާއެއްގައި ސިނގިރެޓް ބޯން އުޅެގެން އޭނާ މަރު ނުވީ ކިރިޔާ ކަމަށެވެ.

އިންޑިއާގެ މީޑިއާއެއްގައި ވާހަކަދައްކަމުން އޭނާ ބުނީ އޭނާ އަކި ނޭވާ ހިއްލުމުގެ އުނދަނގޫ ދިމާވާ މީހެއް ކަމަށެވެ. އެހެންކަމުން ސިނގިރެޓަކީ އޭނާގެ ފުރާނައިގެ ދުޝްމިނެއް ކަމަށް އޭނާ ސިފަކުރެއެވެ.

" އަހަރުމެން ތިބީ ޝޫޓިންއަކަށް ގޮސް ވަރަށް އުސް ތަނެއްގައި. އެތާ އޮކްސިޖަން ދަށްވީމަ ދޮރު ނުހުޅުވަން ބުނީ. އެކަމަކު ނުހުރެވިގެން ދޮރުހުޅުވާލާފައި ފެށީ ސިނގިރެޓް ބޯން. އިރުކޮޅަކުން ނޭވާ ހާސްވެގެން ވަރަށް އުނދަނގޫވާން ފެށި. އެހާ އުސްތަނަކަށް ވެފައި ހޮސްޕިޓަލެއް ކައިރީ ނެތް. އެތަނުން އޮކްސިޖަން ގެނައި އިރު ކިރިޔާ މަރު ނުވެ ހުރީ. ޑޮކްޓަރު ވަރަށް ހަޅޭއް ލެވި. އެވަރަށް ދެވި ނުހިފާށޭ އަހަރެންގެ ނަސޭހަތަކީ." އޭނާ ބުންޏެވެ.