ބޮލީވުޑުގެ އެކްޓަރ ސަންޖޭ ދަތުއަށް ކެންސަރު ޖެހުނުކަން އެނގުމުން މީހެއްގެ މޫނުމަތީގައި ޖަހާފާނަމޭ ވެސް ހިތަށް އެރި ކަމަށް އޭނާ ބުނެފިއެވެ.

2020 ވަނަ އަހަރު ކެންސަރާއި ހަނގުރާމަ ކުރަމުން ދިޔަ ހިތި ހަނދާންތައް އައު ކުރަމުން ސަންޖޭ ދަތު ބުނެފައިވަނީ އެންމެ ފުރަތަމަ އެކަން އެނގުމުން މީހެއްގެ މޫނު މަތީ ޖަހަން ހިތަށް އެރި ކަމަށެވެ.

އެހެން ހިތަށް އެރި ނަމަވެސް ދެތިން ގަޑިއިރު ވަންދެން ރޮއެ އެކަމާ ހިތާމަ ކުރި ކަމަށް ވެސް ސަންޖޭ ބުނެފައިވެއެވެ. އެންމެ ދެރަވީ އަނބި ދަރީންނަށް ވާނެ ގޮތަކާއި މެދު ވިސްނާފައި ކަމަށް ވެސް ބުންޏެވެ.

ކެންސަރު ޖެހުނު ދުވަސްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން އިތުރަށް ސަންޖޭ ދަތު ބުނެފައިވަނީ ކީމޯތެރަޕީގެ ވާހަކަ ތަކެވެ.

''އެމީހުންގެ ބުނި އަހަރެންގެ ބޮލުން އިސްތަށި ފައިބާނެއޭ. އެހެން ކަންތައް ވެސް ވާނެއޭ. ހޮޑު ވެސް ލާނެއޭ. އަހަރެން ބުނިން ޑޮކްޓަރު ގާތު އަހަރެންގެ ބޮލުން އިސްތަށި ފޭބިއަކަ ނުދޭނަމޭ. ހޮޑެއް ވެސް ނުލާނަމޭ. އަދި އެނދުމަތިވެފައި ވެސް ނޯންނާނަމޭ. ކޮންމެ ކީމޯ ތެރަޕީއެއް ނިންމާފަ އެއްގަޑިއިރު ވަންދެން ބައިސްކަލް ދުއްވީ'' ސަންޖޭ ދަތު ކިޔައިދިނެވެ.

2020 ވަނަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު، ސަންޖޭ ދަތުގެ އެއްމާބަނޑު ދެދަރިންގެ އުފަންދުވަހު އޭނާ ހިއްސާކުރި ޕޯސްޓެއްގައި ކެންސަރުން ރަނގަޅުވި ކަން އިއުލާން ކުރިއެވެ. އަދި ސިއްހަތު ސަލާމަތުން ހުރުމަށް ވުރެ ބޮޑު ހަދިޔާއެއް ދަރިންނަށް ނުދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކެންސަރުން ރަނގަޅުވެ ސަންޖޭ ދަތު މިހާރު ވަނީ އޭނާގެ ފިލުމީ މަސައްކަތްތައް ފަށާފައެވެ.