ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އެންމެ ގާތް ރަހުމަތެރިން ކަމުގައިވާ ސަލްމާން ޚާނާއި ސަންޖޭ ދަތުގެ ދެމެދުގައި ޖެހުނު ހަމަނުޖެހުމުގެ ސަބަބަކަށް ވީ މާދޫރީ ޑިކްޝިތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަންޖޭ ދަތުއާއި މާދޫރީއަކީ އޮން ސްކްރީން އަދި އޮފް ސްކްރީންގައި ވެސް ގިނަ މީހުންނަށް އެންމެ ކަމުދާ ޖޯޑެވެ. ސަންޖޭއާއި މަދޫރީ ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ.

މި ދެ ފަންނާނުން ވަނީ އެކުގައި ފިލުމު ''ސާޖަން''، ''ކަލްނާޔަކް'' އަދި ''ކަލަންކް'' ގައި ވެސް މަސައްކަތް ކޮށްފައެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލުމެއް ތައްޔާރު ކުރުމަށް ހަމަޖެހުމުން، އެ ފިލުމުގައި މާދޫރީގެ ވާހަކަތައް ކިޔައިދިނުމަށް ބޭނުމެއް ނުވިއެވެ.

އެހެންކަމުން މާދޫރީ އެކަމުގެ އެހީއަށް އެދުނީ ސަލްމާންގެ ފަރާތުންނެވެ. ފިލުމުގައި އެބައި ނުހިމެނުމަށާއި އެ ފިލުމު ނުހެދުމަށް ސަލްމާން ސަންޖޭއަށް ހިޔާލު ހުށަހެޅިއެވެ.

ނަމަވެސް ސަންޖޭ އެގޮތަށް ގަބޫލުނުކޮށް މި ފިލުމުގެ މަސައްކަތް ފެށުމުން ސަލްމާން ހިތްހަމަ ނުޖެހުނެވެ. އަދި ސަލްމާންގެ އެންމެ ގާތް އެކުވެރިޔާ ސަންޖޭއާއި ވާހަކަ ދެއްކުން ވެސް ހުއްޓާލިއެވެ.

ނަމަވެސް މިހާރު މި ދެ މީހުންގެ މެދުގައިވާ ހުރިހާ މައްސަލައެއް ހައްލުކޮށް އަނެއްކާ ވެސް އެ ރަހުމަތްތެރިކަން ވަނީ ފެށިފައެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލުމަކީ ''ސަންޖޫ'' އެވެ. 2018 ވަނަ އަހަރު ރިލީޒް ކުރެވުނު މި ފިލުމުގައި ސަންޖޭ ދަތުގެ ރޯލު އަދާކޮށްފައިވަނީ ރަންބީރު ކަޕޫރެވެ. ރަންބީރުގެ އިތުރުން މި ފިލުމުން އަނުޝްކާ ޝަރުމާ، ސޯނަމް ކަޕޫރު، އަދި ދިޔާ މިރުޒާ ވެސް މުހިއްމު ރޯލުން ފެނިފައިވެއެވެ.