އިންޑިއާގައި އުމުރުން 23 އަހަރުގެ ޒުވާނެއްގެ ފުރާނަ ފައިސާގެ ދަހިވެތިކަމުގައި ދުއްވާލުމަށްފަހު، އެއީ ކޮވިޑް-19ގެ މަރެއްކަމަށް އޮޅުވާލަން މަސައްކަތް ކޮށްފިއެވެ.

މިކަން މިގޮތަށް ކޮށްފައި ވަނީ އެ ގައުމުގައި ކޮވިޑް ފެތުރި ގިނަބަޔަކު މަރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގި މި ހާދިސާގައި އެޒުވާނާ ރަހީނުކޮށް މަރާލާފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ މީހުންނަކީ އެޒުވާނާގެ ގާތް ރަހުމަތްތެރިންނެވެ.

އެގައުމުގެ ފުލުހުން ބުނީ، އެހަތަރު މީހުން އެ ޒުވާނާ ރަހީނުކޮށް މަރާލާފައިވަނީ 20،000،000 އިންޑިއަން ރުފީސް ނުވަތަ 269،184 އެމެރިކާ ޑޮލަރަށެވެ. އަދި އެ ޒުވާނާ މަރާލުމަށްފަހު، ޕީޕީއީ ލައިގެން ތިބެގެން އެޒުވާނާ އަންދާލުމަށް އެމީހުން ހަރަކާތްތެރިވީ ޒުވާނާއަކީ ކޮވިޑް ބަލީގައި ނިޔާވި މީހެއް ކަމަށް ހަދާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އެކަން ފޮރުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެ ޒުވާނާ ގެއްލިގެން އާއިލާއިން ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. އެއީ ޒުވާނާ ރަހީނުކޮށް، މަރާލި ދުވަސް ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން އިތުރު މައުލޫމާތެއް އާއްމު ކޮށްފައެއް ނުވެއެވެ.