ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގާ މިއަދު ކްރިމިނަލް ކޯޓުގާ ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގާ މިއަދު ހެނދުނު 11:00 އަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފައެވެ. އެކަމަކު، މައްސަލައިގައި ހިމެނޭ ހެކިން މިއަދު ކޯޓަށް ހާޒިރުނުކުރެވުމުގެ ސަބަބުން މިއަދަށް ތާވަލްކުރި ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

އާބިދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގާ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގާ ގަސްތުގާ މީހަކު މެރުމުގެ ދައުވާ އާބިދުގެ މައްޗަށް އުފުލުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އޭނާ އަތް ހޫރުވާލީ ނަފްސުގެ ދިފާއުގާ ކަމަށާއި އޭރު އަތުގާ ވަޅިއެއް އޮތްކަން ނުވެސް އެނގޭ ކަމަށް އޭނާ ވަނީ ކޯޓުގާ ބުނެފައެވެ.

އެކަމަކު ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

މައްސަލައިގާ ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކޮށް ދައުލަތުން މީގެ ކުރިން ވަނީ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ހެކިބަސް ކުރީބައިގައި ނެގުމަށް އެދިފައެވެ.

މި މައްސަލައިގައި މިއަދު ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ ދައުލަތުން އެދުނު ގޮތަށް ފަހަށް ރައްކާ ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށެވެ.