ދާދިފަހުން ސްނެޕްޗެޓަށް އައި އަޕްޑޭޓްގެ ސަބަބުން ބައެއް މީހުންނަށް އެޕްލިކޭޝަން ބޭނުން ކުރުމުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ބައެއް މީހުން އެޕްލިކޭޝަން ބޭނުން ކުރަމުން ދަނިކޮށް އެޕްލިކޭޝަން ކްލޯސް ވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް މިހާރު ސްނެޕްޗެޓުން ވަނީ މިމައްސަލަ ހައްލު ކޮށްފައެވެ.

ސްނެޕްޗެޓުން ބުނާ ގޮތުގައި ބަގެއްގެ ސަބަބުން ދިމާވި މައްސަލަ ހައްލު ކުރުމަށް މިހާރު އެޕް ސްޓޯރުން އަޕްޑޭޓޭއް ލިބޭނެއެވެ. އެހެންކަމުން ސްޕެންޗެޓްގެ އެންމެ ފަހުގެ އަޕްޑޭޓް ބޭނުން ކުރާ އައިފޯންތަކަށް މިމައްސަލަ ކުރިމައްޗަށް ނުވާނެއެވެ. ކުރިން ވެސް އެންޑްރޮއިޑް ފޯނުތަކަށް މިމައްސަލަ ކުރިމައްޗަށް ނުވެއެވެ.

ސްނެޕްޗެޓްގައި މައްސަލަތަކެއް އުޅޭކަން ފުރަތަމަ ސަމާލުކަމަށް ގެނެސްފައި ވަނީ ޓްވިޓާގައެވެ. ގިނަ މީހުންނަށް ސްކްރީނުން ފެންނަމުން ދިޔައީ "ކޮންމެވެސް ކަމެއް ގޯސްވެއްޖެ. ފަހުން މަސައްކަތް ކޮށްލާ." މިފަދަ މެސެޖެކެވެ. އެމެސެޖަށް ފަހު ކުއްލިއަކަށް އެޕްލިކޭޝަން ކްރޭޝް ވަމުން ދިޔައެވެ.

މިމައްސަލަ ފުރަތަމަ ސަމާލުކަމަށް ގެނައި މީހުންގެ ތެރޭގައި ވާޖްގެ މިޓެލް ކްލާކް ވެސް ހިމެނެއެވެ. ކްލާކް ކުރި ޓްވިޓާށް ސްނެޕްޗެޓްގެ ސީނިއާ ނައިބު ރައީސް ޖެކޮބް ވަނީ އިމޯޖީއަކުން ޖަވާބުދީފައެވެ.

ހޯމަ ދުވަހު ސްނެޕްޗެޓުން ވަނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ސްނެޕްޗެޓްގެ އެންމެ ފަހުގެ އަޕްޑޭޓް އޮޓޮމެޓިކުން ނުކުރެވޭނަމަ ވަކިން އަޕްޑޭޓް ޑައުންލޯޑް ކުރުމަށް ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން އެދިފައި ވެއެވެ.

2011 ވަނަ އަހަރު ތައާރަފްވި ސްނެޕްޗެޓަކީ މިހާރު ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް އެޕްލިކޭޝަނެވެ. ސްނެޕްޗެޓް ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 265 މިލިއަނަށް އަރައެވެ.