ޑްރޯން އުފައްދައި، ޑްރޯންގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ސްނެޕްޗެޓަށް އަދި ކުރެވޭވަރު ކަމެއް ނޫން ކަމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ.

ސްނެޕްޗެޓް އެޕްލިކޭޝަންގެ އިތުރުން، އިތުރު ވިޔަފާރިތަކަށް ވަނުމުގެ މަސައްކަތް ސްނެޕްޗެޓުން އަންނަނީ ކުރަމުންނެވެ. އެމަސައްކަތުގެ ދަށުން އެކުންފުނިން އުފެއްދި ފުރަތަމަ ޑްރޯން ވަނީ މިދިޔަ އޭޕްރީލް މަހު ބާޒާރަށް ނެރެފައެވެ.

ނަމަވެސް "ވޯލް ސްޓްރީޓް ޖާނަލް" އިން މިއަދު ބުނީ ސްނެޕްޗެޓުން ތައާރަފް ކުރި "ޕިކްސީ" ނަމަކަށް ކިޔާ ޑްރޯންގެ ވިޔަފާރި އިތުރަށް ކުރިއަށް ގެންދަން މިހާރު ނުވިސްނާ ކަމަށެވެ. މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބު ދޭން ސްނެޕްގެ ސީއީއޯ އީވާން ސްޕިޖެލް ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޕިކްސީގެ އިތުރު ޑްރޯންތަކެއް އުފެއްދުމުގެ ވިސްނުމެއް މިހާރު ނުގެންގުޅޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް އުފައްދާފައި ހުރި ޑްރޯންތައް އަދި ވެސް ގަންނަން ލިބޭނެއެވެ. މިހާރު ވެސް ސްނެޕްޗެޓުން އެކަމަށް ހާއްސަ ކޮށްފައިވާ ވެބްސައިޓުން ޑްރޯން ގަންނަން އޯޑަރު ކުރެވެއެވެ. އަތްްތިލައެއް ވަރުގެ ޑްރޯން ވިއްކަމުން ގެންދަނީ 230 އެމެރިކާ ޑޮލަރަށެވެ.

މިޑްރޯން ފުރަތަމަ ބާޒާރަށް ނެރުމަށްފަހު ސްނެޕްޗެޓުން ބުނެފައި ވަނީ އެއީ ފޮޓޯ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމަކަށް ވާނެ ކަމަށެވެ.

ސްނެޕްޗެޓުން އުފެއްދި ޑްރޯން ދެން އިތުރަށް ނުއުފައްދަން ނިންމި ނިންމުމާއި ގުޅޭ ގޮތުން ސްނެޕްޗެޓުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

2011 ވަނަ އަހަރު ތައާރަފް ކުރި އެޕްލިކޭޝަނެއް ކަމަށްވާ ސްނެޕްޗެޓުން ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 330 މިލިއަނަށް އަރައެވެ. ސްނެޕްޗެޓްގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދާދިފަހުން ވަނީ އެޕްލިކޭޝަންގެ ބައެއް ހިދުމަތްތައް ހޯދުމަށް ފައިސާ ދައްކަން ޖެހޭ ގޮތް ވެސް ހަދާފައެވެ.