ސްނެޕްޗެޓަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ބޮޑު ބަދަލެއް އެއެޕްލިކޭޝަނަށް ގެނެސްފިއެވެ. އެގޮތުން ކޮމްޕިއުޓަރ ނުވަތަ ލެޕްޓޮޕްގައި ވެސް ސްނެޕްޗެޓް ބޭނުން ކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

ސްނެޕްޗެޓް އިން ބުނީ އެކުންފުނިން ތައާރަފް ކޮށްފައިވާ ސަބްސްކްރިޕްޝަން ޕެކޭޖް ނުވަތަ ފައިސާ ދައްކާ ޕެކޭޖް ބޭނުންކުރާ ފަރާތްތަކަށް ސްނެޕްކޮށް، ޗެޓްކޮށް އަދި ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ވެސް މިހާރު ސްނެޕްޗެޓް ވެބް އިން ލިބޭނެ ކަމަށެވެ. މިއީ ފޯނު ފިޔަވައި އެހެން ގޮތަކަށް ސްނެޕްޗެޓް ބޭނުން ކުރުމުގެ ފުރުސަތު ފަހިވި ފުރަތަމަ ފަހަރެވެ.

ސްނެޕްޗެޓް ވެބް ވެސް ބޭނުން ކުރަން ޖެހޭނީ މިފަދަ އެހެން އެޕްލިކޭޝަންތައް ވެބްގައި ބޭނުންކުރާ ގޮތަށެވެ. އެގޮތުން ބްރައުޒާއެއްގައި "ސްނެޕްޗެޓް ޕްލަސް" ބޭނުން ކުރާ ކޮންމެ މީހަކަށް ވެސް ލޮގިން ވެވޭނެއެވެ. އަދި ފޯނުން ސްނެޕްޗެޓް ބޭނުންކުރާ ގޮތައް ބްރައުޒާގައި ވެސް ސްނެޕްޗެޓް ބޭނުން ކުރެވޭނެއެވެ. ނަމަވެސް އަދި ސްނެޕްޗެޓް ވެބަށް ވަދެވޭނީ ހަމައެކަނި ގޫގްލްގެ ބްރައުޒާ ކަމަށްވާ ކްރޯމް އިންނެވެ. އެޕަލްގެ ސަފާރީގައި މިހިދުމަތް ބޭނުމެއް ނުކުރެވޭނެއެވެ.

ސްނެޕްޗެޓްގެ ޕްލަސް ބޭނުން ކުރެވެނީ އަދި ބައެއް ގައުމުތަކުގައެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައެވެ. ނަމަވެސް ވަރަށް އަވަހަށް މިހިދުމަތް އެހެން ގައުމުތަކަށް ފުޅާކުރަން ވަނީ ނިންމާފައެވެ.

ސްނެޕްޗެޓް އިން ބުނީ ޑެސްޓޮޕުން ސްނެޕްޗެޓް ބޭނުން ކުރެވޭ ގޮތް ހެދީ ސްނެޕްޗެޓް ބޭނުންކުރާ ވަރަށް ގިނަ މީހުންނަކީ ގިނަ ވަގުތުތަކެއް ޑެސްޓޮޕް ކައިރީ ހޭދަކުރާ ބަޔަކަށް ވުމުން އެފަދަ ފަރާތްތަކަށް މިއެޕްލިކޭޝަން ބޭނުން ކުރުމުގައި ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

ސްނެޕްޗެޓް އިން ޔަގީންކަން ދޭގޮތުގައި ޑެސްޓޮޕް އިން ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް އެޕްލިކޭޝަން އިން މިހާރު ލިބޭ ޕްރައިވެސީ ލިބޭނެއެވެ. މާނައަކީ ވާހަކަދައްކާ މީހާ ސްކްރީން ޝޮޓެއް ނެގުން ނުވަތަ ސްކްރީން ރެކޯޑް ކުރުން ފަދަ ކަމެއް ކުރާނަމަ އެކަން އެނގޭނެއެވެ.

މަހަކު 100 މިލިއަން މީހުން ސްނެޕްޗެޓް ބޭނުން ކުރެއެވެ. ސްނެޕްޗެޓް ބޭނުންކުރާ މީހުން ދުވާލަކު އެވްރެޖްކޮށް 30 މިނެޓް މިއެޕްލިކޭޝަން ބޭނުން ކުރެއެވެ.