ސްނެޕްޗެޓް ބޭނުން ކުރާ މީހުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމަކީ އެމީހުންގެ ރަހުމަތްތެރިންނަށް އެންމެ މަދުވެގެން ދުވާލަކު އެއް ފަހަރު ސްނެޕެއް ކުރުމެވެ. އެއީ ސްނެޕް ސްޓްރީކް ދެމެހެއްޓުމަށެވެ. ސްނެޕް ސްޓްރީކް ގެއްލުން އެއީ ސްނެޕްޗެޓް ބޭނުން ކުރާ މީހުންނަށް ހަޖަމު ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ސްނެޕްޗެޓް އިން މީގެ ކުރިން ވަނީ ސްޓްރީކް ގެއްލުނު ނަމަވެސް ސަބަބު ބަޔާންކޮށް، އީމެއިލް ކުރުމުން ސްޓްރީކް އަލުން އަނބުރާ ދޭން ފަށާފައެވެ. ނަމަވެސް މިފަހަރު އަދި މިއޮތީ އެއަށްވުރެ ވެސް ފަސޭހަ ގޮތެކެވެ. ސްނެޕްޗެޓް އިން މިހާރު ނިންމާފައި ވަނީ ސްޓްރީކް ޕޯސް ކުރުމުގެ ފުރުސަތު ސްނެޕްޗެޓް ބޭނުން ކުރާ މީހުންނަށް ދޭށެވެ.

މިހާރު ވަނީ ވަރަށް ގިނަ ބަޔަކަށް މި ހިދުމަތް ޓެސްޓް ކުރުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް އަދި ޓެސްޓިން މަރުހަލާ ކަމަށް ވާތީ ޕޯސް ކުރެވޭނީ އެންމެ ސްޓްރީކްއެކެވެ.

މިހިދުމަތް އާއްމުކޮށް ހުޅުވާލުމުން ސްނެޕްޗެޓް ބޭނުން ނުކުރެވޭ ދުވަސްކޮޅެއް އައުމުން ސްޓްރީކް ޕޯސް ކޮށްލެވޭނެއެވެ. އަލުން އަނބުރާ ސްނެޕްޗެޓް ބޭނުން ކުރަން ފުރުސަތު ލިބުމުން ސްޓްރީކް ޕޯސް ކޮށްލެވުނު ނުވަތަ ހުއްޓުވާލެވުނު ދުވަހުން ފެށިގެން އަނެއްކާވެސް ސްޓްރީކް ކުރިއަށް ގެންދެވޭނެއެވެ.

ސްނެޕްޗެޓް އިން އާއްމުކުރި ބަޔާނެއްގައި ބުނީ އާ ފީޗާއެއްގެ ގޮތުގައި ތައާރަފް ކުރާ ސްނެޕް ސްޓްރީކް ޕޯސް ކުރުން ސްނެޕްޗެޓް ބޭނުން ކުރާ މީހުންނަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމަށެވެ.

ނަމަވެސް ދެން އޮތީ އެހައި އުފާވެރި ޚަބަރެއް ނޫނެވެ. ބޭނުން ވަރަކަށް ސްނެޕް ސްޓްރީކް ޕޯސް ކުރަން ބޭނުން ވާނަމަ ޖެހޭނީ ސްނެޕްޗެޓް ޕްލަސް ބޭނުން ކުރަން ފަށާށެވެ. އެއީ ކޮންމެ މަހަކު 4.99 ޑޮލަރު ދައްކަން ޖެހޭ ހިދުމަތެކެވެ.

ކޮންމެ މަހަކު ސްނެޕްޗެޓް ބޭނުން ކުރާ މީހުންގެ އަދަދު 750 މިލިއަނަށް އަރައެވެ. ނަމަވެސް އޭގެތެރެއިން ފައިސާ ދައްކައިގެން ސްނެޕްޗެޓް ބޭނުން ކުރަނީ 2.5 މިލިއަން މީހުންނެވެ. ސްނެޕްޗެޓް އިން މިހާރު މަސައްކަތް ކުރަމުން ދަނީ ފައިސާ ދައްކާ ގޮތައް އާހިދުމަތްތައް ތައާރަފް ކުރުމަށެވެ.