މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހުށަހެޅުންތެރިޔާ ލަމްހާ (ލަމް) އަކީ އޭނާގެ ހުނަރުވެރިކަމާއި ސަކަ މިޒާޖުގެ ސަބަބުން އާއްމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. މީގެ އިތުރުން ތަފާތު ފޮޓޯ ޝޫޓްތަކުން އޭނާ ދައްކާލާ މޮޑެލިންގެ ހުނަރުގެ ވާހަކަ އަކީ ވެސް ނުދައްކާ ދޫކޮށްލެވޭ ވަރު ވާހަކައެއް ނޫނެވެ. ހަމައެހެންމެ ލަމްގެ ހިތްގައިމު މިޒާޖަކީ އޭނާގެ ފޭނުންނަށް އޭނާ އެންމެ ކަމުދާ އެއް ސަބަބެވެ.

އިންސްޓަގްރާމްގައި 63000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ލަމްގެ އިންސްޓަގްރާމަކީ ވަރަށް ޝައުގުވެރި އެކައުންޓެކެވެ. އާއްމުކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރުކުރަން ޝައުގުވެރިކަން ބަހައްޓާ ލަމްގެ އިންސްޓަގްރާމަށް ބަލާލުމުން އެކި ގައުމުތަކުގައި ހުރި ރީތި ތަންތަނުގައި ނަގާފައި ހުރި ޗާލު ފޮޓޯތައް ފެންނަން އެބަހުއްޓެވެ. އަދި ރާއްޖޭގެ ރީތި ތަންތަނުގައި ނަގާފައިވާ އެތައް ސަޅި ފޮޓޯތަކެއްވެސް އެބަހުއްޓެވެ. ކޮންމެއަކަސް ލަމް އަކީ ވަރަށް ފޮޓޯ އާއި ދޯޅު މީހެކެވެ.

އެކަމަކު މިހާރު ލަމްގެ އިންސްޓަގްރާމްގައި ހިއްސާކުރާ ފޮޓޯތައް ވަކިން ލޮތްބެވެ. އެއީ ރީތި މަންޒިލެއްގައި ނަގާފައިވާ ފޮޓޯތަކެއް ނޫނެވެ. އެ ފޮޓޯތަކަކީ އޭނާ ބަލިވެ އިނީއްސުރެ އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެވެ. ދަރިޔަކު ލިބެން އުޅޭކަން ލަމް ހާމަ ކޮށްފައިވަނީ ވެސް އިންސްޓަގްރާމް މެދުވެރިކޮށެވެ.

އޭގެ ތެރެއިން ކޮންމެ ފޮޓޯއަކާއި އެކު ހިތްގައިމު މެސެޖެއް ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާއި މެސެޖުތަކުން އެނގެނީ ދަރިފުޅާއި ބައްދަލުވުމަށް ލަމް ކެތްމަދު ވެފައި ހުރި މިންވަރެވެ. އަދި ދަރިފުޅު ދެކެވާ އިންތިހާ ލޯބި ވެސް އެ ޕޯސްޓްތަކަށް ވަނީ ބަންޑުންކޮށްލާފައެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް އާއި އަހުމަދް މުއާޒް (ކުޑަ މުއާ) ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދެމަފިރިންގެ އާއިލާގެ އިތުރުން ސަޕޯޓު ކުރާ މީހުންނާއި، ރައްޓެހިންނަށް ވެސް މި ހަބަރު ވެގެން ދިޔައީ އުފާވެރި ހަބަރަކަށެވެ. ފިލްމީ ދާއިރާގައި މަޝްހޫރު ފަންނާނުން ހިމެނޭހެން 400 އަށް ވުރެ ގިނަ މީހުން ލަމް އަށް އަލަތު ދަރިއަކު ލިބެން އުޅޭތީ މަރުހަބާ ކިޔާފައިވެއެވެ.