މީސް މީޑިޔާއަކީ ގިނަ މީހުންގެ އާއްމު ދިރިއުޅުން ކުރިއަށްދާ ގޮތް ދައްކުވައިދޭ ޕްލެޓް ފޯމެކެވެ. ތިމާ ކުރާ ކޮންމެ ކަމެއް ނުވަތަ ދާ ކޮންމެ ތަނެއް ވެސް މީސް މީޑިޔާގައި ހިއްސާ ކުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ.

މިހެންވުމުގެ ސަބަބުން މީސް މީޑިޔާގައި މީހަކަށް ފާރަލުމަކީ ނުވަތަ މީހަކު އުޅޭގޮތް ބެލުމަކީ މާ އުދަނގޫ ކަމަކަށް ނުވާނެއެވެ. ކުރީގެ ލޯބިވެރިޔާ ނުވަތަ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ވެސް ކުރާ ކަންތައް، ނުވަތަ ދާ ތަންތަން ބަލައިލުމަކީ މިހާރު އެހާ އުދަނގޫ ކަމެއް ނޫނެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި 74 އިންސައްތަ އަންހެނުން އެމީހުންގެ ކުރީގެ ލޯބިވެރިޔާއަށް ނުވަތަ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާއަށް މީސް މީޑިޔާގައި ފާރަލައެވެ.

ނޯޓަން ލައިފް ލޮކްއިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި މިގޮތަށް މީސް މީޑިޔާގައި ބައިވެރިޔާއަށް ފާރަލުމަކީ މައްސަލައެއް ނޫންކަމަށް 52 އިންސައްތަ އަންހެނުން ދެކެއެވެ.

59 އިންސައްތަ އަންހެނުން ދެކޭގޮތުގައި ބައިވެރިޔާގެ ހާލު ބަލައިލުމަށް މީސް މީޑިޔާގައި ފާރަލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.

32 އިންސައްތަ އަންހެނުން އެމީހުންގެ ބައިވެރިންގެ ސާރޗް ހިސްޓްރީ ބަލައި ކަމަށް ވެސް މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން 31 އިންސައްތަ އަންހެނުންނަކީ އެމީހުންގެ ބައިވެރިންގެ މެސެޖުތަކާއި ފޯނު ކޯލުތަކާއި އީމެއިލްތަކާއި ޑައިރެކްޓް މެސެޖުތަކާއި ފޮޓޯތައް ވެސް ބަލައި މީހުންނެވެ.

މިވަރުން ވެސް ނުފުދޭ ބައެއް މީހުން ބައިވެރިޔާ އުޅޭގޮތް ބެލުމަށް ތަފާތު އެޕްތައް ވެސް އަޅައިގެން އުޅޭ ކަމަށް މި ދިރާސާއިން ދައްކައެވެ.