އިންޑިޔާގެ ޗެންނާއީގެ މޯލްއަކަށް ބޮޑުބޭބެއަކާއި އެކު ވިޔަފާރި ކުރުމަށް ދިޔަ އުމުރުން 10 އަހަރުގެ ސަސީވަރަން ވިޔަފާރިކޮށް ނިންމާލުމަށް ފަހު ސައިކަލުގައި ގެޔަށް ދިޔަ މަގުމަތީގައި ސައިކަލުން ވެއްޓި ގިނަ އަނިޔާތަކެއް ވިއެވެ. ވިޔަފާރިކޮށް ނިންމާލުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ސައިކަލު ފަހަތު ސީޓުގައި އިންދާ ސަސީވަރަން މަގުމައްޗަށް ވެއްޓުނީ ނިދިގެންނެވެ. އެ ހާދިސާގައި އޭނާގެ މޫނަށް އެތައް އަނިޔާއެއް ވިއެވެ.

ސަސީވަރަންގެ ނިތްކުރި މައްޗާއި މޫނަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މޫނުގެ އެތައް ތަނެއް ފަހަން ޖެހުނެވެ. ނަމަވެސް އިންޖެކްޝަން ދެކެ ބިރުގަންނަ ސަސީވަރަން އެކަމަށް އިންކާރު ކުރިއެވެ. ޑޮކްޓަރުން އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް ސަސީވަރަންގެ މޫނުމަތީގައި ފަހަން ޖެހޭ ތަންތަން ފެހިއަކަށް ނުދިނެވެ.

އެ ހޮސްޕިޓަލުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖިނާ ނަމަކަށް ކިޔާ ޑޮކްޓަރެއް މަސައްކަތް ކުރީ ސަސީވަރަންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށެވެ.

އެންމެ ކަމުދަނީ ކާކުތޯ ޖިނާ ސުވާލު ކުރުމުން އޭގެ ޖަވާބުގައި ސަސީވަރަން ބުނެފައިވަނީ އޭނާއަށް އެންމެ ކަމުދަނީ ތަމަޅަ އެކްޓަރެއް ކަމުގައިވާ ތަލަޕަތީ ވިޖޭ ކަމަށެވެ. މި ވާހަކަތައް ދެކެވުނު އިރު ސަސީވަރަންގެ ވިސްނުމުގެ މިސްރާބު ބަދަލުވެ އޭނާއަށްވާ ތަދު ހަނދާން ނެތުނެވެ.

އެހެންކަމުން ޖިނާގެ މޯބައިލް ފޯނު ނަގައި 2019 ވަނަ އަހަރު ނެރުނު ތަލަޕަތީ ވިޖޭގެ ފިލުމެއް ކަމުގައިވާ ''ބިގިލް'' އެޅުވިއެވެ. ސަސީވަރަން ފިލުމަށް ގެއްލިފައި އޮއްވާ ޑޮކްޓަރުން އޭނާ އޮޕަރޭޝަން ކުރިއެވެ.

އިންޖެކްޝަންތައް ޖަހައި މޫނުމަތީގައި ފަހަން ޖެހޭ ތަންތަން ފަހައި ހެދިއިރު ވެސް ސަސީވަރަން އޮތީ އޭނާއަށް އެންމެ ކަމުދާ ވިޖޭގެ ފިލުމެއް ބަލާށެވެ.

މި ފިލުމުގެ ސަބަބުން ސަސީވަރަންގެ ހާލު ސީރިއަސް ނުވަނީސް އޭނާއަށް ފަރުވާ ދެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިދަ ދަނޑި

    ރާއްޖޭގެ އޮޕަރޭޝަން ތިއޭޓަރު ތަކުގައި ތިޔަ ފިލްމު އަޅުވަން ފެނޭ...

    5
    2