ރީތިވާން ބައެއް މީހުން އަގު ބޮޑު ސާޖަރީތައް ހަދައެވެ. އެތައް ހާސް ޑޮލަރެއް ހޭދަކޮށްގެން މޮޅު ނަންތައް ދީފައިވާ ފޭޝަލްތައް ހަދައެވެ. އެކަމަކު އެއީ ބޭނުން ކަމެއް ނޫނެވެ. ބިއުޓީޝަން ޝާހްނާޒް ހުސެއިން ވަނީ އިންޑިއާ ޑޮޓްކޮމް އަށް ބަދިގެއިން ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން ސްކިން ކެއާ ނޫނީ ހަންގަނޑު ރީތި ކުރަން ކުރެވިދާނެ ކަންކަން ބުނެދީފައެވެ.

އާދައިގެ ހަންގަނޑާއި، ކުރަކި ހަންގަނޑު ކްލެންސް ކުރުން:

ކްލެންސް ކުރަން ހަދާނެ ގޮތަކީ ބައި ޖޯޑު ފިނި ކިރުގެ ތެރެއަށް ފަސް ތިކި ތަރުކާރީ ތެޔޮ، ޒައިތޫނި ތެޔޮ، އަދި ސަންފްލާވާ ތެޔޮ ޖައްސާލާނީއެވެ. އެ މިކްސްޗަރ ފުޅިއަކަށް އެޅުމަށް ފަހު ރަނގަޅަށް ހަލުވާލާށެވެ. ދެން ކަފަ ކަހަލަ އެއްޗެއް ބޭނުންކޮށްގެން މޫނު ސާފުކޮށްލާށެވެ. ބާކީ ހުރި އެތިކޮޅު ބަހައްޓަން ވާނީ ފްރިޖްގައެވެ.

ތެޔޮކަން ހުންނަ ހަންގަނޑަށް:

ފިނި ފެނާއި، ކިއުކަމްބާ ޖޫސް އަދި ލުނބޯ ޖޫސް އެއްވަރަކަށް އެއްޗަކަށް އަޅާލާށެވެ. އެއަށް ފަހު މޫނުގައި އެ މިކްސްޗަރ އުނގުޅުމަށް ފަހު ފަސް ވަރަކަށް މިނިޓް ބަހައްޓާށެވެ. ދެން ފެނުން މޫނު ދޮވެލާށެވެ.

ބްލެކްހެޑް ހުންނަ ނަމަ:

އޯޓްސް އާއި ބިހުގެ ހުދުބައި އެއްކޮށްލުމަށް ފަހު ބްލެކް ހެޑްސް ހުރި ދިމަ ދިމާލުގައި އުނގުޅާލާށެވެ. ހިކުމުން ފެން ލުމަށް ފަހު މިކްސްޗަރ ތެތްވުމުން އަދި އެއްފަހަރު މޫނުގައި އެ އުނގުޅާލާށެވެ. ދެން މޫނު ރަނގަޅަށް ފެނުން ދޮވެލާށެވެ.

އެ ނޫން ހަމުގެ ބާވަތްތަކަށް:

ސައި ސަމްސާއެއްގެ ހަތަރު ބައި ކުޅަ އެއްބައި ލުނބޯ ޖޫހާއި، އެއް ސައި ސަމުސާ ކިއުކަމްބާ ޖޫސް، އެއް ސައިސަމްސާ ފިނި ކިރު އެޅުމަށް ފަހު އެއްކޮށްލާށެވެ. ދެން ކަފަ ކަހަލަ އެއްޗެއް ބޭނުންކޮށްގެން މޫނުގައި އެ މިކްސްޗަރ އުނގުޅާލާށެވެ. ދެން ފެނުން ދޮވެލުމުން ނިމުނީއެވެ.

މޮއިސްޗުރައިޒަރ:

100 އެމްއެލް ފިނި ފެނަށް އެއް ސައިސަމްސާ މާމުއި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ފްރިޖްގައި ބަހައްޓާފައި މޫނުގައި އުނގުޅާ ލެވޭނެއެވެ.

ޓޯނަރ:

ޓޯނަރގެ ގޮތުގައި ގްރީން ޓީ ބޭނުން ކުރެވޭނެއެވެ. ބައިގަޑި އިރު ވަންދެން ސައިފަތް އެއްޗަކަށް އެޅުމަށް ފަހު އެ ފެން ޓޯނަރ އެއްގޮތަށް ބޭނުން ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު