އިންޑިއާގައި ކައިވެންޏަކީ އާއްމުކޮށް ވަރަށް ކުލަ ގަދަ ހަފްލާއެކެވެ. އިންޑިއާގައި ގިނަ ފަހަރު ކައިވެންޏަށް ދުވަހެއް ކަނޑައަޅައިފި ނަމަ އެ ދުވަހެއްގައި ކޮންމެ ގޮތެއް ހަދާފައި ވެސް ކައިވެނި ކުރެވޭތޯ ބަލައެވެ. ކައިވެނީގެ ތާރީހު އިސް ފަސް ކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ކަން މިހެން އޮތް އިރު ކައިވެނިތަކަށް އެންމެ ބޮޑަށް ހުރަސް އަޅާ އެއް ކަމަކީ މޫސުމަށް އަންނަ ބަދަލުތަކެވެ.

އެކަމަކު މޫސުމަށް ނުބަލާ ހާލަތު ތަން ދިން ގޮތަކަށް ބައެއް ފަހަރު ކައިވެނީގެ ހަފްލާތައް ކުރިއަށް ގެންދާ ތަން ފެނެއެވެ. އެކަމަކު މިފަހަރު މިއޮތީ ތަފާތު ކަމެއްގެ ވާހަކައެވެ. މި ދުވަސްކޮޅަކީ އިންޑިއާގެ ބިހާރް އަށް ވިއްސާރަވެ ފެންބޮޑުވެފައިވާ ދުވަސްކޮޅެކެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިހާރުގެ ބައެއް ހިސާބުތަކުގައި ވަނީ ހިނގާބިނގާވެ ނޫޅެވޭ ވަރަށް ފެންބޮޑުވެފައެވެ.

އެހެންކަމުން ބިހާރްގައި މި ދުވަސްކޮޅު ބަޔަކު ކައިވެންޏެއް ކޮށްފާނެ ކަމަށް ހީނުވެދާނެއެވެ. އިންޑިއާގެ ބަގްމަތީ ކޯރު ބަންޑުން ޖެހުމުން އެ ހިސާބުގައި ފެންބޮޑުވެފައި ވަނިކޮށް އެ ހިސާބުގައި ކައިވެނި ކުރި މީހަކު އޭނާގެ ވާން އުޅޭ އަނބިމީހާ ބަލާ ދިޔައީ ކުޑަ ބޯޓެއްގައެވެ.

މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން ކައިވެނީގެ ހަފްލާ އަށް އަންހެން މީހާ ބަލާ ދިޔަ ވީޑިއޯ ބެލި އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ވާން އުޅުނު އަނބިމީހާ ބޯޓުގައި ބަލާ ދިޔައީ އަވަށު މީހުންގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބިހާރުގެ ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގައި ކައިވެނީގެ ހަފްލާތަކުގައި އާއި ކައިވެންޏާ ގުޅުން ހުރި ކަންކަމުގައި ވަރަށް އާދަޔާ ޚިލާފު ކަންކަމާއި ކުރިމަތިވެއެވެ. އެގޮތުން ކައިވެނި ކުރަން އުޅޭ މީހާ މަރުވުމުން ހަފްލާ އަށް ދިޔަ އެހެން މީހަކާއި ކައިވެނި ކުރުމާއި، ތަފާތު ޓްރެންޑުތަކާއި އެކު ކައިވެނިކުރުން ކަހަލަ ކަންކަން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު