އެލްޖީއިން ސްމާޓް ފޯނު އުފެއްދުން ހުއްޓާލާފައި އޮއްވައި އެޕަލް އާއެކު އެއްބަސްވުމެއް ހަދައި އެޕަލްގެ އުފެއްދުންތައް އެލްޖީގެ ފިހާރަތަކުގައި ވިއްކަން ނިންމާފައި ވަނިކޮށް އެ އެއްބަސްވުން އުވާލަން އެލްޖީ އިން ނިންމައިފިއެވެ.

އެލްޖީ އާއެކު ސެމްސަންގް އިން މީގެ ދެ އަހަރު ކުރިން ހަދާފައިވާ އެއްބަސްވުމެއްގައިވާ ގޮތުން އެލްޖީގެ ފިހާރަތަކުގައި ވިއްކޭނީ ހަމައެކަނި އެލްޖީގެ ފޯނުތަކާއި ސެމްސަންގްގެ ފޯނުތައް ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.

ސެމްސަންގް އިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއްކަމަކީ އެލްޖީގެ ފިހާރަތަކުން އެޕަލްގެ އުފެއްދުންތައް ވިއްކަން ފެށުމުން ސެމްސަންގުގެ 5ޖީ އުފެއްދުންތަކަށް ގެއްލުންލިބޭނެތީއެވެ. އެޕަލްއަކީ 5ޖީ އެންމެ ކުރީގައި އޮތް ކުންފުންޏަށްވާ އިރު މި ލިސްޓުގައި ސެމްސަންގް އޮތީ ހަތަރުވަނަައިގައެވެ.

އެޕަލްގެ އުފެއްދުންތައް ދެކުނު ކޮރިޔާގައި ހުންނަ އެލްޖީގެ ފިހާރަތަކުން ވިއްކާތީ އެ ގައުމުގެ ސަރުކާރުންވެސް ނުރުހުން ފާޅުކޮށްފައިވާއިރު އެ ގައުމުގެ ސަރުކާރުން ބުނީ އޭގެ ސަބަބުން އެގައުމުގެ ޓެކް މާކެޓަށް ގެއްލުން ލިބޭނެ ކަމަށެވެ.

އެޕަލްގެ އުފެއްދުންތައް ހުއްޓާލުމާ ގުޅޭގޮތުން އެލްޖީ އިން ބުނީ އެ ކުންފުނިން އެޕަލްގެ އުފެއްދުންތައް ވިއްކުމަށް ވިއްކާ ފަރާތްތައް ތަމްރީން ކުރުންވެސް ހުއްޓާލާނެ ކަމަށެވެ.

އެލްޖީ އިން މި ނިންމުން ނިންމިއިރު މީގެ ކުރިން އެލްޖީގެ ފިހާރަތަކުގައި އެޕަލްގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޕްރޮމޯޝަންތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެލްޖީގެ 400 އަށްވުރެ ގިނަ ފިހާރަތަކުގައި އެޕަލްގެ އުފެއްދުންތައް ވިއްކާފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު