ބޮލީވުޑްގެ ފިލުމުތަކުގެ ތެރެއިން ބައެއް ފިލުމުތަކަކީ އެތައް އަހަރެއް ވާއިރު ވެސް އެ ފިލްމަކަށް އެތައް ބައެއްގެ ތަރުހީބު އޮންނަ ފިލްމުތަކެކެވެ.

"ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ"، "މޮހޮއްބަތޭން"، "ކިލާޅީ420"، "ދޭވްދާސް" ފަދަ ފިލްމުތަކަކީ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ފަނޑުވުމެއް ނެތް ފިލްމުތަކެކެވެ.

ޝާހުރުކް ޚާނާއި އައިޝްވާރިޔާ ރާއީ ބައްޗަން އާއި މާދޫރީ ޑިކްޝިޓް ނެނޭގެ އެކްޓިންގެ ހުނަރު ދައްކާލާފައިވާ ފިލުމު ''ދޭވްދާސް'' އަށް 19 އަހަރު ފުރުމާ ގުޅިގެން ޝާހުރުކް ޚާން ކޮށްފައިވާ ޕޯސްޓުގައި ފިލުމުގެ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ.

އިންސްޓަގްރާމުގައި ފިލުމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ދޭވްދާސް ކާމިޔާބު ފިލުމަކަށް ހެދުމަށް މާދޫރީ އާއި އައިޝްވާރިޔާއާއި ޖެކީ ޝްރޯފްއާއި އެހެނިހެން ބައިވެރިންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

އެތައް ގުރުބާނީއެއް ވެގެން ވަރަށް ހާލުގައި ކުޅެފައިވާ މި ފިލުމު ކާމިޔާބު ފިލުމަކަށް ވުމަށް އެންމެން ވެސް ކުރި މަސައްކަތަށް ޝުކުރު އަދާކޮށް މި ފިލުމުގައި ޝާހުރުކް ޚާނަށް އެންމެ އުނދަގޫވި ކަންތައް ވަނީ ހިއްސާ ކޮށްފައެވެ.

ޝާހު ބުނެފައިވަނީ އެ ފިލުމުގައި ޝާހު އަނދެގެން އުޅޭ ހުދުކުލައިގެ ފޮށާގަނޑު ފައިބާ ވާހަކައެވެ. އެ ފޮށާގަނޑު އަނދެގެން ނަގާފައިވާ ހުރިހާ ސީންއެއް ވެސް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

ޝާހުގެ އިތުރުން މާދޫރީއާއި ޖެކީ ޝްރޯފް ވެސް ވަނީ 2002 ވަނަ އަހަރު ނިކުތް މި ފިލުމަށް 19 އަހަރު ފުރުން ފާހަގަ ކުރުމަށް އިންސްޓަގުރާމުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ.