މަދުން ނޫނީ ނުފެންނަ އަލިފާން ނަގޫރޯޅިއެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް މި ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ. މިއީ އެމެރިކާގެ ކެލިފޯނިއާގެ ޖަންގައްޔެއްގެ ތެރޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދިޔަ ދުވަސްވެރެއްގައި ނަގާފައިވާ މަންޒަރު ވީޑިއޯއެކެވެ. އެއީ އެ ސަރަހައްދުގެ ހޫނުމިން ވަރަށް ބޮޑަށް މަތިވެގެން ދިޔަ ދުވަސްވަރެއްވެސް މެއެވެ.

އެތައް ބަޔަކަށް ހައިރާން ގެނުވި އެ ވީޑިއޯއިން ދައްކުވައިދެނީ އެ ސަރަހައްދުގެ ހާލަތެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެމެރިކާގެ ފޮރެސްޓް ސާވިސްއިންނެވެ.

ކުރިން ވަރަށް ނުފެންނަ އެ މޫސުމީ ހާލަތު ފެނިގެން ގޮސްފައި ވަނީ ޖޫން 29 ވަނަ ދުވަހު ކްލަމަތް ނޭޝަނަލް ޖަންގަލީގައި އަނދަމުން ދިޔަ ވަގުތުގައެވެ. އެވަގުތު އެ ސަރަހައްދުގެ ވައިވެސް ހުރީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ނަގޫރޯޅިއާއެކު ކަޅު ދުމާއި، އަލިފާންގަނޑު ކައިރީގައި އެނބުރޭ މަންޒަރެވެެ.

ބީބީސީ ބުނެފައި ވަނީ، މިފަދަ ނަގޫރޯޅި އަރަނީ ވަރަށް އެހެން ކަހަލަ ހާލަތެއްގައި ކަމަށާއި އެއީ ބިމާއި އެއްވަރަށް ހިފާފައިވާ ވަޔާއި އަލިފާނާއި އެއްވުމުން ކަމަށެވެ.

މީޓްރޮލަޖިސްޓް ޗާލްސް ސްމިތް ބުނެފައި ވަނީ މިދިޔަ މަހުގެ އަލިފާން ނަގޫރޯޅި ވަރަށް ބާރުގަދަ ކަމަށެވެ. އަދި ނޭޝަނަލް ވެދާ ސާވިސް ރާޑަރުން 30 މިނެޓުގެ ރޮޓޭޝަން ނެގުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

މިއީ އެފަދަ މަންޒަރެއް އެތައް ބަޔަކަށް ފެނުނު ފުރަތަމަ ފަހަރެވެ. އެގޮތުން އެ ނަގޫރޯޅިއާއެކު ގަސްތައް އުފުރާލައިގެން ގެންދިޔަ ކަމަށް ބުނެފައި ވެއެވެ.