އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކަށް މިދިޔަ ހުކުރު ދުވަހު އެރި ނަގޫރޯޅިތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 32 އަށް އަރާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހަތް ސްޓޭޓަކަށް 50 އަށް ވުރެ ގިނަ ނަގޫރޯޅި ހުކުރު ދުވަހު އެރިއެވެ. އެނަގޫރޯޅިތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައި ވާއިރު، މިހާރު ވެސް ގިނަ ބަޔަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެހެންކަމުން ނަގޫރޯޅިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ވެސް މަރުވެފައިވާ މީހުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޮފިޝަލުން ބުނެއެވެ.

އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އަކަންސަސް އާއި އިންޑިއާނާ އަދި ޓެންނެންސީންނެވެ. އެތިން ސްޓޭޓުން މަރުވި މީހުންގެ އަދަދު 15 އަށް އަރައެވެ. މެންފިސް އިން ވެސް ވަނީ ތިން މީހުން މަރުވެފައެވެ. އޭގެތެރޭގައި ދެކުޑަކުދިން ވެސް ހިމެނެއެވެ.

އިލިނޮއިސް އަށް އެރި ނަގޫރޯޅިއެއްގައި ވަނީ އެވަގުތު ކޮންސެޓެއް ކުރިއަށް ދިޔަ އިމާރާތެއްގެ ފުރާޅު ވެއްްޓިފައެވެ. އޭރު އެތަނުގައި ކުރިއަށް ދިޔަ މެޓަލް ލަވަ ކޮންސެޓްގައި 200 ވަރަކަށް މީހުން ބައިވެރިވަމުން ދިޔައެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ފުރާޅު ދަށުވެގެން މަރުވެފައެވެ. އަދި ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ.

އެމެރިކާގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިދުވަސްވަރު އަދިވެސް ބައެއް ސަރަހައްދުތަކަށް ނަގޫރޯޅިތައް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ބައެއް ސަރަހައްދުތަކަށް އިއްޔެ ވެސް ނަގޫރޯޅިތައް އަރާފާނެ ކަމަށް ލަފާކޮށް އިންޒާރު ދިނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ނަގޫރޯޅި އެރި ސަރަހައްދުތަކަށް މައި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާރު ވަނީ އެހީގެ ތަކެތި ފޮނުވަން ފަށާފައެވެ.

އެމެރިކާއަށް ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއެވެ.