ބޮލީވުޑްގެ ބަތަލާ ކެތުރީނާ ކެއިފުގެ 38 ވަނަ އުފަން ދުވަސް ޖުލައި 16 ވަނަ ދުވަހު ވަނީ ފާހަގަކޮށްފައެވެ. އަދި ކެތުރީނާ އަށް އެތައް ބަޔަކު ވަނީ ތަހުނިޔާގެ މެސެޖް ފޮނުވައިފިއެވެ.

ކެތުރީނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތްތަކުގެ ތެރޭގައި ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ހިމެނެއެވެ. އޭގެތެރެއިން އެކަކީ ކެތުރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ.

ސަލްމާން ޚާންގެ ސްޓައިލިސްޓް އަދި ގާތް ރަހުމަތްތެރިއެއް ކަމުގައިވާ އަޝްލޭ ރިބެއްލާ ފޮނުވި އުފަންދުވަހުގެ ތަހުނިޔާއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ތަހުނިޔާއެކެވެ.

ސަލްމާން ޚާނާއި އެކު ކެތުރީނާ ކުޅެފައިވާ ފިލުމު ''ބާރަތު'' ގައި ކައިވެނީގެ ހެދުން އަޅައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ ވަރަށް އަވަހަށް ކެތުރީނާ އެ ހެދުމުގައި ފެންނަން ބޭނުންވާ ކަމަށެވެ.

އަޝްލޭގެ މި ތަހުނިޔާއާއެކު ކެތުރީނާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

އަޝްލޭގެ މި ތަހުނިޔާއަކީ ކެތުރީނާގެ ގާތް ރަހުމަތްތެރިންގެ އިތުރުން ސަޕޯޓަރުން ވެސް އިންތިޒާރު ކުރަމުންދާ ދުވަހެއް ކަމަށް ބުނެފައިވެއެވެ.

ކެތުރީނާއާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވަނިކޮށް އެކްޓަރ ހަރްޝްވަރްދަން ވަނީ ތެދެއް ކަމަށް ބުނެފައެވެ. ނަމަވެސް ވިކީއާއި ކެތުރީނާގެ ފަރާތުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކެތުރީނާއާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަރްޝްވަރްދަން ބުނުމުން ކެތުރީނާ ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެެވެ.

ސަލްމާން ޚާނާއެކު ގިނަ އަހަރުތަކެއް އެކުގައި އުޅުމަށް ފަހު ކެތުރީނާ ވަނީ ރަންބީރު ކަޕޫރާއެކު ހަ އަހަރު ވަންދެން އުޅެފައެވެ. އޭގެފަހުން ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް ހުރުމަށް ފަހު ވިކީއާ ގުޅިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު